Roadha Mihaaru
ޔޫރޮޕާ ލީގް ފައިނަލުގައި ފްރޭންކްފާޓާއި ރޭންޖާސް

ޔޫރޮޕާ ލީގް ފައިނަލުގައި ފްރޭންކްފާޓާއި ރޭންޖާސް

06 މެއި 2022

ފްރޭންކްފާޓް (މެއި 6) - ޔޫއެފާ ޔޫރޮޕާ ލީގް ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗްތައް ކާމިޔާބުކޮށް، ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓާއި ސްކޮޓްލެންޑުގެ ރޭންޖާސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފްރޭންކްފާޓް (މެއި 6) - ޔޫއެފާ ޔޫރޮޕާ ލީގް ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗްތައް ކާމިޔާބުކޮށް، ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓާއި ސްކޮޓްލެންޑުގެ ރޭންޖާސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމްގެ 10 ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ފްރޭންކްފާޓުން ރޭ ދެވަނަ ލެގު ކާމިޔާބުކުރީ 1-0 އިންނެވެ. ފުރަތަމަ ލެގު އިންގްލެންޑުގައި ކުޅެ 1-1 އިން އެއްވަރުވި ނަމަވެސް ރޭގެ ކާމިޔާބާ އެކު ފްރޭންކްފާޓުން ވަނީ 2-1 ގެ އެގްރިގޭޓު ނަތީޖާއަކާ އެކު ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން ކުޅޭ ވެސްޓް ހޭމް އިން ވަރުގަދަ އަށް މެޗު ފެށީ ނަމަވެސް، މައްސަލަ ދިމާވީ މެޗުގެ 19 ވަނަ މިނިޓުގައި ޑިފެންޑަރު އާރޮން ކްރެސްވެލް އަށް ރަތްކާޑު ދެއްކުމުންނެވެ. އިޓަލީގެ އޭސީ މިލާނުން ލޯނު އުސޫލުން ފްރޭންކްފާޓަށް މި ސީޒަނުގައި ކުޅޭ ނޯވޭގެ ވިންގާ ޖެންސް ޕެޓާ ހޯގް އަށް ފައުލް ކޮށްގެން ކްރެސްވެލް އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރު ރިވިއު އަށް ފަހު ވަނީ ސީދާ ރަތް ކާޑަކަށް ބަދަލު ކޮށްފަ އެވެ.

ފްރޭންކްފާޓުން ލީޑު ނެގީ އޭގެ ހަތް މިނިޓު ފަހުން، އަންސްގާ ކްނައޯފް ދިން ބޯޅައަކުން އޭރިއާ ތެރޭ ހުސްކޮށް ހުރި ރަފައެލް ބޯރޭ ޖެހި ލަނޑުންނެވެ. ފުރަތަމަ ލެގުގައި ފްރޭންކްފާޓުން ޖެހި ހަމައެކަނި ލަނޑުގައި ވެސް ޖެހީ މި ދެ ކުޅުންތެރިން ގުޅިގެންނެވެ. އެ މެޗުގައި ކްނައޯފް ލަނޑު ޖެހިއިރު އެހީވީ ބޯރޭ އެވެ.

މެޗުގައި ވެސްޓް ހޭމްގެ ކޯޗު މޮޔެސް، ފްރޭންކްފާޓްގެ ބޯލްބޯއީއަކަށް ބޯޅައިން ހަމަލާ ދިނުމުން އޭނާ އަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާ ވަނީ މެޗަށް ފަހު، އެ އަމަލަށް މާފަށް އެދިފަ އެވެ.

މިއީ ފްރޭންކްފާޓް ޔޫއެފާ މުބާރާތެއްގެ ފައިނަލެއްގައި ކުޅޭ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 1960 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު) ފައިނަލުގައި ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ. އެއީ ފްރޭންކްފާޓުން ޔޫއެފާ މުބާރާތަކަށް ކޮލިފައި ވި ފުރަތަމަ ފަހަރު ވެސް މެއެވެ. އޭގެ 16 އަހަރު ފަހުން ޔޫއެފާ ކަޕް ވިނާސް ކަޕް ސެމީ ފައިނަލުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވި އެވެ. އެކަމަކު ހަތަރު އަހަރު ފަހުން ޔޫއެފާ ކަޕް (ޔޫރޮޕާ ލީގު) ސެމީ ފައިނަލުގައި ބެޔާން މިއުނިކް ބަލިކޮށް އެ ޓީމުން ވަނީ ފައިނަލުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކްގެ މައްޗަށް ކުރި ހޯދައި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ރޭންޖާސް ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހި ލުންޑްސްޓްރަމް މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭންޖާސް ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހި ލުންޑްސްޓްރަމް މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފައިނަލުގައި ފްރޭންކްފާޓް ވާދަކުރާނީ ސްކޮޓްލެންޑުގެ ރޭންޖާސްއާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި 1-0 އިން ރޭންޖާސް ބަލިވި ނަމަވެސް އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ރޭ 3-1 އިން ޖަރުމަނުގެ އާރުބީ ލައިޕްޒިގު ބަލިކޮށް އެގްރިގޭޓް ނަތީޖާ 3-2 އިން ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ 25 މިނިޓުތެރޭ ކެޕްޓަން ޖޭމްސް ޓަވާނިއާ އާއި މިޑްފީލްޑަރު ގްލެން ކަމާރާ ޖެހި ލަނޑުތަކުން ރޭންޖާސް އިން އެގްރިގޭޓުން ލީޑު ނަގާފައި ވަނިކޮށް، ލައިޕްޒިގަށް އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދިނީ 70 ވަނަ މިނިޓުގައި ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ އެވެ. އޭނާ މި ލަނަޑު ޖެހީ، ފުރަތަމަ ލެގުގައި ލައިޕްޒިގު މޮޅުވި ލަނޑު ޖަހައިދިން އެންޖެލީނޯގެ އެހީތެރިކަމާ އެކު އެވެ.

ލައިޕްޒިގުން ލަނޑު ޖަހައި އުންމީދު ހޯދި ނަމަވެސް އޭގެ 10 މިނިޓު ފަހުން، ކުރިން ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު ޖޯން ލުންޑްސްޓްރަމް ޖަހައިދިން ލަނޑާ އެކު ރޭންޖާސް ވަނީ އެޓީމުގެ ތާރީހުގައި ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މީގެ 14 އަހަރު ކުރިން، 2008 ވަނަ އަހަރު ޔޫއެފާ ކަޕް ނަމުގައި ކުޅުނު މުބާރާތުގެ ފައިނަލުގައި ރޭންޖާސް ބަލިވީ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓެސްބާގް އަތުންނެވެ. ނަމަވެސް މީގެ 50 އަހަރު ކުރިން 1972 ވަނަ އަަހަރު އެ ޓީމުން ވަނީ ޔޫއެފާ ކަޕް ވިނާސް ކަޕް ސެމީ ފައިނަލުގައި ބެޔާން މިއުނިކް ބަލިކޮށް ފައިނަލުގައި ޑައިނަމޯ މޮސްކޯ ބަލިކޮށްފަ އެވެ. އެއީ ރޭންޖާސް އިން މިހާތަނަށް ޔޫރަޕުގެ ފުޓުބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ސީޒަން ފެށިއިރު ރޭންޖާސްގެ ކޯޗަކަށް ހުރި ސްޓީވެން ޖެރާޑް، ސީޒަންގެ މެދުތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވުމުން، އެ ޓީމަށް އިރުޝާދު ދެމުން އަންނަނީ، ކުރިން ރޭންޖާސް އާއި ބާސެލޯނާ އަދި އާސެނަލް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ނެދަލެންޑްސްގެ ކުރީގެ ވާތު ބެކް ޖިއޮވާނީ ވެން ބްރޮކްހޯސްޓެވެ.

ރޭންޖާސް އާއި އެއިންޓްރަކްޓް ފްރޭންކްފާޓް ބައްދަލުކުރާ ޔޫރޮޕާ ލީގްގެ ފައިނަލް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ސްޕެއިންގެ ސެވިއްޔާގަ އެވެ.