Roadha Mihaaru
ޓެކްސް ނުދައްކާ ފަރާތްތަކުން ޓޫރިޒަމާ އެކު މަޝްވަރާއަށް

ނޭމް އެންޑް ޝޭމް ލިސްޓު: އަދިވެސް ޓެކްސް ނުދައްކާ

04 އޯގަސްޓް 2022

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ މައްސަލަ އަށް ހައްލެއް ހޯދަން ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ މައްސަލަ އަށް ހައްލެއް ހޯދަން ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާތައް ފަށައިފި އެވެ.

މީރާ އިން ބުނީ، ލިސްޓުގައި ހިމެނޭ ކުންފުނިތަކުން ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާތީ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދެވަނަ މަރުހަލާގައި އަޅާ ފިޔަވަޅު އެޅުން މަޑުޖެހިފައިވާ ކަމަށެވެ. ދެވަނަ މަރުހަލާގެ ދަށުން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ވެބްސައިޓުގަ އެވެ.

"ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން، ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މިހާތަނަށް އާންމު ކުރީ މީރާގެ ޓެކްސްޕެއާސް ސާވިސް ސެންޓަރުގަ އެވެ. އެ ސެންޓަރުގައި އެ މައުލޫމާތު އާންމު ކުރިތާ 60 ދުުވަސްވީ އިރު އަދިވެސް އެއްވެސް ކުންފުންޏަކުން ލިސްޓުން ނަން އުނިކުރެވޭ ވަރަށް މީރާ އަށް ފައިސާ ދައްކައިފައެއް ނުވެ އެވެ. ޓެކްސް ނުދެއްކިޔަސް މީރާއިން އެ ކުންފުނިތަކުގެ މައުލޫމާތު ވެބްސައިޓުގައި އާންމުކުރަން ޖެހެ އެވެ.

މި އުސޫލުގައިވާ ގޮތުން ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރަނީ މީރާގެ ޓެކްސްޕެއާސް ސާވިސް ސެންޓަރުގަ އެވެ. އެ ތަނުގައި 15 ދުވަސް ވަންދެން އެ މައުލޫމާތު ފެންނަ ގޮތަށް ބަހައްޓާނެ އެވެ. އަދި މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ނަމަ ދެން ހާމަކުރަނީ މީރާގެ ވެބްސައިޓުގަ އެވެ. ވެބްސައިޓުގައި އާންމުކުރާތާ 15 ދުވަސް ފަހުން، އެ މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ގެޒެޓްގައި އާންމުކުރާނެ އެވެ. މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ސޯޝަލް މީޑިއާގަ އެވެ.

ނޭމް އެންޑް ޝޭމް ލިސްޓުގައި ހިމެނޭ ރިސޯޓުތައް

ނޭމް އެންޑް ޝޭމް ލިސްޓުގައި ހިމެނޭ ރިސޯޓުތައް

ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރި ނަމަވެސް، ކުލި ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު އޮންނާނީ ޓޫރިޒަމް މިނިސްޓްރީއަށެވެ.

މިދިޔަ މެއި މަހު މީރާއިން އާންމު ކުރި ލިސްޓުގައިވާ 12 ކުންފުނިން ދައުލަތަށް 665 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

މީރާގެ "ނޭމް އެންޑް ޝޭމް" ލިސްޓަށް އަރާނީ ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ޓެކްސް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ ފަރާތްތަކެވެ.

މީރާއިން އާންމުކުރި ރިސޯޓުތައް

1. ހޮނޑާފުށި: އަބްދުﷲ އަލީ (ތްރީއޭ)

2. ފިލިތެޔޮ އައިލެންޑް ރިސޯޓު- ތްރީއޭ ޓްރޭޑިން ކޮމްޕެނީ

3. ކިހާ މޯލްޑިވްސް- އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް

4. ބްރެއިނާ ކޮއްޓަފަރު- އޭބީއެން ޕްރައިވެޓް ލިމިޓެޑް

5. ރަހާ ރިސޯޓު- ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6. ޖޭޑަބްލިއު މެރިއޮޓް ރިސޯޓު- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް

7. މެދުފުށި އައިލެންޑް ރިސޯޓް- މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

8. އެރިޔަދޫ އައިލެންޑް ރިސޯޓު- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް

9. ސައުތު ޕާމް ރިސޯޓު- ސައުތު ޕާމް މޯލްޑިވްސް

10. ކޮކޯ ޕާމް ދުނިކޮޅު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޑް ލިމިޓެޑް

11. މަކުނުދޫ އައިލެންޑް ރިސޯޓު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް

12. ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް- ތެލުވެލިގާ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް

މި އުސޫލުގެ ދަށުން ޓެކްސް ނުދައްކާ އެކި ޓެކްސްތައް ދައްކަން ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރާނީ އެކި ދުވަސްވަރު އެވެ. ޖީއެސްޓީ އާއި ޖީއާރްޓީ އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ކޮންމެ އަހަރެއްގެ މާޗު މަހާއި ސެޕްޓެމްބަރު މަހުގަ އެވެ.

އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އޮކްޓޫބަރު މަހެއްގަ އެވެ. ޓޫރިޒަމް ދާއިރާ އާއި އެގްރިކަލްޗަރަލް ދާއިރާގެ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ އޭޕްރީލް މަހާއި އޮކްޓޫބަރު މަހުގަ އެވެ.

މިގޮތަށް ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ޓެކްސް ފައިސާ ދައްކައިފި ނަމަ އެ ފަރާތުގެ ނަން މީރާގެ ލިސްޓުން އުނިކުރާނެ އެވެ.