ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ހޭދަވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
10 ނޮވެމްބަރ 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ހޭދަވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސުން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޖެންގައި 21 ދުވަހު (ތިން ހަފުތާ) ގައި ނަޝީދު ހުންނެވުމަށް މިހާތަނަށް 698،168ރ. ވަނީ ހޭދަވެފަ އެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެ އިން ބޭރުން ވަޑައިގެންނެވި ފަހުން މިހާތަނަށް ހިނގާފައިވާ ހަރަދެވެ.
ޖެންގައި އެމަނިކުފާނު ހުންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަކަށްޓަކަ އެވެ. މި ހޭދައިގެ ތެރޭގައި އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ޖެންގައި ތިބުމުގެ ހޭދަ ހިމެނޭ ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ސިފައިންގެ ބެލުމުގެ ދަށުން ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ސަރުކާރުން ހަމަޖެއްސީ މިދިޔަ މެއި މަހުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ބޭރުގައި އުޅުއްވައި ރާއްޖެ ވަޑައިގަތުމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ނަޝީދު މާލެ ވަޑައިގަތީ ފަރުވާ އަށް ފަސް މަސް ވަންދެން ބޭރުގައި ހުންނެވުމަށް ފަހު އެވެ.
ފިނޭންސް މިނިސްޓްރީން ދިން މައުލޫމާތުތަކުގައިވާ ގޮތުން ހަމަލާގައި ލިބުނު ޒަހަމްތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް 1.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
- އިނގިރޭސިވިލާތުގެ ފަރުވާ އަށް 1.5 މިލިއަން ރުފިޔާ.
- ޖަރުމަން ވިލާތުން ފަރުވާ އަށް 164،601 ރުފިޔާ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވާތީ ޖެންގައި ހުންނެވުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަމަކު ބޭސްފަރުވާ އާއި މާލޭގައި ހުންނެވުމުގެ ހަރަދު މިހާރު ކުރަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުންނެވެ.
އެމަނިކުފާނު ޖެންގައި ހުންނަވަނީ ގާނޫނަށް ބަދަލު ގެނެސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭ ކަަމަށް ނިންމައި ވަގުތީ ގެކޮޅު މަރާމާތު ކުރެވެންދެންނެވެ.
ނަޝީދު: އެމަނިކުފާނުގެ ބޭސްފަރުވާ އާއި ޖެން ހޮޓެލްގައި ހުންނެވުމުގެ ހަރަދު ފިނޭންސް އިން މިއަދު ވަނީ އާއްމުކޮށްފައި. -- ފޮޓޯ/މިހާރު
މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަރާމާތުތައް މި މަހުގެ 14 އަށް ނިމޭނެ ކަމަށް، ސިފްކޯއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަޝީދު މި ވަގުތު ހުންނެވީ ކޮޕް26 އަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރުގަ އެވެ.
ޖެންގައި ނަޝީދު ހުންނަވާ ގޮތަށް ދައުލަތުން ހަމަޖެއްސެވީ މަޖިލިސް އިދާރާއާ ކައިރިވެފައި ސެކިއުރިޓީ ބެލެހެއްޓުމުގެ ފަސޭހަތަކަކާ ވެސް އެކުގަ އެވެ.
ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން އިރު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅު، ކެނެރީގޭގަ އެވެ. އޭރު ވެސް ތްރެޓް އެސެސްމެންޓްތަކަށް ފަހު އެމަނިކުފާނަށް ދެމުން އައީ އެންމެ ހައި ސެކިއުރިޓީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެކަމަކު އެ ގެކޮޅުގައި ހުންނަވައިގެން އެންމެ އެކަށީގެންވާ ގޮތުގައި ސެކިއުރިޓީ ފޯރުކޮށްދޭން ހުރަސްތަކެއް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެމަނިކުފާނަށް ހަމަލާ އަމާޒުކުރީ، ފުލުހުން ބުނެފައިވާ ގޮތުގައި، އިންޒާރުތަކާ އެކު އެކި ފަހަރު މަތިން ބޮން ގޮއްވާލައިގެން ވެސް އަވަހާރަކޮށްލަން މަސައްކަތް ކުރުމަށް ފަހު އެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ބޮމެއް ގޮއްވާލީ ހަމަލާ ރާވައި، ފާރަލަމުން ދިއުމަށް ފަހު އެވެ. އެކަމަކު މި މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފްގެ ވެސް އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ދެ އިދާރާ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދައުވާ އުފުލައި މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކުގައި ބޮޑެތި ބާގަނޑުތަކެއް ހުރި ކަމުގެ ތުހުމަތާ އެކު ގިނަ ކަންކަން އިސްލާހުކުރަން ލަފާދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް ހިމަނާފައިވަނީ 6.8 މިލިއަން ރުފިޔާ އެވެ.
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
ކުރީ ސަރުކާރުން ތިލަފަޅު ހަދަން ބޭނުންވީ އަމިއްލައަށް
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ސަރުކާރުގެ ހުށަހެޅުމާ މެދު ބަލާނީ އާ ބަޖެޓެއް ގޮތަށް
ނޫމަޑި އަށް 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް
"ސީޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމަން ޖެހޭ"