Roadha Mihaaru
އެމްޓީސީސީގެ އޭޖީއެމް އަންނަ ބުރާސްފަތީގައި ބާއްވަނީ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ

16 މެއި 2022

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، އެ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށާއި ޖަލްސާ އަށް ހާޒިރުނުވެވޭ ފަރާތްތަކަށް "ފަހި ވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނޯޓު ކުރުމުގެ ފުރުސަތު މާދަމާ ރޭ 8:30އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަމިއްލަ ގޮތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ އެވެ.

ނަން ނޯޓު ކުރުމަށް އެޕްލިކޭޝަން ފޯމް މެއިލް ކުރެވޭނެ ކަމަށާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ "އިންފިނިޓީ ޕޯޓަލް" މެދުވެރިކޮށް ވެސް ނަން ނޯޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖަލްސާގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ހިއްސާދާރުންގެ އަދަދު ގިނަވެއްޖެ ނަމަ، ހާޒިރުވެވޭނެ ފަރާތްތައް ކަނޑައަޅާނީ ނަން ނޯޓު ކުރާ ތަރުތީބުން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. ބާކީ ތިބި މީހުންނަށް ޖަލްސާގައި ބައިވެރިވެވޭނީ އޮންލައިންކޮށެވެ.

އެމްޓީސީސީގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ނިމުނުއިރު 224 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެ ކުންފުންޏަށް ލިބުނެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު ވެސް 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 190 މިލިއަން ރުފިޔާ އެވެ.