Roadha Mihaaru
ކްރިމިނަލް ކޯޓުން ދުވަސްވީ މައްސަލަތައް ނިންމަނީ

ކްރިމިނަލް ކޯޓުގައި ހުރި ދުވަސްވީ މައްސަލަތައް ނިންމަން ކޯޓުގެ ވަގުތު އިތުރުކޮށްފި

28 މެއި 2022

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން އެ ކޯޓުގެ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން އެ ކޯޓުގެ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

އެ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބެކްލޮގް ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކޯޓުގައި އާންމުކޮށް މައްސަލަތައް ތާވަލުކުރަމުން އަންނަ ވަގުތުގެ އިތުރުން، މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް މައްސަލަތައް ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.

ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ލަސްވުމާއި ޝެޑިއުލް ނުކުރާ މައްސަލާގައިި މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އެ ބައްދަލުވުންތަކުގައި ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ "ބެކްލޮގް" ހުސްކުރަން 16 އަހަރު ނަގާނެ ކަމަށާއި އެއް އަހަރު ތެރޭގައި އެ މައްސަލަތައް ނިންމޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީގައިޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ 2019 ވަނަ އަހަރު އެ މެންބަރުން ޖޭއެސްސީއާ ހަވާލުވި އިރު ކްރިމިނަލް ކޯޓުގައި 2022 މައްސަލަ އޮތް ކަމަށާއި އޭގެ އިތުރުން ކޮންމެ އަހަރަކު އެވްރެޖްކޮށް 900 މައްސަލައެއް އެ ކޯޓަށް ހުށަހަޅާ ކަމަށެވެ.

އޭރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް ކްރިިމިނަލް ކޯޓުގެ ބެކްލޮގްގައި 1،182 މައްސަލަ އޮތް ކަމަށާއި ހުކުމްކުރުމާ ހަމަޔަށް ކޮންމެ މައްސަލައަކަށް މަދުވެގެން 10 އަޑުއެހުން ބާއްވަން ޖެހޭ ކަމަށް ވެސް ހިސާން އޭރު ވިދާޅުވި އެވެ.

ބެކްލޮގް މައްސަލަތައް އަވަަހަށް ނިންމަން ހައްލެއްގެ ގޮތުގައި އޭރު ވެސް ހިސާން ވިދާޅުވީ މެންދުރުފަހު 2:00 އިން 5:00 އަށް ކޯޓުގެ ވަގުތު އިތުރުކުރުމެވެ.