Roadha Mihaaru
މޮޅު ފެތުންތެރިން ވެސް ކަނޑުގަދަވީމަ ލައިފްޖެކެޓްގައި

ފަތަން ދަންނަ، މޮޅު މީހުން ވެސް ކަނޑުގަދަވުމުން ލައިފްޖެކެޓުގައި!

21 މެއި 2022

އެއީ ނިމިގެން މި ދާ ހަފުތާގައި މޫސުން އެންމެ ގޯސްވެ، ކަނޑުގަދަވި ދުވަހެކެވެ. ހދ. ކުޅުދުއްފުށިން ފުރައިގެން، ޅ. ނައިފަރަށް ދަތުރުކުރި ލޯންޗެއްގައި ތިބި ބައެކެވެ. އެ ލޯންޗުގައި ސެޓިފައިޑް ސްވިމިން އިންސްޓްރަކްޓަރަކާއި ލައިފްގާޑް އިންސްޓްރަކްޓަރެއް ވެސް ހުއްޓެވެ. ދެން ވެސް ތިބީ ފަތަން އެނގޭ، ކަނޑުމައްޗަށް ވަރަށް ގަދަ މީހުންނެވެ. އެހެންވިޔަސް، އެ އެންމެ ވެސް ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ؛ ގަވާއިދަށް ބޯލަނބައި، އެ މީހުން ދެއްކީ ރީތި މިސާލެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއީ ނިމިގެން މި ދާ ހަފުތާގައި މޫސުން އެންމެ ގޯސްވެ، ކަނޑުގަދަވި ދުވަހެކެވެ. ހދ. ކުޅުދުއްފުށިން ފުރައިގެން، ޅ. ނައިފަރަށް ދަތުރުކުރި ލޯންޗެއްގައި ތިބި ބައެކެވެ. އެ ލޯންޗުގައި ސެޓިފައިޑް ސްވިމިން އިންސްޓްރަކްޓަރަކާއި ލައިފްގާޑް އިންސްޓްރަކްޓަރެއް ވެސް ހުއްޓެވެ. ދެން ވެސް ތިބީ ފަތަން އެނގޭ، ކަނޑުމައްޗަށް ވަރަށް ގަދަ މީހުންނެވެ. އެހެންވިޔަސް، އެ އެންމެ ވެސް ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ؛ ގަވާއިދަށް ބޯލަނބައި، އެ މީހުން ދެއްކީ ރީތި މިސާލެކެވެ.

އެ ދަތުރުގައި، މީހުން ބާލަން ތިން ރަށަކަށް، އެ މީހުން މަޑު ވެސް ކުރި އެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަވި އެ ދަތުރަށް އެ މީހުން ފުރީ، އެ ގަދަ ކަނޑު ހުރަސްކޮށް، މަންޒިލަށް ދެވޭނެ ކަމުގެ ޔަގީންކަން ކައްޕި ދިނުމުންނެވެ. އަދި ކައްޕި އެ ދަތުރު ފެށީ ވެސް، އޭނާގެ ޒިންމާ އަދާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.

ޝޯޝަލް މީޑިއާގައި އިއްޔެ އެ ދަތުރުގެ ފޮޓޯއެއް އާންމުންވެ، ވައިގައި ހިފި އެވެ. އެ ވާހަކަދެކެވެން ފެށި އެވެ.

އެ ލޯންޗުން ދަތުރުކުރި ގިނަ މީހުންނަކީ ފުލުހުންނެވެ. ބައެއް އާންމުން ވެސް ދަތުރުކުރި އެވެ.

ލައިފް ޖެކެޓްތަކެއް: ރާއްޖޭގައި ކަނޑު ދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން ވަނީ މަޖުބޫރު ކޮށްފައި -- ފައިލް ފޮޓޯ: ކޯލްޑް ނިއުސް

ލައިފް ޖެކެޓްތަކެއް: ރާއްޖޭގައި ކަނޑު ދަތުރުތައް ކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން ވަނީ މަޖުބޫރު ކޮށްފައި -- ފައިލް ފޮޓޯ: ކޯލްޑް ނިއުސް

އެ ދަތުރުގެ އެއް ބައިވެރިޔަކު ކިޔައިދިން ގޮތުގައި، އެ ދުވަހު "ގުދާރު ބިންދައިގެންދާހާ" ކަނޑުގަދަ އެވެ. އެ ދަތުރުގައި އޭނާއާ އެކު، ބައިވެރިވި އެހެން މީހުންގެ ތެރޭގައި، އެކި މީހުންނަށް ފަތަން ދަސްކޮށްދިނުމަށް ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކުރި ސްވިމިން ކޯޗަކު ވެސް ހުއްޓެވެ.

"ދެން ބާކީ ތިބި އެންމެންނަކީ ވެސް 40 މިނެޓް ވަންދެން ފެންމަތީގައި އޮވެގެންނާއި 100 މީޓަރުގެ ފްރީ ސްޓައިލް ސްވިމިން އަދި 50 މީޓަރުގެ ރެސްކިއު ޓެސްޓްތައް ހަދައިގެން ފާސްވެފައި ތިބި މީހުން،" އޭނާ ބުންޏެވެ.

"އެ އެންމެންނަކީ ވެސް ހަމަ ވަރަށް ރަނގަޅަށް ފަތަން އެނގޭ އަދި ރެސްކިއުގެ ތަޖުރިބާ ވެސް ހުރި މީހުން."

އެހެންވިޔަސް، އޭނާ ބުނީ އެއީ ވަރަށް ކަނޑުގަދަ ދުވަހަކަށް ވުމުން، އެ އެންމެން ވެސް ތިބީ ލައިފްޖެކްޓް އަޅައިގެން ކަމަށެވެ. ކިތައްމެ ކަނޑުގަދަވިޔަސް އަދި ފަތަން ދަތަސް، މާ ގަދަ މީހެކޭ ހިތާ ބައެއް މީހުން އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯނުލެނބުމަކީ އޭނާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ބުންޏެވެ.

"ކަމެއް ވާނީ ކިހިނެއް، ކޮންއިރަކު ކަމެއް އެނގެނީ ކިހިނެއް؟" އޭނާ ސުވާލު ކުރި އެވެ.

"ގަވާއިދުތަކަށް އިހުތިރާމުކުރުމާއި ބޯލެނބުމަކީ މާ ކަނޑަކަމެކޭ ގަބޫލުކުރުން ދޫކޮށްލަންވީ. އެއީ މީހާ އަށް ލިބޭނެ ހިތްޖަމަޖެހުމެއް. އަދި އަހަރެމެންގެ އެންމެންގެ ވެސް ޒިންމާއެއް."

އެ ޒިންމާ އަދާކޮށްފި ނަމަ، "ރައްކާވެ ތިބިއްޔާ ދަތުރެވެ،" ބުންޏެވެ.

ގަވާއިދެއް އޮތަސް، އަމަލު ކުރޭތަ؟

އޭނާ ބުނީ، ރާއްޖޭގައި އަބަދު ވެސް ކަމެއް އިސްލާހުކުރެވެނީ ހިތްދަތި ހާދިސާއެއް ހިނގުމުން ކަމަށެވެ؛ ލައިފްޖެކްޓް އެޅުން މަޖުބޫރުވީ ވެސް ހަމަ އެފަދަ ހާދިސާއެއްގެ ހިނގި ފަހުންނެއްނޫންހޭ ބުނެ، އޭނާ ފާހަގަކުރީ ދުރާލައި ރައްކާތެރިވެގެން ތިބުމުގެ މުހިންމު ކަމެވެ. އޭނާ އަސްލު ދޭން ބޭނުންވި މެސެޖަކީ ވެސް ކަމެއް ވަންދެން މަޑުނުކޮށް، އަމިއްލަ އަށް ނަމަވެސް ރައްކާތެރިވެ ތިބުމެވެ.

"އެހެންވެ، ސޯޝަލް މީޑިއާ އަށް އެ ފޮޓޯ ލީ ވެސް،" އޭނާ ބުންޏެވެ.

ދިގުމިނުގައި ނުވަ މީޓަރު (30.5 ފޫޓް) ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުރުކުރާ އިރު، ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ، ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ވާގޮތަށް ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހު ގެނައީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.

މިދިޔަ އަހަރު ސަރުކާރުން ލައިފްޖެކެޓް މަޖުބޫރުކުރީ މޫސުން ގޯސް ދުވަހެއްގައި މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ބިންދާލި ރަޅަކާ އެކު، ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި މަންމައަކު ކަނޑަށް ވެއްޓި، މަރުވެ، އޭނާގެ ދަރިފުޅު ގެއްލުނު ފަހުންނެވެ. އެ ކަހަލަ ހިތާމަވެރި، ކިތަންމެ ހާދިސާއެއް ރާއްޖޭގައި ހިނގާފައިވެ އެވެ.

ލައިފްޖެކެޓް އެޅުވުން ކެޕްޓަނަށް ލާޒިމު ހާލަތްތައް

- ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު.

- ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް، މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު.

- މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު.

މޫސުން ގޯސްވެގެން އެކި އެލާޓްތައް ނެރެފައިވާ ވަގުތުތަކުގައި ފަސިންޖަރުން އުފުލުން ވެސް މަނަ އެވެ. ނުވަ މީޓަރުން ފެށިގެން ކުރު އުޅަނދުތަކުގައި ދަތުރުކުރުމަކީ ޔެލޯ އެލާޓާއި އޮރެންޖް އެލާޓް އަދި ރެޑް އެލާޓް ނެރެފައިވާ ހާލަތްތަކުގައި މަނާ ކަމެކެވެ. އެ ހާލަތުގައި އެވަރުގެ ކުދި އުޅަނދުގައި (ފަސިންޖަރުންނާ ނުލައި ވެސް) ކަނޑަށް ނުކުތުމަކީ މަނާކަމެކެވެ. އެކަމުން އިސްތިސްނާ ވާނީ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތަކެވެ.