10 މެއި 2022
ކޮލަމްބޯގައި ދިރިއުޅޭ ދިވެއްސަކަށް ގުޅާލައިފައި، ކިހިނެއްތޯ އެހުމުން އޭނާ ފަތިވަރު އަމުނާލި އެވެ.
ކޮލަމްބޯގައި ދިރިއުޅޭ ދިވެއްސަކަށް ގުޅާލައިފައި، ކިހިނެއްތޯ އެހުމުން އޭނާ ފަތިވަރު އަމުނާލި އެވެ.
"ފެނެއް ނެތް، ގޭހެއް ނެތް، ގަންނަން ބޭނުންވާ އެއްވެސް އެއްޗެއް ފިހާރައެއްގައި ވެސް ނެތް. ރަނގަޅު އެއް ކަމެއް ވެސް ނެތީ މިހާރު،" އޭނާ ބުންޏެވެ.
އެހެން އެކަން އޮއްވާ، އިއްޔެ އިން ފެށިގެން ވަނީ މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފަ އެވެ. ދިވެހިން އެންމެ ގިނައިން އުޅޭ ކަލުބޯވިލާ އާއި ދެހިވެލަ އާއި ނޮގޭގޮޑައިގެ މަގުތައް ވެސް އޮންނަނީ ހުސްކޮށެވެ. މަދުމަދުން މީހުން ނުކުމެ އުޅުނަސް، ދިވެހިން ނުކުމެއެއް ނޫޅެ އެވެ. ބައެއް މީހުން ބުނި ގޮތުގައި "ގޭގައި ތިބީ ހައްޔަރުވެފަ" އެވެ.
އިގްތިސާދު ފުނޑި، ލަންކާ ބަނގުރޫޓުވެފައި އޮންނަތާ މިހާރު މަސްތަކެއް ފާއިތުވެއްޖެ އެވެ. މި ގައުމުގެ ރައްޔިތުން އުޅެމުން އަންނަނީ ވަރަށް ހާލުގަ އެވެ. ޒަރޫރީ ބޭނުންތައް ފުއްދާލާވަރަށް ބައެއް މީހުންގެ އަތުގައި ފައިސާ ހުއްޓަސް، އިންފްލޭޝަން ވަނީ އުފުލިފަ އެވެ. އަނެއްކޮޅުން، މުދާ ހުސްވެ، ޒަރޫރީ މުދާ ވެސް ހުރީ ކިޔޫ ޖެހިގެން ނޫން ގޮތަށް ނުލިބޭ ހާލަތެއްގަ އެވެ. މިއީ، މިވަރުގެ އިގްތިސާދީ ގުޑުމެއްގެ ތެރެއަށް މި ގައުމު ސޮއްސައިލި ފުރަތަމަ ފަހަރެވެ. އެ ވޭނުގައި ތިއްބާ، ގައުމުގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ލޭއޮރުވައި މީހުން މަރަން ފެށުން ވެގެން ދިޔައީ ދިވެހިންގެ ހިތަށް ވެސް ވަރަށް ބޮޑު ބިރުވެރިކަމެއް ގެނުވި ކަމެކެވެ. ހާއްސަކޮށް އިއްޔެ އިން ފެށިގެން ލަންކާގައި ހިނގަމުން މި ދަނީ އާދައިގެ ކަންކަމެއް ނޫނެވެ. މަގުތަކުން ފެންނަނީ ތަންތަން ރޯކޮށްފައި ހުއްޓަ އެވެ. ދުއްވާ ވެހިކަލްގެ ދެފަރާތަށް ބަލާލުމުން ބައެއް ދިމާތަކުން ފެންނަނީ އަލިފާން ގުޅަގުޅަ އެވެ. އިވެމުންދާ ކޮންމެ ހަބަރަކީ އަހާލަން ފަސޭހަ ހަބަރަކަށް ނުވެ އެވެ.
މެއި 9، 2022 - ކޮލަމްބޯ: ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ގެކޮޅު ކައިރި ސަރަހައްދެއްގައި ހުރި ކިއޮސްކެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
މި ވޭނުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އެބައުޅެ އެވެ. ހަމަނުޖެހުން އެންމެ މައްސަލަ ބޮޑުވެފައިވާ ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ވެސް ދިވެހި ދަރިވަރުންނާއި އާއިލާތައް އެބަތިއްބެވެ. ލަންކާގެ އިގްތިސާދީ ކާރިސާގެ ސަބަބުން އެނބުރި ރާއްޖެ ދިޔަޔަސް، ކިޔެވުމާއި ކޯސްތަކާއި ވަޒީފާއާ ހެދި ވެސް އެތައް ދިވެއްސަކު ތިބީ ލަންކާގަ އެވެ. ބައެއް މީހުން ދިރިއުޅުން ބަދަލުނުކުރީ ލަންކާ އަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގެ އުންމީދުގަ އެވެ.
އެކަމަކު އަދިވެސް އިވެނީ ނާއުންމީދީ ވާހަކަތަކެވެ. މި ގައުމުގެ މަސްރަހު އޮތީ ފަސޭހައިން ހައްލުވާ ވަރަށް ވުރެ މާ ގޯސްކޮށެވެ. ދިވެހިން އުފުލާ ތަކުލީފަކަށް ވެސް ނިމުމެއް ނެތެވެ.
"އިއްޔެ ފެން ގަންނަން ވެފައި ހުރީ، އެކަމަކު ކުއްލިއަކަށް (ކާފިއު) އިއުލާން ކުރީ. ދެން ފެން ގަންނަން ގުޅާ ގުޅާ ވެސް ފޯނެއް ނުނަގާ. ވިހި ލިޓަރުގެ ފެން ފުޅި މި ގަންނަނީ، އެއް ބަޔެއް އަތުން ގަންނަ ފުޅި އެހެން ތަނަކުން ނުނަގާނެތާ،" ބަންޑާރަނައިކެ އެއާޕޯޓާ ކައިރީގައި އެއާކްރާފްޓް އިންޖިނީއަރިން ކިޔަވަން އުޅޭ ދަރިވަރަކު ބުންޏެވެ.
ސިލްސިލާކޮށް ލަންކާގައި ހިނގާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ކިޔެވުމުގެ ކަންކަން ވެސް ކުރިޔަށް ނުދާތީވެ ދަރިވަރުން ތިބީ މާޔޫސް ވެފަ އެވެ. ވިޔަފާރިތަކުގެ އިތުރުން ކޮލެޖްތަކާއި ސްކޫލްތައް ވެސް އެކި ފަހަރު މަތިން ވަނީ ބަންދު ކުރަން ޖެހިފަ އެވެ.
"ދެން އަނެއްކާ މިކޮޅަށް އައީއްސުރެން ލަންކާގައި އަބަދުވެސް ކޮންމެވެސް ހަމަނުޖެހުމެއް ހިނގާ. ސްޓޫޑެންޓް ލޯނުގައި އައީ، ދެ އަހަރާ ބައިން ނިމޭ ކޯހުގައި މިހާރު ފަސް އަހަރު ވަނީ، ކިޔަވަން އޮތް ލޯބި ވެސް ގެއްލިއްޖެ. ކޮލެޖްގެ ހުރިހާ ޓްރޭނިންތަކެއް ވެސް ހުއްޓިފައި އޮންނަނީ ގިނަފަހަރު."
މީހަކު ގޭހުގެ އިންތިޒާރުގައި: ލަންކާ ވަނީ ގޭހަށް ޖެހިފައި -- ފޮޓޯ: އޭއެފްޕީ
އިއްޔެގެ ހަމަނުޖެހުންތައް ހިނގީ ސުލްހަވެރިކޮށް މުޒާހަރާ ކުރަން ތިބި އިދިކޮޅު ބަޔަކަށް، ސަރުކާރުގެ ސަޕޯޓަރުން ބަހެއްގައި އައިސް ކުއްލިއަކަށް ހަމަލާތައް ދޭން ފެށުމުން ކަމަށް ލަންކާގެ ރިޕޯޓްތައް ބުނެ އެވެ. އަދި ކާފިއު އާ އެކު ވެސް އެ މީހުން ހޯދައި، ސަރުކާރުގެ ވެރިން ގައުމު ދޫކޮށް ފިލިޔަ ނުދޭން މަގުތަކުގައި ހަރަކާތްތެރިވަނީ އިދިކޮޅަށް ތާއީދުކުރާ އާއްމު ރައްޔިތުންނެވެ.
"ހައިވޭ ވެސް އޮތީ ބްލޮކް ވެފައި. އެއް ލޭން ހުސްކޮށް، ޓޮލް ފީ ވެސް ދައްކާކަށް ނުޖެހުނު. އެކަމަކު ކޮލަމްބޯއިން ބޭރަށް ދާ ލޭނުގަ ވެހިކަލްތައް ޗެކް ކުރަން ތިބީ އާއްމުން ނިކުމެ ބޮޑެތި ލަޓިބުރި ހިފައިގެން. ސިފައިން ފެންނުނީ ވަރަށް މަދުން، ސައިކަލެއް ރޯކޮށްލައިފަ އޮތްތަން ފެނުނު މަގެއް މަތީ."
"ހައިވޭ ވެސް އޮތީ ބްލޮކް ވެފައި. އެއް ލޭން ހުސްކޮށް، ޓޮލް ފީ ވެސް ދައްކާކަށް ނުޖެހުނު. އެކަމަކު ކޮލަމްބޯއިން ބޭރަށް ދާ ލޭނުގައި ވެހިކަލްތައް ޗެކްކުރަން ތިބީ އާއްމުން ނިކުމެ ބޮޑެތި ލަޓިބުރި ހިފައިގެން. ސިފައިން ފެންނުނީ ވަރަށް މަދުން، ސައިކަލެއް ރޯކޮށްލައިފަ އޮތްތަން ފެނުނު މަގެއްގެ މަތީ،" ކޮލަމްބޯގައި ދިރިއުޅޭ، ސްރީލަންކަން އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދަރިވަރަކު ކިޔައިދިނެވެ.
ސްރީ ލަންކާގައި ކާފިއު އިއުލާންކުރާތީ އާއްމުން މުދާ ގަނެގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
"ގޭގައި އުޅޭތީ މީގެ ކުރިން މިކަހަލަ މަންޒަރެއް ހަމަލޮލުން އަދި ނުދެކެން. ކޮލެޖުގައި ހުއްޓާ، ޖީއެމް (ޖެނެރަލް މެނޭޖަރު) އައިސް ބުނީ އެންމެން ގެޔަށް ދާށޯ، ވަރަށް ހާސްވެފައި ހުރީ. ވެހިކަލެއް ވެސް ލިބުނީ އެހާ އުނދަގުލުން. އިއްޔެ ދެން ބަހުގަ ނުވެސް ދެވޭނެ ދޯ، ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރު ފަހުން ކާރެއް ލިބުނީމައި ޑްރައިވަރު ވެސް ވަރަށް ސުވާލު ކުރި. އޭނަ ވެސް ޖެހިލުން ވެފައި ހުރީ އެކޮޅަށް (ކޮލްމަބޯ އަށް) ދާން."
"ދިޔަ މަގުމަތީގައި ގެޔަށް ބޭނުންވާ އެތިކޮޅެއް ގަނެވޭތޯ ވެސް ބެލިން، ކާފިއު ނަގާނެ އިރެއް ނޭނގޭ ވިއްޔާ. އެކަމަކު އެޔޮއް ދިގު ދަތުރުގައި އަހަރެންނަށް ދިމާވީ ހަމަ އެންމެ ސުޕަޕާކެޓެއް. އެތަނުން ލިބުނު އެތިކޮޅުން ދެން ފުއްދާލީ."
ލަންކާގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަކަށް ހުރަހެއް ނެތެވެ. މިއަދު ލަންކާ އިން އެނބުރި އައި މީހަކު އޭނާގެ ޓްވިޓާގައި ވީޑިއޯއެއް ޝެއާ ކުރަމުން ބުނި ގޮތުގައި އެއާޕޯޓާ ކައިރިން އުޅަނދުފަހަރު ހުއްޓުވައި، އިސްތިއުފާ ދެއްވި ބޮޑުވަޒީރު ރާޖަޕަކްސާގެ މީހުން ތިބިތޯ ބަލަ އެވެ. އަދި ވަރަށް އަވަހަށް ޗެކްކޮށްލުމަށް ފަހު ހިނިތުން ވެލާފައި ދޫކޮށްލާ ކަމަށް އޭނާ ބުންޏެވެ.
ލަންކާގައި ތެޔޮ ގަންނަން ދިގު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ދެހިވެލައިގައި އުޅޭ މީހަކު ބުނި ގޮތުގައި ލަންކާގައި ކަމެއް އުޅޭހެން އެ ހިސާބުގައި އުޅޭ މީހުންނަކަށް އެހާ ބޮޑަކަށް ނޭނގެ އެވެ.
"ހަބަރުތަކުން ބޮޑަށް ފެންނަނީ. އަހަރެމެން މި އުޅޭ ހިސާބާ އެއީ ވަރަށް ދުރު،" އޭނާ ކިޔައިދިނެވެ. "އެހެންވެ ބިރުވެރިކަމެއް ނެތް. އެކަމަކު ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމުގައި ވަރަށް ތަކުލީފު ބޮޑު. ކިޔޫތއް އަދިވެސް ވަރަށް ގިނަ."
"ބޭނުންވާ ވަރަށް ގިނަ ކާބޯތަކެތި ވަރަށް ގިނަ މީހުން ހުރީ ރާއްޖެ އިން ވެސް ގެނެސްފައި. މިކޮޅުން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ގަންނާކަށް ވެސް ނުޖެހޭ."
ލަންކާގައި ތިބި ދިވެހިން ވެސް ތިބީ ގައުމަށް ރަނގަޅު ގޮތްތަކަށް އެދިއެދި އެވެ. އަމާން، އަދި ސުލްހަވެރި އަހަރުތަކަކަށް ފަހު ކުރީގެ ލަންކާ އަށް ބަދަލުވުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ގޮތެއް ނޫނެވެ.
ލަންކާގެ މީހުންގެ މުޒާހަރާ ފުލުހުން ހުއްޓުވައިފި
ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދެފި
"މުޒާހަރާއިން އެނގުނީ އެމްޑީޕީއަށް ތާއީދު ނެތްކަން"
އިދިކޮޅު ފަރާތްތަކުން ލަންކާގައި މުޒާހަރާ ކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު