04 ނޮވެމްބަރ 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަލާމަތީ ސަބަބުތަކަކަށްޓަކައި ދިރިއުޅުއްވުން ޖެން ހޮޓަލުގައި ހަމަޖައްސަވައި ހަރަދު ބަލަހައްޓަވަނީ ދައުލަތުގެ ބަޖެޓުން ކަމަށް ވިޔަސް އެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަލާމަތީ ސަބަބުތަކަކަށްޓަކައި ދިރިއުޅުއްވުން ޖެން ހޮޓަލުގައި ހަމަޖައްސަވައި ހަރަދު ބަލަހައްޓަވަނީ ދައުލަތުގެ ބަޖެޓުން ކަމަށް ވިޔަސް އެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.
މާލޭގެ އެންމެ އަގު ބޮޑު އެއް ހޮޓަލުގައި ނަޝީދު ހުންނެވުމާއި ސަލާމަތީ ކަންކަމަށް ހަރަދު ކުރަނީ ފިނޭންސް މިނިސްޓްރީންނެވެ. މަޖިލިސް ރައީސްގެ ހަރަދުތައް އެ އިދާރާއިން ބަލަހައްޓަން ޖެހޭ ގޮތަށް ގާނޫނުގައި އޮތަސް ފިނޭންސްގެ ބަޖެޓުން ހަރަދުކުރަން ނިންމީ ސަލާމަތީ ކަންކަން ވެސް ހިމެނޭތީއާ އެކު ކުރިން ބަޖެޓްކޮށްފައި ނެތް ހަރަދުތަކަކަށް ވާތީ އެވެ.
ސިފައިންގެ ބެލުމުގެ ދަށުން ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ސަރުކާރުން ހަމަޖެއްސީ މިދިޔަ މެއި މަހުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ބޭރުގައި އުޅުއްވައި ރާއްޖެ ވަޑައިގަތުމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ނަޝީދު މާލެ ވަޑައިގަތީ ފަރުވާ އަށް ފަސް މަސް ވަންދެން ބޭރުގައި ހުންނެވުމަށް ފަހު އެވެ.
އެމަނިކުފާނު ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެންނެވެ. މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ނަޝީދު މި ވަގުތު ހުންނެވީ ކޮޕް26 އަށް ވަޑައިގެން ސްކޮޓްލެންޑްގެ ގްލާސްގޯގަ އެވެ. އެނބުރިވަޑައިގެން ވެސް ހުންނަވާނީ ޖެން ހޮޓަލުގަ އެވެ.
ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ދައުލަތުން ހަމަޖެއްސެވީ މަޖިލިސް އިދާރާއާ ކައިރިވެފައި ސެކިއުރިޓީ ބެލެހެއްޓުމުގެ ފަސޭހަތަކަކާ ވެސް އެކުގަ އެވެ. ކުރީގެ ރައީސަކަށް ވެފައި އެ އިނާޔަތަތްކާއި މަޖިލީހުގެ ރައީސްގެ އިތުރުން ޖެންގައި ހުންނެވުމަށް އިތުރު ބޮޑު ހޭދައެއް ހިނގާތީ ތަފްސީލްތައް އާއްމުކުރަން ޖެހޭ ކަަމުގެ ފާޑުކިއުންތައް ވަނީ ބޮޑުވެފަ އެވެ.
ނަޝީދު: އެމަނިކުފާނުގެ ދިރިއުޅުއްވަން ހަމަޖައްސަވާ ވަގުތީ ގެކޮޅު ނުނިމިގެން ދިރިއުޅުއްވަނީ ޖެން ހޮޓަލުގައި.
އިދިކޮޅުން ޕީޕީއެމާއި ޕީއެންސީގެ ބައެއް ބޭފުޅުން ވަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ބޭފުޅުންނަށް އެކަން އެންމެ ރަނގަޅަށް ނުކުރެވިގެން ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު ހޭދައެއް ހިނގަމުންދާ ކަމަށް ފާޑުކިއުން އަމާޒުކޮށްފަަ އެވެ.
ރައްކާތެރިކަން ދިނުމަކީ އަގު ބޮޑު ހޮޓަލެއްގައި ބެހެއްޓުން ނޫން ކަމަށާއި ނަޝީދު ޖެން ހޮޓަލުގައި ހުންނެވުމަށް ދުވާލެއްގެ މައްޗަށް ދައުލަތުން ކުރާ ހޭދައިގެ ތަފްސީލް އާއްމުކުރަން ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި މާލެ ސިޓީގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ގޮވާލައްވާފައިވެ އެވެ.
މަޖިލީހުގެ ރައީސަށް މިހާރު ހިނގާ ހޭދަ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ގޮތަށް ހަމަޖައްސާފައިވާތީ، މަޖިލީހުގެ އިދާރާއިން މައުލޫމާތެއް އާއްމެއް ނުކުރެ އެވެ.
ފިނޭންސް މިނިސްޓްރީގައި އެ މައުލޫމާތަށް ތަކުރާރުކޮށް މީޑިއާތަކުން އެދުމުން ވެސް ޖަވާބެއް ނުދިނެވެ.
އެ މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން ވިދާޅުވީ އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ފަހުން އާއްމުކުރާނެ ކަމަށެވެ. އެކަމަކު ތާރީހެއް ވިދާޅެއް ނުވި އެވެ.
ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން އިރު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅު، ކެނެރީގޭގަ އެވެ. އޭރު ވެސް ތްރެޓް އެސެސްމެންޓްތަކަށް ފަހު އެމަނިކުފާނަށް ދެމުން އައީ އެންމެ ހައި ސެކިއުރިޓީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެކަމަކު އެ ގެކޮޅުގައި ހުންނަވައިގެން އެންމެ އެކަށީގެންވާ ގޮތުގައި ސެކިއުރިޓީ ފޯރުކޮށްދޭން ހުރަސްތަކެއް ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެމަނިކުފާނަށް ހަމަލާ އަމާޒުކުރީ، ފުލުހުން ބުނެފައިވާ ގޮތުގައި، އިންޒާރުތަކާ އެކު އެކި ފަހަރު މަތިން ބޮން ގޮއްވާލައިގެން ވެސް އަވަހާރަކޮށްލަން މަސައްކަތް ކުރުމަށް ފަހު އެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ބޮމެއް ގޮއްވާލީ ހަމަލާ ރާވައި، ފާރަލަމުން ދިއުމަށް ފަހު އެވެ. އެކަމަކު މި މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފްގެ ވެސް އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ދެ އިދާރާ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލައި މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކުގައި ބޮޑެތި ބާގަނޑުތަކެއް ހުރި ކަމުގެ ތުހުމަތާ އެކު ގިނަ ކަންކަން އިސްލާހުކުރަން ލަފާދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެއާއެކު، މި ފަހުން ގާނޫނުތަކަށް ގެނައި ބަދަލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ. މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް އެ އިސްލާހުތަކުގައި ވެ އެވެ.
އެހެންވެ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް ހިމަނާފައިވަނީ 6.8 މިލިއަން ރުފިޔާ އެވެ.
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
މެއި 6 ގެ ފުލް ރިޕޯޓް ހޯދަން މަޖިލީހުގައި އެދިއްޖެ
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ހަރަދު ކުޑަކުރަން ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް
ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި
ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގުކުރަން ހުށަހަޅަނީ
"ތިޔަ ބޭފުޅުންގެ އަތުގައި ތިވަނީ އަޅުގަނޑުގެ ލޭ"