Roadha Mihaaru
ރިސޯޓްތަކުގެ 17 ބިލިއަނަކީ އަދަދެއް، އެ ނުލިބޭނެ

ރިސޯޓްތަކުން ނުދެއްކި އޮތް 17 ބިލިއަނަކީ އަދަދެއް، ލިބޭނެ އެއްޗެއް ނޫން

21 އެޕްރީލް 2022

ރިސޯޓްތަކުން ދައުލަތަށް ލިބެން ޖެހޭ ސީދާ 17 ބިލިއަން ރުފިޔާ އަކީ ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އެއްޗެއް ނޫން ކަމަށް މީރާ އިން ބުނެފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރިސޯޓްތަކުން ދައުލަތަށް ލިބެން ޖެހޭ ސީދާ 17 ބިލިއަން ރުފިޔާ އަކީ ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އެއްޗެއް ނޫން ކަމަށް މީރާ އިން ބުނެފި އެވެ.

މީރާގެ ޗެއާމަން އަހުމަދު ސަރުވާޝް ވިދާޅުވީ އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނުލިބި ހުރި ޖޫރިމަނާ އެވެ.

ދައުލަތަށް ނުލިބި ހުރި ކަމަށް އޮޑިޓް ރިޕޯޓްގައިވާ ޓޫރިޒަމްގެ އަދަދުތައް:

ރިސޯޓް ކުލި: 3.4 ބިލިއަން ރުފިޔާ

ރިސޯޓް ކުލީގެ ޖޫރިމަނާ: 13.4 ބިލިއަން ރުފިޔާ

ޖުމްލަ: 16.9 ބިލިއަން ރުފިޔާ

ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން އެއީ: 78 ޕަސެންޓް

ސަރުވާޝް ވިދާޅުވި ގޮތުގައި "އެއީ ލިބޭނެ އެއްޗެއް ކަމަށް ބަލައިގެން ތިއްބަސް ލިބޭނެ އެއްޗެއް ނޫނެ"ވެ. އޭގެ ސަބަބުތައް ވެސް އޭނާ އޮޅުންފިލުއްވައިދެއްވި އެވެ.

"ޓޫރިޒަމްގެ ޖޫރިމަނާތައް ވަރަށް ބޮޑު. އެއީ އަހަރަކަށް ބަލާއިރު 182 ޕަސެންޓް. ދުވާލަކަށް 0.5 ޕަސެންޓްގައި ޖޫރިމަނާވަމުން ދާނެ. އެހެން ގޮސް، އެ އަދަދުތައް ބޮޑުވަމުން ގޮސްފައި އެހުރީ،" އޭނާ ވިދާޅުވި އެވެ.

"މީރާގެ ނުލިބި ހުރި ހިސާބުތަކުން އެ ފެންނަން އެ ހުންނަނީ އެއީ މީރާ އަށް ވެސް މާފުކޮށްދެވޭނެ އެއްޗެއް ނޫން. އަނެއްކާ އޭގެ ޖޫރިމަނާ ބަޔަކީ މިހާރު އޮތް ގޮތުން ލިބޭނެ އެއްޗެއް ވެސް ނޫން."

އޭނާ ވިދާޅުވި ގޮތުގައި، ޖޫރިމަނާގެ ކަންތަކުގައި ސަރުކާރުން މީގެ ކުރިން ވަނީ، އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ވެސް ނިންމައިފަ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ގައި ޖޫރިމަނާ ވަމުން އަންނަ ނިސްބަތް ކުޑަކުރަން އޮތީ ނިންމައިފަ އެވެ.

"އޭރު ނިންމާފައި އޮތީ 0.0490 ޕަސެންޓަށް ޖޫރިމަނާ ބަދަލުކުރަން. އެއީ އަހަރަކަށް 18 ޕަސެންޓް. އެ ނިސްބަތުން ޖޫރިމަނާ ބަދަލުކޮށްފިއްޔާ ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބެން ޖެހޭ ބައި ވަރަށް ބޮޑަށް ކުޑަވާނެ،" ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކެޓިވްގެ މަގާމުގައި ވެސް ހުންނެވި ސަރުވާޝް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ އަދަދަށް ބަދަލު އަޔަސް، ކުއްޔަށް ލިބެން ޖެހޭ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި ވިދާޅުވީ ކުއްޔާއި ޖޫރިމަނާގެ ބޮޑު ބަޔަކީ ނުހެދި ރަށްރަށުން ލިބެން ޖެހޭ ފައިސާ ކަމަށެވެ.

"ހިންގަމުން ގެންދާ އެސެޓްތަކުން ހަމަ ބަރާބަރަށް ދައްކާކަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ. މައްސަލަ މި ދިމާވަނީ ނުހެދި ހުރި ރަށްރަށުގެ. އަދި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަދަދުގެ ތެރޭގައި ހިމެނޭނެ ކޮވިޑާ އެކު ކުލި ފަސްކޮށްދިން މުއްދަތުގެ ބައެއް ރެންޓްތައް ވެސް،" ސަރުވާޝް ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން ޖޫރިމަނާ ބޮޑުކަމުން އެތިއެތިކޮޅުން ވެސް ދައްކާ. އެހެން ތިބެލައިފައި ލާރިކޮޅެއް ލިބުނީމަ ވެސް ދައްކާލާނެ،" ސަރުވާޝް ވިދާޅުވި އެވެ.