Roadha Mihaaru
މެއި 6 ގެ ފުލް ރިޕޯޓް ހޯދަން މަޖިލީހުގައި އެދިއްޖެ

ނަޝީދަށް ދިން ހަމަލައިގެ މުޅި ރިޕޯޓް ހޯދަން އާންމުންގެ މީހަކު މަޖިލީހުގައި އެދިއްޖެ

18 އޮކްޓޯބަރ 2023

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެކުލަވާލައި އާންމުކުރި އިންކުއަރީގެ މުޅި ރިޕޯޓް ހޯދަން އާންމުންގެ މީހަކު އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެކުލަވާލައި އާންމުކުރި އިންކުއަރީގެ މުޅި ރިޕޯޓް ހޯދަން އާންމުންގެ މީހަކު އެދިއްޖެ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މެއި ހައެއްގެ އިންކުއަރީ ރިޕޯޓްގެ ފުލް ރިޕޯޓް ހޯދަން އާންމުންގެ މީހަކު މަޖިލީހަށް އާރުޓީއާއި ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ.

ޖުލައި 2021 ގައި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ ރިޕޯޓް އާންމުކުރީ ބައެއް މައުލޫމާތުތައް ސިއްރުކޮށްފަ އެވެ.

އަސްލަމް ވިދާޅުވީ ފުލް ރިޕޯޓު ހޯދުމަށް އެދިފައި ވާތީ، އެ ރިޕޯޓްގައި ސިއްރުކޮށްފައި ހުރި މައުލޫމާތު ދިނުމާ ގުޅޭ ގޮތުން ކޮމެޓީން އަލުން މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެން ރިޕޯޓްގައި ސިއްރުކޮށްފައި ހުރި ކަންކަން އަލުން ކޮމެޓީން ރިވިއުކޮށްފައި ގޮތެއް ނިންމުމަށް، މި މައްސަލަ އަނެއްކާވެސް ހޯމަ ދުވަހު ބާއްވާ ބައްދަލުވުމަށް އެޖެންޑާ ކުރާނަން: އަސްލަމް

"އަޅުގަނޑުމެން ރިޕޯޓްގައި ސިއްރުކޮށްފައި ހުރި ކަންކަން އަލުން ކޮމެޓީން ރިވިއުކޮށްފައި ގޮތެއް ނިންމުމަށް، މި މައްސަލަ އަނެއްކާވެސް ހޯމަ ދުވަހު ބާއްވާ ބައްދަލުވުމަށް އެޖެންޑާ ކުރާނަން. އަދި ސިއްރުކޮށްފައި ހުރި މައުލޫމާތުތައް ސިއްރު ބައްދަލުވުމެއްގައި ކުރިއަށް ގެންގޮސް އަޅުގަނޑުމެން ގޮތެއް ނިންމާނީ ބަލައި ރިވިއުކޮށްލައިފައި،" އޭނާ ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމުގައި ހަނީމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތައް ސިއްރުކުރަން ނިންމީ އެ ކޮމެޓީގެ މެމްބަރުން އިއްތިފާގުން ކަމަށެވެ. އެހެންވީމަ، އެ މައުލޫމާތު ދޭން އޭނާ އަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތަށް ސިއްރެއްގެ ގޮތުގައި އެކަން ބާއްވަން އަޅުގަނޑު ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން، ކޮމެޓީން ނުރަސްމީކޮށް ކުރި މަޝްވަރާއަށް ފަހުގައި ނިންމީ އަންނަ ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި ފުލް ރިޕޯޓް ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.