Roadha Mihaaru
ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގުކުރަން ހުށަހަޅަނީ

ނަޝީދު އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތައް ތަހުގީގުކުރަން ހުށަހަޅަނީ

12 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގުކުރަން ހުށަހަޅަން އޭނާ ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގުކުރަން ހުށަހަޅަން އޭނާ ނިންމަވައިފި އެވެ.

ހުސެއިން މަޖިލީހަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒްތަކަށް އުނިކަން އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިިގެ ގޮތުން ނަޝީދުގެ ތުހުމަތާ އެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އެ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާންޖެހޭ ކަމަށާއި އެހެންވެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ހުސެއިންގެ އަތުގައި ނަޝދުގެ ލޭ ހޭކިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ.

ހުސެއިން ވަނީ އެ ވަޓްސެޕް ގްރޫޕަށް އެ ދުވަހު ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މެސެޖުތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުއްވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އަމީންއާންމުގެ ފަރާތުން ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވާފަ އެވެ.

މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ޗެޓްލޮގްތައް ހޯދުމަށް އެދިވަޑައިގަތުމުން އެ މައްސަލަ ކޮމިޓީ އަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެން ލިޔެކިޔުންތައް ވެސް ލިބޭ ފަދައިން އެކަން ވެސް ހަމަޖެހެން ވާނެ ކަމަށެވެ.

"މިއީ މި ކޮމިޓީން ނޫނަސް އަމީންއާންމާއި ކައުންސެލް ޖެނަރަލް އަމިއްލަފުޅަށް ވެސް ނިންމެން ޖެހޭ ކަމެއް،" ބިގޭ ވިދާޅުވި އެވެ.

އެ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޕީޖީގެ ވަޓްސެޕް ގްރޫޕަކީ ރަސްމީ ގްރޫޕެއްތޯ ނުވަތަ އޭގެ މައުލޫމާތު އެގޮތަށް ހިއްސާ ކުރެވިދާނެތޯ އިދާރީ މުއައްޒަފުންގެ ފަރާތުން ސާފުކުރަން ޖެހޭ ކަމަށެވެ.

އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރައްވާތީ ކޮމިޓީން ނިންމީ އެކަންކަން ސާފު ކުރުމަށް ފަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށެވެ.