Roadha Mihaaru
ޔޫރޮޕާ ލީގުންވެސް ބާސާ ކަޓައިފި، ފްރޭންކްފާޓް ސެމީއަށް

ޔޫރޮޕާ ލީގުން ވެސް ބާސާ ކަޓައިފި، ފްރޭންކްފާޓް ސެމީ އަށް

15 އެޕްރީލް 2022

ބާސެލޯނާ (އޭޕްރީލް 15) - ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު ބަލިކޮށް ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޭޕްރީލް 15) - ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު ބަލިކޮށް ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ފްރޭންކްފާޓް މޮޅުވީ 3-2 އިންނެވެ. މިރޭ ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ މެޗުގެ ކުރިން ޖަރުމަނުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއާ އެކު ފްރޭންކްފާޓުން ސެމީ އަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާ ބަލި ކޮށްގެންނެވެ.

މެޗުގެ ފަސްވަނަ މިނިޓުގައި ފްރޭންކްފާޓުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ސާބިއާގެ ޕިލިޕް ކޮސްޓިކެވެ. އެރިކް ގާސިއާ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން ފްރޭންކްފާޓުން ލީޑު ނެގުމުގެ ކުރިން ވެސް އެޓީމުން ވަނީ ބާސެލޯނާގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

ފްރޭންކްފާޓުގެ ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ޖެހީ ރަފައެލް ބޮރޭ އެވެ. އަދި 67 ވަނަ މިނިޓުގައި ކޮސްޓިކް ވަނީ އިތުރު ލަނޑެއް ޖަހައި ފްރޭންކްފާޓަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖެހުމުގެ ކުރިން ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހިގެން ބާސާ އަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް ފަހުން ވީއޭއާރް ބެލުމަށް ފަހު ރެފްރީ ވަނީ ޕެނަލްޓީ ނުދޭން ނިންމައިފަ އެވެ.

ބާސެލޯނާއިން މެޗުގެ ފަހު 15 މިނިޓުގައި ބޮޑަށް ކުރިޔަށް ޖެހިގެން ގޯލު ޖަހަން ފުރުސަތުތަކެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ކެޕްޓަން ސާޖިއޯ ބުސްކެޓްސް ލަނޑު ވެސް ޖެހި އެވެ. ނަމަވެސް ފްރެންކީ ޑި ޔޯން ޖައްސާލި ބޯޅަ ބުސްކެޓްސް ގޯލަށް ފޮނުވާލިއިރު އޮފްސައިޑުގައި ހުރިކަމަށް ނިންމީ ވީއޭއާރުން ބެލުމަށް ފަހު އެވެ.

ކޮސްޓިކް މިރޭ ފްރޭންކްފާޓުގެ ތިންވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ކޮސްޓިކް މިރޭ ފްރޭންކްފާޓުގެ ތިންވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި ބާސެލޯނާއިން ޖެހި ދެ ލަނޑު ވެސް ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގަ އެވެ. ޖުމްލަ ނުވަ މިނިޓު ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ބާސާ އަށް އުންމީދު އާކޮށްދިނީ، ބުސްކެޓްސް ޖެހި ލަނޑުންނެވެ. ލޫކް ޑި ޔޯން ފޮނުވާލި ބޯޅަ ބްލޮކްވުމުން އޭރިއާ ބޭރަށް ނުކުތް ބޯޅަ އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެން ބުސްކެޓްސް ބާސާގެ ފުރަތަމަ ލަނޑު ޖަހައިދިނެވެ.

އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ލޫކް ޑި ޔޯން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ބާސެލޯނާގެ ދެވަނަ ލަނޑު ޖެހީ މެމްފިސް ޑިޕާއި އެވެ. އޭނާ އަށް ފައުލް ކޮށްގެން ޑިފެންޑަރު އިވާން އެންޑިކާ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑް ދައްކައިފަ އެވެ. ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މިރޭގެ މެޗުގައި އެޓީމުގެ ޑިފެންޑަރު ޓޫޓާ ވެސް ކުޅެފައެއް ނުވެ އެވެ.

މިއީ އެންމެ ފަހުން ބާސެލޯނާ ކުޅުނު 16 މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗެވެ. ހަމަ އެއާ އެކު ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ޔޫރަޕުގެ މުބާރާތެއްގައި އެޓީމުގެ އަމިއްލަ ދަނޑުގައި މޮޅުވެފައެއް ނުވެ އެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ބެންފީކާއާ ކުޅުނު މެޗު އެއްވަަރުވިއިރު، ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ނަޕޯލީ އަތުން ވެސް އަމިއްލަ ދަނޑުގައިވީ އެއްވަރެވެ.

ފްރޭންކްފާޓް އަތުން ބަލިވުމުގެ ކުރިން ގަދަ 16 ގައި ތުރުކީގެ ގަލަތަސަރާއީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ސެމީ ފައިނަލުގައި މީގެ 46 އަހަރު ކުރީގެ ހަނދާންތައް

ސެމީ ފައިނަލުގަައި ފްރޭންކްފާޓުން ނުކުންނާނީ އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ވެސްޓް ހޭމް ވަނީ ކުއާޓާ ފައިނަލުގައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ފްރާންސްގެ ލިޔޯން ބަލިކޮށް، 46 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ފްރާންސްފައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރައިސް އާއި ކޫފަލް އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސްފައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރައިސް އާއި ކޫފަލް އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑުގައި މި ދެޓީމު ކުޅުނު ފުރަތަމަ ލެގު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަމަވެސް މިރޭ ފްރާންސްގައި ކުޅުނު ދެވަނަ ލެގު ވެސްޓް ހޭމް ކާމިޔާބުކުރީ 3-0 އިންނެވެ.

ވެސްޓް ހޭމް އިން 1976 ވަނަ އަހަރު ޔޫއެފާ ކަޕް ވިނާސް ކަޕް (ޔޫރޮޕާ ލީގް) ސެމީ ފައިނަލުގައި ވެސް ކުޅުނީ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށެވެ. އެފަހަރު ވެސްޓް ހޭމް ވަނީ އެގްރިގޭޓް 4-3 އިން ފްރޭޏްކްފާޓް ބަލި ކޮށްފަ އެވެ.

ފްރާންސްގައި މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައި ވެސްޓް ހޭމް އަށް ލީޑު ނަގައިދިނީ ޕަބްލޯ ފޯނަލްސް ނަގައިދިން ކޯނަރަކުން ކްރެއިގް ޑޯސަން އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ. ފަހު ހާފް ފެށިގެން ތިންވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ފޯނަލްސް ތަނަވަސްކުރި ފުރުސަތަކުން ތިންވަނަ ލަނޑު ޖަހައިދިނީ ޖަރޯޑް ބޯވެން އެވެ.

ޖަރުމަންގެ އާރުބީ ލައިޕްޒިގު ވެސް ވަނީ ދެވަނަ ލެގުގައި އިޓަލީގެ އެޓަލާންޓާ 2-0 އިން ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ލައިޕްޒިގުގެ ދެ ލަނޑު ވެސް ޖަހައިދިނީ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ އެވެ.

ލައިޕްޒިގުގެ ދެ ލަނޑު ވެސް ޖަހައިދިން އެންކޫންކޫ (މ) މިރޭ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލައިޕްޒިގުގެ ދެ ލަނޑު ވެސް ޖަހައިދިން އެންކޫންކޫ (މ) މިރޭ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސެމީ ގައި ލައިޕްޒިގާ ދެކޮޅަށް ނުކުންނާނީ ސްކޮޓްލެންޑުގެ ރޭންޖާސް އެވެ. މިއީ 14 އަހަރަށް ފަހު ރޭންޖާސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރޭންޖާސް ސެމީ އަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޕޯޗުގަލްގެ ސްޕޯޓިން ބްރާގާ ބަލިކޮށްފަ އެވެ.

ޕޯޗުގަލްގައި ބްރާގާ އާއި ރޭންޖާސް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ބްރާގާ އިންނެވެ. މިރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-1 އިން ރޭންޖާސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ މިނިޓުގައި ކަނާތު ބެކް ޖޭމްސް ޓަވާނިއާ ރޭންޖާސް އަށް ލީޑު ނަގައިދިނެވެ. އަދި 44 ވަނަ މިނިޓުގައި ބްރާގާގެ ވިޓޯ ޓޯމެނާ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހައި ޓަވާނިއާ ވަނީ ރޭންޖާސް އަށް ފުރަތަމަ ފަހަރަށް އެގްރިގޭޓުން ކުރި ހޯދައިދީފަ އެވެ. ޓޯމެނާގެ ފައުލަށް ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

ކެމާ ރޫފް، ރޭންޖާސް ސެމީ ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކެމާ ރޫފް، ރޭންޖާސް ސެމީ ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ބްރާގާ އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ޑޭވިޑް ކާމޯ އެވެ. މިއާ އެކު އެގްރިގޭޓް ސްކޯ 2-2 އިން އެއްވަރުވެފައި ވާތީވެ ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

ރޭންޖާސް ސެމީ ފައިނަލަށް ގެންގޮސްދިން ލަނޑު މެޗުގެ 101 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ކެމާ ރޫފް އެވެ. މި ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއް ފަހުން ބްރާގާގެ ފޯވާޑް ލޫރީ މެޑެއިރޯސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.