Roadha Mihaaru
ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރިހާސަލް ފަށައިފި

ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރިހާސަލް ފަށައިފި

01 މެއި 2023

އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށްޓަކައި، އެކަމުގެ ރިހާސަލް ހަރަކާތްތައް އިއްޔެ ފަށައިފި އެވެ.

އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެއް، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށްޓަކައި، އެކަމުގެ ރިހާސަލް ހަރަކާތްތައް އިއްޔެ ފަށައިފި އެވެ.

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ވީހާ އޮމާންކޮށް ކުރިއަށް ގެންދިއުމަށްޓަކައި، އެކަމުގެ ރަސްމިއްޔާތު ބާއްވަނީ އެ ގައުމުގެ ހެމްޝަޔާގައި އޮޑިހަމް އަވަށުގައި އޮންނަ އިނގިރޭސި ވައިގެ ސިފައިންގެ މަރުކަޒެއްގަ އެވެ. ރިހާސަލް ކުރިއަށް ދަނީ، އެކަމުގެ ރަސްމިއްޔާތު އޮންނަ ސަރަހައްދުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް އެކަމަށް ޚާއްސަކޮށްގެންނެވެ.

މިހާރު ފަށާފައިވާ ރިހާސަލްގައި އިއްޔެ އޮތީ، މިފަދަ ރަސްމިއްޔާތުތަކުގައި އޮންނަ އަސްކަރީ ހިނގާލުމުގައި ބައިވެރިވާ ސިފައިންގެ ތެރެއިން 7000 ސިފައިން ބައިވެރިވާ އަސްކަރީ ހިނގާލުމެވެ. މިއީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ޖަނާޒާގައި، ޖެނުއަރީ 1965ގައި ބޭއްވި އަސްކަރީ ހިނގާލުމަށް ފަހު، މިހާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ ފުރަތަމަ އަސްކަރީ ހިނގާލުމެވެ.

ރިހާސަލްގެ ހަރަކާތްތައް ކުރިއަށް ދަނީ، ވައިގެ ސިފައިންގެ މަރުކަޒުގެ ތެރޭގައި، ބަކިންހަމް ގަނޑުވަރާއި ވެސްޓްމިންސްޓާ އަބޭ ކިޔާ ފައްޅިއާ ދެމެދު ހުންނަ ބަރާބަރު ދުރުމިނުގައި ދެ ތަން ފާހަގަކޮށް، އެ ދެމެދުގައި އޮންނަ މަގާ އެއްގޮތަށް މަގު ވެސް ހަދައިގެންނެވެ. މި އަސްކަރީ ހިނގާލުމުގައި އިނގިރޭސި ދިދައިގެ ދަށުން ވެރިކަން ކުރާ ހަ ސަރަހައްދާއި، ކޮމަންވެލްތުގެ 34 ގައުމެއްގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ބައިވެރިވެ އެވެ.

ރަސްގެފާނު ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބާއްވާ އަސްކަރީ ހިނގާލުމަކީ، މިހާ ގިނަ ގައުމުތަކުގެ ސިފައިން ބައިވެރިވާ ގޮތަށް މިހާތަނަށް ބާއްވާ މިފަދަ ފުރަތަމަ އަސްކަރީ ހިނގާލުމެވެ. މި އަސްކަރީ ހިނގާލުމުގައި ބައިވެރިވާ ސިފައިން، އެމީހުންގެ ބޫޓުތައް ޕޮލިޝް ކުރާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.

އެހެން ނަމަވެސް، ރިހާސަލްގެ ހަ ދުވަހު ވެސް، ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއްގައި ހިނގާލުން ފަރިތަކުރަންޖެހޭތީ، ރަސްމީ ބޫޓު ބޭނުންކުރުމުން ސިފައިންގެ ފަޔަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ރިހާސަލްގައި އާދައިގެ ފަސޭހަ ބޫޓެއް ބޭނުންކުރުމަށް ވަނީ ހުއްދަ ދީފަ އެވެ.

ޑައިމަންޑް ޖުބިލީ ސްޓޭޓް ކޯޗް"ގެ ނަންދީފައިވާ ޝާހީ އަސްގާޑިޔާކޮޅު

ޑައިމަންޑް ޖުބިލީ ސްޓޭޓް ކޯޗް"ގެ ނަންދީފައިވާ ޝާހީ އަސްގާޑިޔާކޮޅު

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ރާނީ ކެމީލާ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ވީހާ ގިނަ މީހުން ބައިވެރިވެ، އިނގިރޭސި ތަޚުތަށް ވަފާތެރިކަމުގައި ތިބި ކަމުގެ ޝުއޫރުތައް ފާޅުކުރުމަށް ޝާހީ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. ރަސްގެފާނުގެ ދެ ކަނބަލުން ބަކިންހަމް ގަނޑުވަރާއި ވެސްޓްމިންސްޓާ އަބޭއާ ދެމެދު އަސްގާޑިޔާކޮޅުގައި ދަތުރު ކުރައްވާއިރު، އެ ސަރަހައްދުގެ މަގުގެ ދެ ފަރާތުގައި އާންމުންނަށް ތިބެވޭނެ އެވެ.

އޭގެ އިތުރުން އިނގިރޭސި ދިދައިގެ ދަށުން ވެރިކަން ކުރާ ގައުމުތަކުގެ މައިދާންތަކާއި ޕާކްތަކުގައި ބޮޑެތި ސްކްރީންތައް ބަހައްޓައި، އެ ރަސްމިއްޔާތު ވަގުތުން ބެލުމުގެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ރަސްގެފާނު ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާމީ މެއި 6 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ދުވަހު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ޝާހީ އަސްގާޑިޔާކޮޅުގެ ދެ ދަތުރެއް ބާއްވާނެ އެވެ. އެއީ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށްޓަކައި، ރަސްގެފާނު ޗާލްސްގެ ދެ ކަނބަލުން ބަކިންހަމް ގަނޑުވަރުން ވެސްޓްމިންސްޓާ އަބޭ އަށް ކުރައްވާ ދަތުރާއި، އެ ރަސްމިއްޔާތަށް ފަހު އެނބުރި ބަކިންހަމް ގަނޑުވަރަށް ވަޑައިގަންނަވާ ދަތުރެވެ.

"ގޯލްޑް ސްޓޭޓް ކޯޗް" ގެ ނަން ދީފައިވާ އަސްގާޑިޔާކޮޅު

"ގޯލްޑް ސްޓޭޓް ކޯޗް" ގެ ނަން ދީފައިވާ އަސްގާޑިޔާކޮޅު

މީގެ ތެރެއިން ފުރަތަމަ ދަތުރުގައި ރަސްގެފާނު ޗާލްސް ބޭނުންކުރައްވާނީ، އަވަހާރަވެފައިވާ މަންމާފުޅު ރާނީ އެލިޒަބަތުގެ ރަނިކަމުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި އޮސްޓްރޭލިޔާ އިން ތައްޔާރުކޮށް، 2014 ވަނަ އަހަރު އިނގިރޭސި ޝާހީ އާއިލާއާ ހަވާލުކުރި އަސްގާޑިޔާކޮޅެކެވެ. މިހާރު އިނގިރޭސި ވިލާތުގެ މަގުތަކުގައި ދުއްވާ ކާރުތަކަށް ވުރެ ދިގު މި އަސްގާޑިޔާކޮޅު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ، 2014 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގަ އެވެ.

ރަސްމިއްޔާތަށް ފަހު އެނބުރި ގަނޑުވަރަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ބޭނުންކުރައްވާނީ، "ގޯލްޑް ސްޓޭޓް ކޯޗް" ކިޔާ އަސްގާޑިޔާކޮޅެވެ. މިއީ 1760 ވަނަ އަހަރު ޚިދުމަތަށް ނެރުނު އަސްގާޑިޔާކޮޅެކެވެ. އެންމެ ފުރަތަމަ ބޭނުންކުރީ 1762 ވަނަ އަހަރު ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އަދި އިނގިރޭސި ވިލާތުގެ ކުރީގެ ރަސްގެފާނު ވިލިއަމް ހަތަރެއް، 1831 ވަނަ އަހަރު ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ބޭނުންކުރި ފަހުން، ތަޚުތުގައި ވެޑުވުމުގެ ހުރިހާ ރަސްމިއްޔާތެއްގައި ވެސް މި އަސްގާޑިޔާކޮޅު ބޭނުންކުރި އެވެ.