Roadha Mihaaru
ނަސްރުގެ އަޑު ފަނޑުވުމެއް ނެތް، ވަޒީފާގައި ނަމޫނާއެއް

ނަސްރުގެ އަޑު ފަނޑުވުމެއް ނެތް، ވަޒީފާގައި ނަމޫނާއެއް!

22 އެޕްރީލް 2022

ޒަމާނަށް އަންނަ ބަދަލުތަކުގެ ތެރޭގަައި، ދިވެހިރާއްޖޭގެ އަޑު ފަނޑުވެދާނެ ހެއްޔެވެ؟ ނޫނެކެވެ؛ ނަސްރުﷲ އިދުރީސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ޒަމާނަށް އަންނަ ބަދަލުތަކުގެ ތެރޭގަައި، ދިވެހިރާއްޖޭގެ އަޑު ފަނޑުވެދާނެ ހެއްޔެވެ؟ ނޫނެކެވެ؛ ނަސްރުﷲ އިދުރީސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

ދިވެހިރާއްޖޭގެ އަޑާއި ދީނުގެ އަޑާއި ދިވެހި އެފްއެމްގެ ކޮންޓެންޓް ހަދަން ޕްރޮޑިއުސަރުންނަށް މަގު ދައްކައިދިނުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ބުރަ މަސްއޫލިއްޔަތު ބޮލު އަޅައިގެން ހުރެ، އޭނާ ގަބޫލުކުރާ ގޮތަކީ މި އެވެ؛

"އެކަމަކު މާލޭގައި ތިބެގެން އުފައްދާ ޕްރޮގްރާމްތަކުގެ އިތުރުން ރަށްރަށަށް ގޮސްގެން އުފައްދާ ޕްރޮގްރާމްތައް އިތުރު ކުރަން ޖެހޭ. ހާއްސަކޮށް ލައިވް ޝޯތައް. އާންމުންނާ ވީހާ ގުޅުން ބޮޑު ގޮތަކަށް ޕްރޮގްރާމްތައް އެބަ ބައްޓަން ކުރަން ޖެހޭ. އަނެއްކާ ޒުވާނުންނާ ގުޅޭ ޕްރޮގްރާމްތަކާއި ރިއަލިޓީ ޝޯތައް ވެސް އިތުރުކުރަން އެބަޖެހޭ،" 27 އަހަރުގެ ތަޖުރިބާއާ އެކު އޭނާ ބުންޏެވެ.

އެ ބަދަލުތައް އަޑުގެ ޓީމުން އަންނަނީ ގެންނަމުންނެވެ. އޭގެ ނަތީޖާއަކީ ދިވެހިރާއްޖޭގެ އަޑު އެތައް ބައެއްގެ ކަންފަތާ ހަމައަށް މިހާރު ކޮންމެވެސް ގޮތަކުން ފޯރާ ކަމެވެ. ހާއްސަކޮށް، ދިވެހިރާއްޖޭގެ އަޑުގެ ސިއްކަ ކަމަށް ބެލެވޭ، "ބާއްޖަވެރި ހެނދުނެއް" އަށް ގެނައި ބަދަލަކީ، އޭނާ ބުނާ ގޮތުން މީހުންނަށް ބަލައިގަންނަން އުނދަގޫވި ޓްވިސްޓެކެވެ.

"ބާއްޖަވެރި ހެނދުނެއް އަށް އައީ ބޮޑު ބަދަލެއް. ހަގީގަތުގައި އަޅުގަނޑުމެން ވެސް އޭރު އެހާ ހިތް ރުހުނު ކަމެއް ނޫން އެއީ. އެކަމަކު ބޭރުގެ މާހިރަކު ލަފާ ދީގެން އެ ބަދަލު ގެނައީ. އޭރު ވިސްނުނު އެއް ކަމަކީ އެ ޕްރޮގްރާމް ލައިވް ކުރަން ވީމަ، އެހާ ހެނދުނާ ލައިވް ކުރަން ޖެހުން. އެކަމަކު އޭގެ ދިގުމިނަށް ވެސް ބަދަލު ގެނެސް ލައިވް ކުރަން ފެށީމަ އެ ބަދަލު ވަރަށް ރަނގަޅު ވެއްޖެ.

"ބޮޑު ޓީމަކުން މިހާރު ބާއްޖަވެރި ހެނދުނެއް ގެންނާނީ. މީހުންނާ ލައިވްކޮށް ވާހަކަ ދައްކާ މަގުބޫލު ޝޯއަކަށް އަނެއްކާ ވެސް ވެއްޖެ،" އެ ޕްރޮގްރާމް ހުށަހެޅުމުގައި ގާތްގަނޑަކަށް 15 އަހަރު ހޭދަކޮށްފައިވާ ނަސްރު ބުންޏެވެ.

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހީނަރުވަމުން ދިޔަ ރޭޑިއޯ އަށް، ނަސްރު ވެސް، މުހިންމު ހިއްސާއެއް އޮވެގެން މަޑުމަޑުން އަންނަނީ ކޮޅަށް ޖަހަމުންނެވެ.

"ދާދި ފަހުން އޭއެމް ބައެއް ހިސާބުތަކަށް ނުލިބުމުން ރޭޑިއޯ އަށް ވަރަށް ބޮޑަށް ހީނަރުކަން އައި. އެކަމަކު މިހާރު އެކަން ރަނގަޅުކޮށް ރޭޑިއޯ އަޑުއަހާ މީހުންގެ އަދަދު އެބަ ގިނަވަމުން ދޭ."

ޕްރޮގްރާމްތައް ބައްޓަން ކުރާނެ ގޮތް ނަސްރުގެ ސިކުނޑީގައި މިހާރު އެބައޮތެވެ. އެކަމަށް އޭނާ ވަރަށް ފަރިތަވެއްޖެ އެވެ. އެކަމަކު އޭނާ މިހާރު ހުއްޓިގެން އެ ހުރީ މަގާމާ ހިސާބަށް އައީ ވަރަށް ދިގު ތާރީހަކާ އެކު އެވެ.

ސިފައިންގެ އަށް ފިލަން ވެގެން ގޮސް އަޑަށް!

ސްކޫލު ނިންމާ ކުދިން ސިފައިންގެ އަށް ވައްދަން ފެށުމުން، ނަސްރު ބެލީ އެންމެ ފަސޭހަ އިން އެކަމުން ސަލާމަތް ވާނެ ގޮތެކެވެ. އޭނާ ގޮސް ވަނީ ދިވެހިރާއްޖޭގެ އަޑަށެވެ.

"އިންޓަވިއު އަށް ދިޔަ ފުރަތަމަ ދުވަހު ވެސް އަޑު ޓެސްޓްކުރީ. އިބްރާހިމް މަނިކު (ސަމަރޭ) އިންނެވީ އެކަމުގައި. ދެން އަޑު ޓެސްޓްކޮށްފައި ވިދާޅުވީ މާދަމާ ދާށޭ މިވެނި މީހެއް ކައިރިއަށް. އަނެއް ދުވަހު ވަޒީފާ ހަމަޖެހިއްޖެ،" ނަސްރު ބުންޏެވެ.

"އެ ދުވަސްކޮޅަކީ (1994) ހަފްސާއްތަމެން ނަޖްމާއްތަމެން ވެސް އުޅުއްވި ދުވަސްވަރު. ހަމަ އޭރުގެ ފުލް ޓީމް އޮތް. އެ ދުވަސްވަރަކީ ޒުވާން ކުދިންތަކެއް ޕްރޮޑަކްޝަނަށް ނަގަމުން ދިޔަ ދުވަސްކޮޅެއް. އަޅުގަނޑު ވަނުމުގެ ދުވަސްކޮޅެއް ކުރިން ވެސް ޒުވާން ކުދިންތަކެއް ވަޒީފާ އަށް ވަން. އަޅުގަނޑުގެ ފަހުން ވެސް ވަން. އެކަމަކު އޭގެކުރިން ޒުވާން ކުދިން ވަރަށް ނުގުޅޭ އެތަނުގެ ޕްރޮޑަކްޝަނާ،" ނަސްރު ބުންޏެވެ.

ނަސްރު ވަނީ ޕްރޮޒެންޓާ ޕްރޮޑިއުސާ ޓްރޭނީއެއްގެ މަގާމަށެވެ.

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަކު ނަސްރުގެ މަސައްކަތް އޭރު ބޮޑަށް ދިޔައީ ކަރަންޓް އެފެއާޒްގެ ކޮންޓެންޓް އުފެއްދުމުގަ އެވެ. އޭރު ރާއްޖޭގައި ވަރަށް މަގުބޫލު ވެގެން ދިޔަ ޕްރޮގްރާމްތައް ކަމަށްވާ، "ހަބަރު ފީތާ"، "ވޭތުވެދިޔަ ހަފުތާގައި ރާއްޖެ"، "ވޭތުވެދިޔަ ހަފުތާގައި ދުނިޔެ" ކަހަލަ ޕްރޮގްރާމްތައް ހެދުމުގައި އޭނާ އުޅެން ޖެހުނީ އިސްކޮށެވެ.

"އެ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ކަންތައްތަކަށް ވަރަށް ބޮޑަށް އަޅުގަނޑުގެ ލޯ ހުޅުވިގެން ދިޔަ ޕްރޮގްރާމްތަކެއް. ހާއްސަކޮށް ހަބަރުފީތާ ކަހަލަ ޕްރޮގްރާމަކީ އޭގެ ސަބަބުން މީހުންނާ ވަރަށް ބޮޑަށް ގުޅުން އުފެދިގެން ދިޔަ ޕްރޮގްރާމެއް. އޭރު އަލީ އަަބްދުﷲ ގެ ބެލުމުގެ ދަށުން އެކަން ކުރަމުން އައީ. ވަރަށް ހިތްހަމަޖެހުނު ތަޖުރިބާއެއް އެއީ،" ނަސްރު ބުންޏެވެ.

ހަމަ އެ ދުވަސްވަރު އޭނާ ވަނީ ރޯދަ މަހު އަޑުން ގެނައި މަޝްހޫރު ޕްރޮގްރާމް "ލޯބީގެ ދަރުބާރު" ވެސް އުފައްދައިފަ އެވެ. ގާތްގަނޑަކަށް ހަތް އަހަރު އެ ޕްރޮގްރާމް އޭނާ އުފެއްދި އެވެ.

އަޑުގެ އަހަރީ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، އަޑުގެ ޓީމާ އެކު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ

އަޑުގެ އަހަރީ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، އަޑުގެ ޓީމާ އެކު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ

ނަސްރާ އެކު އަޑާ ގުޅުނު ޒުވާން ޖީލުގެ ސަބަބުން ރޭޑީއޯގެ ޕްރޮގްރާމްތަކަށް ބަދަލު އަންނަން ފެށިކަން އާންމުންނަށް ވެސް އިހުސާސް ވާން ފެށި އެވެ. އެ ބަދަލުތައް އޭރު ރޭޑިއޯ އަށް އައީ އިބްރާހިމް މަނިކު [ސަމަރޭ] ގެންނެވި ބަދަލަކާ އެކު އެވެ. ނަސްރު ބުނި ގޮތުގައި އޭރު އަޑުގައި ގްރޫޕުތަކެއް އުފައްދައި، އެ ގްރޫޕް ވާދަވެރިކަންވީ ޕްރޮގްރާމްތަކަށް އައި ކުއްލި ކުރިއެރުމަކަށެވެ.

"ވާދަވެރިކަމުގެ ތެރޭގައި އެއް ފަހަރަކު އަޅުގަނޑުމެންގެ ގުރޫޕުން ކ. ހިންމަފުށީގައި އަޅުގަނޑުމެން ރޯދަމަހެއްގައި ބޭއްވި އިވެންޓެއް ވެސް ލައިވް ކުރިން. އެއީ ހީވަނީ ޓެކްނިކަލް މާ ބޮޑު ވަސީލަތެއް ނެތި އެކަހަލަ ގޮތަކަށް ޕްރޮގްރާމެއް ލައިވްކުރި ޕްރޮގްރާމްހެން. އަޅުގަނޑު އަމިއްލަ އަށް އެއްޗެހި ގަނެގެން، ފޯނަކާ ކަނެކްޓްކޮށްގެން ވޮއިސް ރެކޯޑަރެއް މެދުވެރިކޮށް ޕްރޮގްރާމެއް އަޑުން ލައިވް ކުރިން. ފަހުން އިބްރާހިމް މަނިކަށް އެނގިވަޑައިގެން އެކަން މަނާކުރެއްވީ،" ނަސްރު ބުންޏެވެ.

ދިވެހިރާއްޖޭގެ އަޑުން އެކި ރަށްރަށުގައި ބިއުރޯތައް ހެދުމާ އެކު، އެތަންތަނަށް ދާން ޖެހުނު އެކަކަށް ނަސްރު ވެސް ހިމެނުނެވެ. އޭނާ ފުރަތަމަ ދިޔައީ އައްޑު އަށެވެ. އެހެން ގޮސް، ރާއްޖޭގެ އެކި ރަށްރަށުގައި ހަދާފައިވާ ބިއުރޯތަކުގައި އޭނާ މަސައްކަތް ކުރަން ޖެހުނެވެ.

"އިބްރާހިމް މަނިކު ގުޅުއްވާފައި ވިދާޅުވީމަ ދެން ފުރައިގެން ދަނީ. އެހެން ގޮސް އެކި ރަށްރަށުގައި ހުންނަން ޖެހުނު. ފުވައްމުލަކު އެއީ އެންމެ ގިނަ ދުވަހު ހުންނަން ޖެހުނު ރަށް. ގާތްގަނޑަކަށް ދެ އަހަރު އެ ރަށުގައި ހުންނަން ޖެހުނު،" ނަސްރު ބުންޏެވެ.

އަޑުގެ ކުރީގެ ބައެއް ބޭފުޅުންނާއި މިހާރުގެ ޓީމުގެ ބައެއް މީހުންނާ އެކު ނަސްރު (އިށީނދެވަޑައިގެން ކ- ބަދުރު އަދި ސަމަރޭ)

އަޑުގެ ކުރީގެ ބައެއް ބޭފުޅުންނާއި މިހާރުގެ ޓީމުގެ ބައެއް މީހުންނާ އެކު ނަސްރު (އިށީނދެވަޑައިގެން ކ- ބަދުރު އަދި ސަމަރޭ)

ފުވައްމުލަކުގައި އޭނާ ހުރި ދުވަސްވަރު ތަފާތު އެހެން މަސައްކަތަކުގައި ވެސް އުޅުނެވެ. ނަސްރަކީ ނޫސްވެރިކަމުގައި ވެސް ކާމިޔާބު ސޮފްހާތަކެއް އޮތް ހުނަރުވެރި އެކެވެ. "އައްޑުވަސް" ނޫހަށް އޭނާ ލިޔުމުގެ އިތުރުން "ފިއެސް"ގެ އެއް ހިއްސާދާރަކީ އޭނާ އެވެ. އަދި "މަނަސް" މެނޭޖްކުރުމުގެ އެންމެ ބޮޑު އެއް ރޯލު އަދާކުރީ އޭނާ އެވެ. މަޝްހޫރުވެގެން ދިޔަ "ކައްޓެޅި" ނޫހަކީ ވެސް އޭނާގެ ވަރަށް ބުރަ މަސައްކަތެވެ.

"އަޅުގަނޑަަކީ އޭގެ އެޑިޓަރު. އެ ނޫހުގެ އަގު ވަޒަންކޮށް އޭރު އަތޮޅު ކޮމެޓީން ނޫހަށް ދެ ކޮމްޕިއުޓަރު ސިސްޓަމް ވެސް ދިން. އޭގެ އިތުރުން އަޅުގަނޑުމެން މީޑިއާ ސެންޓަރުން އިސް ނަގައިގެން ފުވައްމުލަކު ބަހުރުވައިން ވާހަކަ ދެއްކުންތެރިން އުފައްދަން ވެސް ޕްރޮގްރާމެއް ހިންގިން. އޭގެ ސަބަބުން ވަރަށް ކުޅަދާނަ ވާހަކަދެއްކުންތެރިން އުފަންވި،" ނަސްރު ބުންޏެވެ.

އެހިސާބުން އަނެއްކާ ވެސް އޭނަ އެނބުރި މާލެ އަށް ބަދަލުވާން ޖެހުނެވެ. އެއީ އޭރު އަޑުގައި ހުންނެވި ބަދުރުއްނަސީރުގެ އެދިވަޑައިގަތުމެކެވެ.

"ފުވައްމުލަކުގައި ހުއްޓާ ބަދުރު [ބަދުރުއްނަސީރު] އަޅުގަނޑު ކައިރީގައި އެދިވަޑައިގަތީ މާލެ އަންނަންވީ ނޫންހޭ. ދެން މާލެ އައިސް ހަފްސާއްތަގެ ދަށުން މަސައްކަތް ކުރަން ޖެހުނީ. އެއީ އަސްލު މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރަން ފެށި ހިސާބަކީ،" އޭނާ ބުންޏެވެ.

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިވެހިރާއްޖޭގެ އަޑުގެ ތާރީހުގައި އެ ނަމެއް ކަނޑާނަގާފައިވާ ބަދުރަކީ، ނަސްރުގެ ކުރިއެރުމުގެ ވެސް އެއް ބައެވެ. ނަސްރު ބުނި ގޮތުގައި އަޑުގެ މަޝްހޫރު ޕްރޮގްރާމްތައް ހުށަހަޅަން ފުރުސަތު ލިބުނީ ބަދުރުގެ ސަބަބުންނެވެ.

"ބަދުރާ އެކު ފުރަތަމަ ވެސް ބާއްޖަވެރި ހެނދުނެއް ވެސް، ރޯދަކުރުކުރުން ވެސް ފެށީ. އެ ފެށި ގޮތަށް ހުއްޓާލުމެއް ނެތި މި ދަނީ ކުރިއަށް،" އޭނާ ބުންޏެވެ.

ނަސްރު ބުނާ ގޮތުން "ބާއްޖަވެރި ހެނދުނެއް"ގެ 3000އެއްހާ ޕްރޮގްރާމް އޭނާ މިހާތަނަށް ވަނީ ހުށަހަޅައިދީފަ އެވެ. އަދި، އެއްވެސް ރޯދަމަހެއްގެ މެދުކެނޑުމެއް ނެތި، "ރޯދަކުރުކުރުން"ގެ 400އެއްހާ ޕްރޮގްރާމް ވަނީ އާންމުންނާ ހަމައަށް ދޫކޮށްލައިފަ އެވެ.

އެއަށް ވުރެ ހާއްސަ ވާހަކަ އަކީ މި އެވެ؛ ހަތާވީސް އަހަރުގެ ތެރޭގައި އޭނާ ދުވަހަކު ވެސް އޮފީހަށް ގަޑިއެއް ނުޖެހެ އެވެ. އޭނާ ބުނާ ގޮތުގައި އެ 27 އަހަރުގެ ތެރޭގައި ސަލާމް ބުނެވިފައި ހުންނާނީ ވެސް އިނގިލިން ގުނަލެވޭ ވަރަށް، ގާތްގަނޑަކަށް ފަސް ވަރަކަށް ސަލާމެވެ.

"ހީވާ ގޮތުން ދިހަ ވަރަކަށް އަހަރު ވެއްޖެ އެއްވެސް ސަލާމެއް ނުބުނާތާ ވެސް،" އޭނާ ބުންޏެވެ.

ފުރުސަތުތައް ލިބުނު، އެކަމަކު އަޑާ ވަކިވުމުގެ ވިސްނުމެއް އަދި ނެތް

ޓީވީ އާއި ރޭޑިއޯ ހިންގުމަކީ ދައުލަތުން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައުމާ އެކު އަމިއްލަ ފަރާތްތަކުން ޓީވީ އާއި ރޭޑިއޯތައް އުފައްދަން ފެށި އެވެ. އަޑާއި ޓީވީއެމްގައި މަސައްކަތް ކުރި އެތައް ބަޔަކު ވަޒީފާ ދޫކޮށް ވެސް ދިޔަ އެވެ. އެ ފުރުސަތު ނަސްރަށް ވެސް ލިބުނެވެ.

"އެކަމަކު އަޅުގަނޑަށް އޭރު ނުވިސްނުނީ ދެމެހެއްޓިދާނެ ކަމެކޭ އެއީ. އެހެންވެ ނުދިޔައީ. އަޅުގަނޑުގެ ވަރަށް ގާތް މީހުން ވެސް އެކި ތަންތަނަށް ދިޔަ. އަޅުގަނޑަށް ވެސް ދެވެން އޮތް،" އޭނާ ބުންޏެވެ.

އަޑުގ އިސް ބައެއް ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް

އަޑުގ އިސް ބައެއް ބޭފުޅުންނާ އެކު ނައިބު ރައީސް ފައިސަލް ނަސީމް

އެކަމަކު އެ އައި ބަދަލުތައް ވީ، ނަސްރު ބުނި ގޮތުގައި މުޅި ތަނުގެ ޓީމް ވޯކް ގެއްލުވާލި ކަމަކަށެވެ. ސަބަބަކީ، އޭނާ ބުނާ ގޮތުން އޭރާ ހަމައަށް އަޑުގައި މަސައްކަތް ކުރަމުން އައީ ވަރަށް ވަގުގަދަ ޓީމްވޯކެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުގެ ވިސްނުމަކު މި ވަގުތަކު ނެތް މި ވަޒީފާ ދޫކޮށްދާކަށް،" އޭނާ އިތުރުކޮށްލި އެވެ.

"24 ގަޑިއިރުގެ ވަޒީފާއެއް މިއީ. ކިތަންމެހާ ވެސް ބުރަ. ޗުއްޓީއެއް ނެގިޔަސް، ތަނަކަށް ދިޔަޔަސް ހަމަ މިކަމުގެ ތެރޭގައި އުޅެން ޖެހެނީ."

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަސްރު، އަޑުގައި ލައިވް ޕްރޮގްރާމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިވެހިރާއްޖޭގެ އަޑަކީ ނަސްރުގެ ހަޔާތުގެ މުހިންމު ބައެކެވެ. އަމިއްލަ އަށް ކަންކަމަށް އިސް ނަގައި، އަދި އިސްވެ ހުރެ އަޑަށާއި އެމްއެންބީސީ އާއި އެމްބީސީ އަށް ވެސް ވަނީ މުހިންމު ވަރަށް ގިނަ ކަންކަން ކޮށްދީފަ އެވެ. އެއީ، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ހިތުގައި އޮތް ލޯތްބެއްގެ ވެސް ބޮޑުކަމުންނެވެ.

"އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކީ ވެސް މީހުން އެކަން ބަލައިގަންނާތީ. މިސާލަކަށް، ހއ. ކެލާ، މ. މުލައް، ނ. ހޮޅުދޫ ލ. ފޮނަދޫ ކަހަލަ ރަށްރަށުގައި ބޭއްވި އެމްބީސީ އީދު އުފާ ޝޯތައް އެއީ އަޅުގަނޑު ލީޑްކޮށްގެން ބޭއްވި ޝޯތައް. މުޅި އަތޮޅު ރައްޔިތުންނާ ގުޅިގެން ހިންގި ހަރަކާތެއް އެއީ. ގާތްގަނޑަކަށް ދެ މަސް ތިން މަސް ދުވަސް ވަންދެން ދުރާލައި ރާވައިގެން ބޭއްވި ޝޯތަކެއް އެއީ،" ނަސްރު ބުންޏެވެ.

"މީގެ އިތުރުން އަޑަށް 50 އަހަރު ފުރިގެން ހުރާ، ނިލަންދޫ ކަހަލަ ރަށްރަށުގައި ބޭއްވި ހަރަކާތްތައް. އެކި ރަށްރަށުގައި މި ނޫނަސް ވަރަށް ގިނަ ހަރަކާތްތައް ހުންނާނެ ބާއްވާފައި. އަދަބީ އުފާ ކާނިވާ ކަހަލަ އިވެންޓްތައް އެއީ ވަރަށް މަސައްކަތް."

ދިވެހިރާއްޖޭގެ އަޑު ވެފައި އޮތީ ނަސްރުގެ ދިރިއުޅުމުގެ އެއްބަޔަށެވެ. މަގާމުގެ ބުރަކަން އޭނާ އަށް ވަރަށް ބޮޑަށް ވަޒަން ކުރެވެ އެވެ. އެކަމަކު ޝަކުވާއެއް ވެސް ނެތެވެ. އޭނާ ނަގަހައްޓަން ބޭނުން ވަނީ ދިވެހިރާއްޖޭގެ އަޑެވެ.