Roadha Mihaaru
ޖޫނިއާ އަންހެން ޓީމުން ޕާކިސްތާން ބަލިކޮށްފި

ޖޫނިއާ އަންހެން ޓީމުން ޕާކިސްތާން ބަލިކޮށްފި

09 މެއި 2022

ރާއްޖޭގައި މިއަދު ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ ޓީމުން ޕާކިސްތާން ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި މިއަދު ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ ޓީމުން ޕާކިސްތާން ބަލިކޮށްފި އެވެ.

ޖޫނިއާ އަންހެން ކެޓަގަރީގައި މިއަދު މެންދުރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 3-1 ގޭމުންނެވެ.

ރާއްޖޭގެ ފުރަތަމަ ގޭމްގައި އައިޝަތު ރަފާ ނާޒިމު ނުކުތީ ޕާކިސްތާންގެ ހައިކާ އާ ދެކޮޅަށެވެ. ސީދާ ތިން ސެޓުން ރަފާ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ ސެޓްތައް ގެންދިޔައީ 11-9، 11-8 އަދި 11-9 ންނެވެ.

ދެވަނަ ގޭމްގައި ރާއްޖެގެ ޓީމުގެ ފާތިމަތު ދީމާ އަލީ ނުކުތީ ޒަމާން ހާން އާ ދެކޮޅަށެވެ. އޭނާ ވެސް ތިން ސެޓް ކާމިޔާބު ކުރި އެވެ. އޭނާ ސެޓްތައް ގެންދިޔައީ، 11-5، 11-8 އަދި 11-1 ންނެވެ. ތިންވަނަ ސެޓްގައި ދީމާ ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭގެ ފުރަތަމަ ގޭމް ކާމިޔާބުކޮށްދިން ރަފާ: އޭނާ  ވަނީ ޕާކިސްތާންގެ ހައިކާ ސީދާ ތިން ސެޓުން ބަލިކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ފުރަތަމަ ގޭމް ކާމިޔާބުކޮށްދިން ރަފާ: އޭނާ ވަނީ ޕާކިސްތާންގެ ހައިކާ ސީދާ ތިން ސެޓުން ބަލިކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިންވަނަ ސެޓްގައި ރާއްޖޭގެ މިސްކާ މުހައްމަދު އިބްރާހިމްއާ ދެކޮޅަށް ނުކުތީ ޕާކިސްތާންގެ ކުލްސުމް އެވެ. ފުރަތަމަ ދެ ސެޓް މިޝްކާ ކާމިޔާބު ކުރީ އެވެ. އޭނާ އަށް އުނދަގޫ ކުރިމަތިވީ ފަހު ދެ ސެޓްގަ އެވެ. ފުރަތަމަ ދެސެޓް އޭނާ ގެންދިޔައީ 11-5 އަދި 11-6 ންނެވެ. ތިންވަނަ ސެޓް މިޝްކާ ކާމިޔާބު ކުރީ 11-6 ންނެވެ. ހަތަރު ވަނަ ސެޓްގައި ގައި ފަހަތުން އަރައި އޭނާ ޕޮއިންޓް ހަމަހަމަ ކުރި އެވެ. ގޭމް ނިންމާ ޕޮއިންޓްގައި ކުލްސުމް ވަނިކޮށް 10-10 އެއްވަރު ކުރި އެވެ. އަލުން ލީޑް ލިބި 11-10 މިޝްކާ ރާއްޖެ އަށް ކުރި ހޯދައިދިނެވެ. އެކަމަކު އަނެއްކާ ވެސް ކުލްސުމް ނަތީޖާ ހަމަހަމަ ކުރި އެވެ. މިޝްކާ އަތުން ލީޑް ގެއްލުނީ އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައިނުލެވުމުންނެވެ. ކުލްސުމް ސެޓް ކާމިޔާބު ކުރީ 13-11 އިންނެވެ.

ފަސް ވަނަ ސެޓްގައި ކުލްސުމް ވަނީ ހަތް ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފަ އެވެ. ކުލްސުމް އަށް ޕޮއިންޓް ހޯދިއރު މިސްކާ އަށް ހޯދުނީ އެއް ޕޮއިންޓެވެ. އެ ސެޓް ތަފާތު ބޮޑުކޮށް ކުލްސުމް ކާމިޔާބު ކުރީ 11-3 ންނެވެ.

ޕާކިސްތާންގެ ކުލްސުމް: މެޗު އިތުރަށް ފޯރިގަދަވީ ރާއްޖޭގެ މިޝްކާ އަތުން އޭނާ ކުޅުނު ގޭމް ކާމިޔާބު ކުރުމުން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕާކިސްތާންގެ ކުލްސުމް: މެޗު އިތުރަށް ފޯރިގަދަވީ ރާއްޖޭގެ މިޝްކާ އަތުން އޭނާ ކުޅުނު ގޭމް ކާމިޔާބު ކުރުމުން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އަށް މެޗު ކާމިޔާބުކޮށްދޭން ނުކުތީ ދީމާ

ޕާކިސްތާން އިން ތިން ވަނަ ގޭމް ހޯދުމުން މެޗުގެ ވާދަވެރިކަން ބޮޑުވި އެވެ. އެހާހިސާބުން ރއްޖެއިން ވަނީ އަލުން ދީމާ ކުޅެން ނެރފަ އެވެ. އޭނާ އާ ދެކޮޅަށް ކުޅެން ނުކުތީ ފުރަތަމަ ގޭމްގައި ރަފާ އަތުން ބަލިވި ހައިކާ އެވެ. ރަފާ ފަސޭހަ ކާމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކުރި އެވެ. ފުރަތަމަ ސެޓް ދީމާ ކާމިޔާބު ކުރީ 11-7 ންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 11-5 ން ނެވެ. ތިންވަނަ ސެޓްގައި ދީމާ ކާމިޔާބު ކުރީގެ ދެ ސެޓަށް ވުރެ ފަސޭހަ ކަމާއެކު އެވެ. އޭނާ އެ ސެޓް ގެންދިޔައީ 11-3 ންނެވެ.

އަންހެން ޓީމުގެ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.