Roadha Mihaaru
ހަރަދު ކުޑަކުރަން ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް

ހަރަދު ކުޑަކުރަން ނަޝީދުގެ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި

21 ޖޫން 2022

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލާ އެކު ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން އަންގާފައިވާތީ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލާ އެކު ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން އަންގާފައިވާތީ ދެ ދަތުރުފުޅެއް ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.

ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ދައުވަތު ލިބިފައިވާ ކަމަށާއި ނަމަވެސް ހަރަދު ކުޑަކުރަން އެ ދެ ދަތުރު ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ. އަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ،" ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ހުރިހާ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުންދާ ކަމަށެވެ.

އެހެންވެ މި ދަނޑިވަޅުގައި ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ އެއްވެސް ހަރަދެއް ނުކުރުމަށާއި ހަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް އެ ސާކިއުލާގައި ވަނީ އަންގަވައިފަ އެވެ.

ހަރަދު ކުޑަކުރަން އަޅާ ބައެއް ފިޔަވަޅުތައް:

- އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު ނުހޯދުން.

- އާ ސްކޮލާޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން އެއް ކުރިޔަށް ނުގެންދިޔުން.

- އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުން.

- ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުން.

- އެ ހުރިހާ ކަމެއްގެ ތެރެއިން ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5000ރ. އަށް ވުރެ އިތުރަށް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުން.