Roadha Mihaaru
ޗެމްޕިއަންސް ލީގަށް ހަތަރު ޓީމު އިތުރުކުރަން ނިންމައިފި

ޗެމްޕިއަންސް ލީގުން އިތުރު ހަތަރު ކްލަބަކަށް ޖާގަ ދޭން ޔޫއެފާ އިން ނިންމައިފި

10 މެއި 2022

ނިޔޯން (މެއި 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި 2024/25 ސީޒަނުން ފެށިގެން 32 ޓީމުގެ ބަދަލުގައި 36 ޓީމަށް ޖާގަ ދީގެން މުބާރާތުގެ ފޯމެޓް ބަދަލުކުރަން ޔޫއެފާ އިން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިޔޯން (މެއި 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި 2024/25 ސީޒަނުން ފެށިގެން 32 ޓީމުގެ ބަދަލުގައި 36 ޓީމަށް ޖާގަ ދީގެން މުބާރާތުގެ ފޯމެޓް ބަދަލުކުރަން ޔޫއެފާ އިން މިއަދު ނިންމައިފި އެވެ.

ޔޫރަޕުގެ ބާރު ގަދަ މުއްސަނދި 12 ކުލަބަކާ އެކު ޔޫރަޕިއަން ސުޕަ ލީގު މިދިޔަ އަހަރު އިއުލާން ކުރި ނަމަވެސް ސަޕޯޓަރުންގެ ނުރުހުންތަކާ އަދި އެކިއެކި ފިއްތުންތަކާ އެކު ވަގުތުން މުބާރާތް ކެންސަލް ކުރަން ޖެހުނެވެ. އަދި އެއަށް ފަހު ޗެމްޕިއަންސް ލީގަށް ބަދަލުތަކެއް ގެންނަން ޔޫއެފާ އަށް މަޖުބޫރު ވިއެވެ.

ޔޫއެފާ އިން މިދިޔަ އަހަރު ވާހަކަ ދެއްކީ، މުބާރާތަށް ކޮލިފައި ނުވާ ޓީމުތަކުގެ ތެރެއިން ޔޫއެފާ ކްލަބް ރޭންކިން އަށް ބަލައި، ކުރިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ޓީމުތަކަށް އިތުރުވާ ހަތަރު ޖާގަ އެއްކޮށް ދޭގޮތަށެވެ. ނަމަވެސް ޔޫރަޕުގެ ފުޓުބޯޅަ ސަޕޯޓަރުންގެ ޕްރެޝަރާ ހުރެ ޔޫއެފާ އިން ފައިނަލް ކުރީ އިތުރުވާ ހަތަރު ޖާގައިގެ ތެރެއިން، ދެ ޖާގަ ދޭނީ އޭގެ ކުރީ ސީޒަނުގައި ޔޫރަޕުގައި އެންމެ ރަނގަޅަށް ޕާފޯމް ކޮށްފައިވާ ގައުމުތަކަށް ނިސްބަތްވާ ކްލަބްތަކަށެވެ.

އަންނަ ސީޒަނުގައި މި އުސޫލުތަކަށް އަމަލުކުރާ ނަމަ މިއިން އެންމެ ބޮޑު ފައިދާއެއް ވާނީ އިނގިރޭސި ކުލަބުތަކަށާއި ނެދަލެންޑްސްގެ ކުލަބުތަކަށެވެ. ފުޓުބޯޅަ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މި ސީޒަން ނުހިމަނައި، މިދިޔަ ފަސް ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި އިތުރު ސްލޮޓެއްގެ ފައިދާ އެންމެ ފުރިހަމައަށް ނެގެން އޮތީ ސްޕެއިން އާއި އިނގިރޭސިވިލާތަށެވެ.

އިތުރަށް ދޭ ހަތަރު ސްލޮޓުގެ ތެރެއިން އަނެއް ދެ ސްލޮޓް ލިބޭނީ، ޔޫއެފާ އެސޯސިއޭޝަން ރޭންކިން ފަސްވަނައިގައި އޮންނަ ގައުމުގެ ލީގުގެ ތިންވަނައަށްދާ ޓީމަކަށާއި، ޑޮމެސްޓިކް ކަޕް މުބާރާތެއް ކާމިޔާބުކުރާ ޓީމަކަށެވެ. ޔޫއެފާ އެސޯސިއޭޝަން ރޭންކިންގެ ފަސްވަނައިގައި މިވަގުތު އޮތީ ފްރާންސް އެވެ

އާ ފޯމެޓާ އެކު ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗްތަކުގެ އަދަދު ވެސް މިހާރަށް ވުރެ އިތުރު ވާނެ އެވެ. ގުރޫޕް ސްޓޭޖުގެ ބަދަލުގައި ޔޫއެފާ އިން ނިންމާފައި ވަނީ ހުރިހާ ޓީމެއް ހިމެނޭހެން ލީގު ބުރެއް ކުޅޭށެވެ. މީގެ ކުރިން އާ ފޯމެޓުގައި ލީގު ބުރުގައި 10 މެޗު ކުޅޭގޮތަށް މަޝްވަރާ ކުރި ނަމަވެސް ފައިނަލް ކުރީ ކޮންމެ ޓީމެއް ވެސް އަށް މެޗު (ހޯމް ހަތަރު މެޗާއި އަވޭ ހަތަރު މެޗު) ކުޅޭށެވެ.

ލީގު ބުރުގައި ނަތީޖާ އެންމެ ރަނގަޅު އަށް ޓީމު ނޮކައުޓް ބުރަށް (ގަދަ 16 އަށް) އޮޓަމެޓިކުން ކޮލިފައި ވާއިރު، ނުވަވަނަ އާއި 24 ވަނައާ ދެމެދުގައި ރޭންކް ކުރެވޭ ޓީމުތަކަށް ޖެހޭނީ ބާކީ އަށް ޖާގަ އަށް ދެ ލެގުގެ ޕްލޭއޮފެއް ކުޅޭށެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވެސް 2024 ވަނަ އަހަރުން ފެށިގެން ވާދަކުރާނީ 36 ޓީމެވެ. ޔޫރޮޕާ ލީގުގައި ވެސް ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ލީގު ބުރުގައި އަށް މެޗު ކުޅެން ހަމަޖެހިފައި ވީ ނަމަވެސް، ކޮންފަރެންސް ލީގުގައި ކުޅޭނީ މިހާރެކޭ އެއްގޮތަށް ހަ މެޗެވެ.