Roadha Mihaaru
"ތިޔަ ބޭފުޅުންގެ އަތުގައި ތިވަނީ އަޅުގަނޑުގެ ލޭ"

ނަޝީދު, ރައީސް ފެކްޝަންގެ މެމްބަރުންނަށް: ތިޔަ ބޭފުޅުންގެ އަތުގައި ތިވަނީ އަޅުގަނޑުގެ ލޭ

08 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންނަށް ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންނަށް ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް އެއް އަހަރު ފުރިފައިވާއިރު އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހި ދެބައިވެފަ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕަށް މިރޭ ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަމަލާ އާ ގުޅޭ ކަންކަން ފޮރުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަމަލާ އާ ގުޅޭ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރިވަނީ އޭނާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"..ހުސެއިން އަމިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާ ދައުލަތުން ތަހުގީގު ކުރި ގޮތާ މެދު ވެސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް އެމަނިކުފާނު މިރޭ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ އެ ތަހުގީގު ބިނާވެފައި އޮތީ ހަމައެކަނި ތުހުމަތު ކުރެވޭ ފަރާތް އިއުތިރާފްވެ ދެއްކި ވާހަކަ އަށް އެކަނި ކަމަށެވެ. އެއީ ތަހުގީގު ކުރިޔަށް ގެންދެވޭނެ އެންމެ ގޯސް ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހަމަލާ އަށް އަހަރު ފުރުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސް ވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރި ނުވަ މީހުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ނިމުނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި މުހައްމަދު އަދުހަމްގެ ޝަރީއަތެވެ. އޭނާ ކުށަށް އިއުތިރާފްވުމުން އޭނާ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.