Roadha Mihaaru
ޖޭއެސްސީ އިންތިޚާބުގެ ވޯޓުލާން ފަށައިފި

ދަށު ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވަން ވޯޓުލާން ފަށައިފި

24 އޯގަސްޓް 2019

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރަކު ހޮވަން ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރަކު ހޮވަން ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވާތީ ބާއްވާ އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެ އިންތިޚާބުގެ ވޯޓު ފޮށިތައް ކޮންމެ ޖުޑީޝަލް ދާއިރާއެއްގެ އެއް ރަށެއްގައި ބަހައްޓާފައިވެ އެވެ. އެގޮތުން 21 ވޯޓު ފޮށި ބެހެއްޓި އެވެ.

ޖޭއެސްސީއަށް ދަށު ކޯޓުތަކުން މެމްބަރަކު އިންތިޚާބު ކުރާއިރު، ވަކީލުންގެ ތެރެއިން ވެސް ދާދި ފަހުން ވަނީ ޖޭއެސްސީއަށް މެމްބަރަކު އިންތިޚާބުކޮށްފަ އެވެ. އަދި އާންމުންގެ ތެރެއިން ހުންނަވާ މެމްބަރުގެ ދައުރު މި އަހަރު ހަމަވާތީ އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ.