Roadha Mihaaru
ކޮވިޑް ފެނުމުން އުތުރު ކޮރެއާ ފުރަބަންދު ކޮށްފި

އުތުރު ކޮރެއާ އިން ކޮވިޑް ފެނުމުން ގައުމު ފުރަބަންދުކޮށްފި

12 މެއި 2022

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ދެ އަހަރު ވަންދެން ފެތުރެމުން ދިޔަ ކޮވިޑް-19ގެ ބަލި ފުރަތަމަ ފަހަރަށް އުތުރު ކޮރެއާ އިން ފެނިއްޖެ ކަމަށް ބުނެ، އެ ގައުމު މިއަދުން ފެށިގެން ފުރަބަންދުކޮށްފި އެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ދެ އަހަރު ވަންދެން ފެތުރެމުން ދިޔަ ކޮވިޑް-19ގެ ބަލި ފުރަތަމަ ފަހަރަށް އުތުރު ކޮރެއާ އިން ފެނިއްޖެ ކަމަށް ބުނެ، އެ ގައުމު މިއަދުން ފެށިގެން ފުރަބަންދުކޮށްފި އެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް އުތުރު ކޮރެއާ އިން ބުނަމުން އައީ އެ ގައުމުގައި ކޮވިޑް ބަލި ނެތް ކަމަށެވެ. އެހެންކަމުން އުތުރު ކޮރެއާ އަކީ ކޮވިޑް ވެކްސިން ބޭނުންނުކޮށް މިހާތަނަށް އޮތް ހަމައެކަނި ގައުމެވެ. އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނި ގޮތުގައި ޕިޔޮންގްޔަންގް އިން ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ގައިން ފެނިފައިވަނީ، ކޮވިޑް ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހެވެ.

އެ ގައުމުން ކޮވިޑް ފެނުނު ކަމަށް ބުންޏަސް، އެ ބަލި ޖެހިފައިވަނީ ކިތައް މީހުންނަށް ކަމެއް، އަދި އެމީހުންގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވެސް އެއްވެސް ނުބުނެ އެވެ. އުތުރު ކޮރެއާ އިން ކޮވިޑް ފެނުމާ ގުޅިގެން މިހާރު އެ ގައުމު އޮތީ ވަރަށް ބޮޑު ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމަށް، ސަރުކާރުގެ ނޫސް އޭޖެންސީން ބުންޏެވެ.

ނޫސް އޭޖެންސީން ބުނި ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވާނީ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ސަރުކާރުން އަންގައިފަ އެވެ. އަދި ހުރިހާ ވިޔަފާރިތަކާއި ކާރުޚާނާތައް ބަންދުކޮށް ގޭބިސީތަކުން ވެސް މީހުން ނުކުން މަނާކުރުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވަނީ އެ ގައުމުގެ ހުރިހާ ސަހަރުތަކަށާއި ކުދި އަވަށްތަކަށް ވެސް އަންގަވައިފަ އެވެ.

އުތުރު ކޮރެއާ އިން ކޮވިޑް ބަލި ނުފެނުނަސް، އަވައްޓެރި ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށުމާއެކު، އުތުރު ކޮރެއާ އިން ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އުތުރު ކޮރެއާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގައި ކޮވިޑް ފެތުރެމުންދާ ކަމަށް އެއްބަސްވުމުން އެނގެނީ، އެ ގައުމުގެ ތެރޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރި ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމެވެ.

ބައިނަލްއަގުވާމީ މުޖްތަމައާ ވަރަށް ބޮޑަށް އެކަހެރިވެފައި އޮންނަ އުތުރު ކޮރެއާގެ އެތެރޭގައި ހިނގާ ގިނަ ކަންތައް ދުނިޔޭގެ އެހެން ގައުމުތަކަށް ނޭނގެ އެވެ. ކަމެއް ހިނގި ކަން އެނގުނަސް، އެކަމެއްގެ ހަގީގީ ރަނގަޅު މައުލޫމާތެއް އޮޅުންފިލަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮވިޑް ބަލި މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 519 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރެއިން 6.2 މިލިއަން މީހުން މަރުވެފައިވާ އިރު، މިހާތަނަށް އެންމެ ގިނަ މީހުން އެ ބަލީގައި މަރުވީ އެމެރިކާ އިންނެވެ.

ކޮވިޑް ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ ވެސް އެމެރިކާ އިންނެވެ. އެ ގައުމުގެ 83.9 މިލިއަން މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލީގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.