Roadha Mihaaru
ކެޕްޓަނުން އަމިއްލަ ދަނޑުގައި ކުޅުނު ފަހުމެޗު އެއްވަރު

ކިއެލީނީ އާއި ޑިބާލާ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗު އެއްވަރު

17 މެއި 2022

ޓިއުރިން (މެއި 17) - ޔުވެންޓަސްގެ ކެޕްޓަން އަދި ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ އާއި ވައިސް ކެޕްޓަން، ފޯވާޑް ޕައޮލޯ ޑިބާލާ އަމިއްލަ ދަނޑުގައި އެ ޓީމަށް ކުޅެދިން ފަހު މެޗު، ލާޒިއޯއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (މެއި 17) - ޔުވެންޓަސްގެ ކެޕްޓަން އަދި ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ އާއި ވައިސް ކެޕްޓަން، ފޯވާޑް ޕައޮލޯ ޑިބާލާ އަމިއްލަ ދަނޑުގައި އެ ޓީމަށް ކުޅެދިން ފަހު މެޗު، ލާޒިއޯއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އިޓާލިއަން ކަޕް ފައިނަލުގައި އިންޓަ މިލާން އަތުން ޔުވެންޓަސް ބަލިވުމާ އެކު، އެ ޓީމަށް ވަނީ 2010/11 ވަނަ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހިފަ އެވެ.

ލީގުގެ ހަތަރުވަނައިގައި ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ޔަގީންވެފައިވީ ނަމަވެސް އެ ޓީމުން ވަނީ ކިއެލީނީ އާއި ޑިބާލާގެ ފަހު މެޗުގައި މޮޅަކާ އެކު ނިންމާލަން މަސައްކަތް ކޮށްފަ އެވެ.

ފުރަތަމަ ލަނޑު ޖެހި ވްލަހޯވިޗް ޑިބާލާއާ އެކު އުފާފާޅުކުރަނީ.--

ފުރަތަމަ ލަނޑު ޖެހި ވްލަހޯވިޗް ޑިބާލާއާ އެކު އުފާފާޅުކުރަނީ.--

މެޗުގެ 10 ވަނަ މިނިޓުގައި އަލްވަރޯ މޮރާޓާ ދިން ބޯޅައަކުން ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ ޑޫސާން ވްލަހޯވިޗެވެ. މި ލަނޑު ޖަހައި އޭނާ ވަނީ ޑިބާލާގެ ޓްރޭޑްމާކް މާސްކް ސެލެބްރޭޝަނާ އެކު އުފާފާޅު ކޮށްފަ އެވެ.

ކެޕްޓަން ކިއެލީނީ 2005 ވަނަ އަހަރުން ފެށިގެން ޖުވެންޓަސް އަށް 17 އަހަރު ކޮށްދިން ހިދުމަތް ފާހަގަކޮށް، މެޗުގެ 17 ވަނަ މިނިޓުގައި ކިއެލީނީ ވަނީ ބަދަލު ކޮށްފަ އެވެ. އޭނާ ވަނީ ޔުވެންޓަސްއާ އެކު ނުވަ ލީގު ތަށްޓާއި، ފަސް ކޮޕާ އިޓާލިއާ ވެސް ކާމިޔާބު ކޮށްފަ އެވެ.

ކިއެލީނީ އަކީ 2006/07 ސީޒަނުގައި އެޓީމު ދެވަނަ ޑިވިޝަން ކުޅެން ޖެހުމުން ވެސް ޓީމުގައި މަޑުކުކުރި ކުޅުންތެރިއެކެވެ. އުމުރުން 37 އަހަރުގެ ކިއެލީނީ ވަނީ އަންނަ ޖޫން މަހު އިޓަލީން އާޖެންޓީނާއާ ދެކޮޅަށް ލަންޑަނުގައި ކުޅޭ މެޗަށް ފަހު އިޓަލީ ގައުމީ ޓީމަށް ވެސް ކުޅުން ހުއްޓައިލާނެކަން މިދިޔަ މަހު އިއުލާންކޮށްފަ އެވެ.

ކިއެލީނީ މެޗުގެ 17 ވަނަ މިނިޓުގައި ބަދަލުކުރަނީ.--

ކިއެލީނީ މެޗުގެ 17 ވަނަ މިނިޓުގައި ބަދަލުކުރަނީ.--

ޔުވެންޓަސްގެ ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ޖެހީ މޮރާޓާ އެވެ. ނަމަވެސް ޔޫރޮޕާ ލީގުގެ ޖާގައަކަށް އެންމެ ޕޮއިންޓެއް ބޭނުންވެފައިވާ ލާޒިއޯ އިން ފަރަގު ކުޑަކުރީ 51 ވަނަ މިނިޓުގައި އަލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޖެހީ މިލިންކޮވިޗް ސަވިޗް އެވެ. އޭގެ ކުރިން 78 ވަނަ މިނިޓުގައި ޑިބާލާ ވަނީ ބަދަލު ކޮށްފަ އެވެ.

ޑިބާލާ، 28، ވަނީ 2015 ވަނަ އަހަރު އިޓަލީގެ ޕަލޭމޯ އިން ޖުވެންޓަސް އަށް ބަދަލުވެ، ހަތް ސީޒަނުގައި ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި 291 މެޗު ކުޅެ އޭނާ ވަނީ 115 ގޯލު ޖަހައިދީފަ އެވެ. މި ސީޒަނަށް ފަހު ޑިބާލާގެ ކޮންޓްރެކްޓް ހަމަވާއިރު ޔުވެންޓަސް އިން އޭނާއާ އެކު އެއްބަސްވުމަކަށް ނާދެވިގެން ވަނީ ކުލަބް ދޫކޮށްލަން ނިންމައިފަ އެވެ.

ލާޒިއޯ ލީގުގެ ފަސްވަނައިގައި އޮތީ 63 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް އަށް ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯގެ ފަހަތުގައި ލީގުގެ ހަވަނައިގައި އޮތީ 60 ޕޮއިންޓް ލިބިފައިވާ ރޯމާ އެވެ.

ސެރީ އޭގައި ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ޔުވެންޓަސް ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ.

ފިއޮރެންޓީނާ އޮތީ 59 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. އަދި އަށްވަނައިގައި އޮތް އެޓަލާންޓާ އަށް ވެސް ވަނީ 59 ޕޮއިންޓް ލިބިފަ އެވެ.