Roadha Mihaaru
ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފައިލްކޮށްފި

ގަލޮޅު ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފައިލްކޮށްފި

12 މެއި 2022

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފައިލްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފައިލްކޮށްފި އެވެ.

ގަލޮޅު ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސްކޫލުގެ މުވައްޒަފެއްގެ ފަރާތުން ޖިންސީ އަނިޔާ ދަރިވަރަކަށް ލިބިފައިވާ ކަމަށް ބުނެ މިދިޔަ އަހަރުގެ އޮކްޓޫބަރު 13 ގައި ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކާފައިވަނީ ހަގީގަތާ ހިލާފު ވާހަކަ ކަމަށެވެ.

އެ ސްކޫލުން ބުނި ގޮތުގައި އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް އައުމާ އެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދާ އެކު އަވަސް ފިޔަވަޅުތަކެއް އެޅި އެވެ.

އެ މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް ސްކޫލުން އެންމެ އިސްކަމެއް ދިނީ ދަރިވަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވެސް އެ ސްކޫލުގެ ބަޔާނުގައި ބުންޏެވެ.

"މިއީ ދަރިވަރެއްގެ ރައްކާތެރިކަމާއި ގުޅުންހުރި ތުހުމަތެއް ކަމަށްވާތީ މިފަދަ މައްސަލަތަކުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އެ މައްސަލަ ފުލުހުންގެ ހިދުމަތަށް އަދި ޖެންޑާ މިނިސްޓްރީއަށް ސްކޫލުން ހުށަހެޅީމެވެ،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފުރިހަމަކުރުމަށް ފަހު އެ މައްސަލައާ ގުޅިގެން ދައުވާނުކުރަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުން މުވައްޒަފާއި މެދު އެއްވެސް ކަންބޮޑުވުމެއް ފާހަގަކުރެވިފައިނުވާތީ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް ހިއްސާކޮށްފައިވާ ކަމަށް ގަލޮޅު ސްކޫލުގެ ބަޔާނުގައި ބުންޏެވެ.

އެ ސްކޫލުން ބުނި ގޮތުގައި އުނގެނުމަށް ފަހި ރައްކާތެރި މާހައުލެއް ގާއިމުވެފައިވާ ތަނެއްކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތަކާއި އިޖުރާއަތްތަކެއް އެ ސްކޫލުން ގާއިމުކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމަކީ ބެލެނިވެރިންނަށް ޔަގީންކޮށްދޭ ކަމަށް ވެސް ސްކޫލުން ބުނެ އެވެ.

އެ ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އުމުރުން 63 އަހަރުގެ އަންހެނަކު ހައްޔަރުކުރި އެވެ. އޭނާއަކީ ގަލޮޅު ސްކޫލުގައި މަސައްކަތް ކުރާ ސަޕޯޓް ސްޓާފެކެވެ. އެކަމަކު އެ އަންހެން މީހާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ލަފާ ދިނުމާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން ފުރަތަމަ ބުނީ އެ ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރެވުނީ ކާކާ ކަމެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. ކުއްޖާ ހަވާލުކުރެވުނީ ކާކާ ކަން ނޭނގޭ ކަމަށް ސްކޫލުން ބުނާތީ ސީސީޓީވީ ކެމެރާ ހޯދަން ބެލެނިވެރިން ހުށަހެޅިއިރު އެތަނުގައި ކެމެރާއެއް ނެތް ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް "މިހާރު" އިން ބެލިއިރު އެ ސްކޫލުގައި ކެމެރާތައް ހަރުކޮށްފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އަދި އެ ކެމެރާތައް އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.

އާއިލާގެ ކަންބޮޑުވުމަކީ ކުއްޖާއަށް އަނިޔާ ލިބުން މާބޮޑު ކަމަކަށް ނުހަދައި، މުއައްސަސާތައް ބަދުނާމުވެދާނެ ކަމުގެ ބިރަށް އެކަން ނުހިނގާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ފޮރުވަން މުއައްސަސާތަކުން މަސައްކަތް ކުރުމެވެ.