Roadha Mihaaru
އައިއޯއައިޖީގައި ޓީޓީއަށް ދިންފޯރި ޒުވާންޓީމަށް މުހިންމު

އައިއޯއައިޖީގައި ޓީޓީ އަށް ދިން ފޯރި އަލުން ތަކުރާރުވުން ޒުވާން ޓީމަށް މުހިންމު: ޝިއުރީ

30 އެޕްރީލް 2022

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްގައި ފެނުނު ފޯރި، ރާއްޖޭގައި އަންނަ މަހު ބާއްވާ ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ މުބާރާތުގައި ފެނުން މުހިންމުކަމަށް ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްގައި ފެނުނު ފޯރި، ރާއްޖޭގައި އަންނަ މަހު ބާއްވާ ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ މުބާރާތުގައި ފެނުން މުހިންމުކަމަށް ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ޝިއުރީ ވިދާޅުވީ މޮރިޝަސްގެ ސަޕޯޓަރުންގެ ފޯރިއާ ހެދި އިދިކޮޅަށް ކުޅޭ ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެން ޖެހުނު ކަމަށެވެ.

"އެކަމަކު ފައިނަލްގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ކޮންޓިންޖެޓްގެ މެންބަރުން ވަދެ ފޯރި ގަދަކޮށްލީމަ މޮރިޝަސްގެ ކުޅުންތެރިންނަށް ވެސް ޕްރެޝަރަކަށްވި،" ޝިއުރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް މުބާރާތުގައި ވެސް އެފޯރި ފެންނާނެ ކަމަށް. އޭރުން ހަމަގައިމު ވެސް އެކަން ވާނެ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް."

ސަޕޯޓަރުންގެ ފޯރި އިތުރު ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީއޭއެމް ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ފޯރި އިތުރުކުރުމަށް ހިނގުނު ފަދަ ހަރަކާތްތަކެއް ޓީޓީ ޗެމްޕިއަންޝިޕަށް ވެސް ހާއްސަކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުޓްބޯޅަ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް އަޑު އިވޭނެ ފުޓްބޯޅަ އެކަނި ހެއްޔޭ މިނިސްޓްރީން ކުރާ ކަމަކީ. ފުޓްބޯޅަ އަށް އެކަނިހޭ ސަޕޯޓަރުން ހޯދަން ޕްރަމޯޓް ކުރަން ޖެހެނީ. އަޅުގަނޑުމެން މިއުޅެނީ އެކަން ބަދަލު ކުރަން،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

"މިއީ އެކަން ބަދަލު ކުރުމަށް އަޅާ އެއް ފިޔަވަޅު. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. ސާފް ޗެމްޕިއަންޝިޕަށް ފޯރި އިތުރުކުރަން ކުރި ކޮންމެ ކަމެއް މިމުބާރަތަށް ހާއްސަކޮށް ވެސް އަޅުގަނޑުމެން ކުރާނަން."

މިނިސްޓްރީ އާއި ޓީޓީއެއެމުން ދަނީ ސަރުކާރު ކުންފުނިތަކާ ވަކިވަކިން ބައްދަލުކޮށް ފޯރި އިތުރު ކުރުމަށް ހިންގާނެ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންދަމުންނެވެ. އަންނަ މަހު 9-12 އަށް ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމުން މުބާރާތުގައި ވާދަ ކުރާނެ އެވެ. ބޫޓާންއިން މުބާރާތުގައި ވާދައެއް ނުކުރެ އެވެ.