Roadha Mihaaru
ބޮރިސް ޖޯންސަން މަޖިލީހުން ވެސް އިސްތިއުފާ ދެއްވައިފި

އިނގިރޭސި ވިލާތުގެ މަޖިލިސް މެންބަރުކަމުން ވެސް ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވައިފި

10 ޖޫން 2023

ލަންޑަން (ޖޫން 10) - އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން، އެ ގައުމުގެ މަޖިލީހުގެ މެންބަރުކަމުން ވެސް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ލަންޑަން (ޖޫން 10) - އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން، އެ ގައުމުގެ މަޖިލީހުގެ މެންބަރުކަމުން ވެސް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ޖުލައި 2019 އިން ސެޕްޓެމްބަރު 2022 އާ ހަމައަށް އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި ބޮރިސް ޖޯންސަން، މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ އިދާރާގެ ތަހުގީގު ކޮމިޓީން އޭނާގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުންނެވެ.

އޭނާއާ ދެކޮޅަށް ތަހުގީގު ކުރަނީ ކޮވިޑް-19 ގެ ދުވަސްވަރު ޑައުންނިން ސްޓްރީޓްގައި ލޮކްޑައުން އުސޫލާ ހިލާފަށް ބާއްވަމުން ދިޔަ ޕާޓީތަކާ ގުޅޭގޮތުން އިނގިރޭސި މަޖިލީހަށް އޮޅުވާލި ކަމަށް ތުހުމަތުކޮށެވެ.

މަޖިލީހުގެ ކޮމިޓީން ސިއްރު ސިޓީއެއް ލިބިވަޑައިގަތުމުން، މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ބޮރިސް ޖޯންސަން ވިދާޅުވީ މަޖިލީހުގެ މެންބަރުތަކެއް އުޅުއްވަނީ "ކެންގަރޫ ކޯޓް" ހިންގާހެން މަޖިލީހުގައި ކަންކަން ކުރިއަށް ގެންދަން ކަމަށެވެ.

އޭނާ ވަނީ ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މެންބަރުކަމުން އިސްތިއުފާ ދެއްވީ އެހެން މެންބަރުތަކެއް މަޖުބޫރު ކުރުމުން ކަމަށެވެ.

"އަހަންނަށް މަޖުބޫރުކޮށްގެން މަޖިލީހުން ނެރެނީ. އެއީ މަދު އަދަދެއްގެ ބަޔަކު އިސްވެ ތިބެގެން ކުރާ ކަމެއް. އެ މީހުން ކުރާ ތުހުމަތުތަކަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތް،" ބޮރިސްގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.

ބޮރިސް މަޖިލީހުން ސަސްޕެންޑް ކުރުމަށް ލަފާ ދިނުމުގެ ބާރު އިމްތިޔާޒު ކޮމިޓީ އަށް ލިބެ އެވެ. ސަސްޕެންޝަން 10 ދުވަހަށް ވުރެ ދިގު ނަމަ، އޭނާގެ ދާއިރާގެ ވޯޓުލާ މީހުންނަށް އާ އިންތިހާބެއް ބޭއްވުމަށް ޑިމާންޑް ކުރެވޭނެ އެވެ.

އޭނާ ވިދާޅުވީ މަޖިލީހާ ވަކިވަނީ މި ވަގުތަށް ކަމަށެވެ. އަންނަ އަހަރު އިނގިރޭސި ވިލާތުގެ އާންމު އިންތިހާބު އޮންނާނެ އެވެ. އެ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލެވެ. އެކަމަކު މިފަހަރު އުފެދުނު މައްސަލަތަކާ އެކު އޭނާގެ 22 އަހަރުވީ ސިޔާސީ ކެރިއަރަށް ނިމުން އައީ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.