Roadha Mihaaru
މި ފަހަރުގެ ތަރިއަކީ މި ރީތި އަޑު!

މި ފަހަރުގެ ތަރިއަކީ މި ރީތި އަޑު!

18 އެޕްރީލް 2022

ލަވަކިޔުމާއި މަދަހަ ކިޔުމަށް ހިތުގައި ކިތަންމެ ބޮޑު ލޯތްބެއް އޮތަސް މާލެއަށް އުފަން، އައިމިނަތު ރާޔާ އަޝްރަފަށް އެއީ ހަމަ ހޮބީއެކެވެ. ރާޔާއަކީ އެންމެ ހަތް އަހަރުން ފެށިގެން ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން ދެކި ފަރިތަ މޫނެކެވެ. މިހާރު ސްކޫލު ދައުރު ނިމި، އެ މުބާރާތްތަކާ އަލްވަދާއު ކިޔަން ޖެހުނަސް، އޭނާގެ ވަރުގަދަ އަޑު ފަނޑުވުމެއް ނެތެވެ. ވަރަށް ކުރާ ހިތުން ލަވަޔާއި މަދަހަ އަދިވެސް ކިޔަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލަވަކިޔުމާއި މަދަހަ ކިޔުމަށް ހިތުގައި ކިތަންމެ ބޮޑު ލޯތްބެއް އޮތަސް މާލެއަށް އުފަން، އައިމިނަތު ރާޔާ އަޝްރަފަށް އެއީ ހަމަ ހޮބީއެކެވެ. ރާޔާއަކީ އެންމެ ހަތް އަހަރުން ފެށިގެން ސްކޫލު ކުދިންގެ ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން ދެކި ފަރިތަ މޫނެކެވެ. މިހާރު ސްކޫލު ދައުރު ނިމި، އެ މުބާރާތްތަކާ އަލްވަދާއު ކިޔަން ޖެހުނަސް، އޭނާގެ ވަރުގަދަ އަޑު ފަނޑުވުމެއް ނެތެވެ. ވަރަށް ކުރާ ހިތުން ލަވަޔާއި މަދަހަ އަދިވެސް ކިޔަ އެވެ.

ރާޔާގެ މަންމަ، އައިޝަތު އަފީފާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި ރާޔާ ސްކޫލު މުބާރާތްތަކުގައި މަދަހަ ކިޔަން ފެށީ ގަލޮޅު މަދަރުސާގައި އުޅުނުއިރެވެ. އޭގެ ފަހުން އިމާދުއްދީން ސްކޫލަށް ބަދަލުވެ، އަދި ގާޒީ ސްކޫލުން، ސްކޫލު ނިންލުމާ ހަމައަށް ވެސް އޭނާ ވަނީ އެއިން ކޮންމެ ސްކޫލެއް ތަމްސީލުކޮށް މުބާރާތްތަކުގައި ލަވަޔާއި މަދަހަ ކިޔައިފަ އެވެ.

"ޓީވީއެމް މުބާރާތުން މަދަހާއި ލަވަ ކިޔަން ފެށީ. އޭރު ފެށުނު ގޮތަށް މުބާރާތްތައް އަލުން ފެށުނު ފަހުން ކޮންމެ އަހަރު ވެސް ކާމިޔާބީތައް ލިބޭ،" ރާޔާގެ އެ ކާމިޔާބީގެ ފަހަތުގައި ހުރި އޭނާގެ މަންމަ ބުންޏެވެ.

ރާޔާއަށް މިހާތަނަށް ލިބުނު ކާމިޔާބީތައް:

- 2015 ވަނަ އަހަރު މަދަހަ މުބާރާތުން ދެވަނަ

- 2015 ގައި އިންޓަ ސްކޫލު ލަވަ މުބާރާތުގެ ޖޫނިއާ ގްރޫޕުން އެއް ވަަނަ

- 2020 ގައި ބޭއްވި އެމްއެމްއޭސީގެ "މަދަހަ ރަން އަޑު" އިން އެއް ވަނަ

- 2020 ގައި ބޭއްވި މަދަހަ މުބާރާތުން ރާޔާ ބައިވެރިވި އުމުރު ފުރާއިން ދެވަނަ

- 2018 އާއި 2019 އަދި 2021 ގައި އިންޓަ ސްކޫލު މަދަހަ މުބާރާތުން އެއް ވަނަ

މަދަހަ އާއި ލަވަ މުބާރާތްތަކުގައި ބައިވެރިވެގެން ރާޔާއަށް ލިބިފައިވާ ބައެއް ޓްރޮފީތައް-

މަދަހަ އާއި ލަވަ މުބާރާތްތަކުގައި ބައިވެރިވެގެން ރާޔާއަށް ލިބިފައިވާ ބައެއް ޓްރޮފީތައް-

ވަރަށް ކުރާ ހިތުން ރާޔާ މިކަމުގައި އުޅޭއިރު ރާޔާގެ މަންމަ ބުނި ގޮތުގައި ފިލާވަޅު ދަސްކުރަން ބޭންދުމުން ވެސް އޭނާ ކުރާ ކަމަކީ އެއީ އެވެ. ފޮތުގެ ތެރެއަށް ކޮންމެވެސް ލަވައެއްގެ ރިލިކްސް ލައިގެން އިނދެގެން އެ ހިތު އެޅުވޭތޯ އޭނާ އަބަދުވެސް ބަލަ އެވެ. ނޫން ނަމަ ދަންވަރަށް ގޭތެރޭގެ އަޑުގަދަވެގެން ގޮސް ބަލާއިރު އޭނާ އުޅޭނީ ކޮޓަރި ތަޅުލައިގެން ލަވަކިޔޭތޯ އެވެ.

"އަޅުގަނޑަށް ކިތަންމެ ރެއަކު ދަންވަރަށް ގޭތެރޭގައި އަޑުގަދަވެގެން ގޮސް ބަލާއިރު ރާޔާ އުޅޭނީ ލަވަ ކިޔަން. ކޮންމެވެސް މީހެއްގެ އަޑުން އޭނާ ކިޔާ ގޮތަކަށް ކިޔޭތޯ އޭރު ވެސް މަސައްކަތްކުރޭ،" ދެ ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅާ ބެހޭ ގޮތުން އަފީފާ ބުންޏެވެ.

މުބާރާތެއްގައި ރާޔާ ލަވަކިޔަނީ--

މުބާރާތެއްގައި ރާޔާ ލަވަކިޔަނީ--

ކިތަންމެ މިި ދާއިރާއަށް ހިތްޖެހިފައި ހުއްޓަސް ރާޔާގެ މަންމަ ބުނީ މިއީ ރާއްޖޭގައި އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ރާޔާ ނުދެކޭ ކަމަށެވެ. އެހެންވެ، އޭނާ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވަނީ ހޮބީއެއްގެ ގޮތުގަ އެވެ.

"ރާޔާ ކުރިއަށް ދާން ބޭނުންވަނީ ކެބިން ކްރޫއެއްގެ ގޮތުގައި. މިހާރު ކެބިން ކްރޫ ފައުންޑޭޝަން ކޯހެއް ހަދާފައި މަޑުކޮށްލައިގެން ހަމަ ގޭގައި ހުންނަނީ. އެއީ އޭރު ރާޔާއަށް 18 އަހަރު ނުވާތީ ލައިސަންސް ނުނެގިފައި،" ރާޔާގެ މަންމަ ބުންޏެވެ.

މިދިޔަ މަހުގެ 28 ގައި 18 އަހަރު ފުރިފައިވާތީ ރާޔާ ހުރީ އޭނާ އެންމެ ބޭނުންވި ދާއިރާއިން ވީއެންމެ އަވަހަކަށް އުދުއްސައިގަތުމުގެ އުއްމީދުގަ އެވެ. އެކަމަކު އެންމެނަށް އޭނާ ދެކި ފަރިތަވި ދާއިރާ ދުވަހަކު ވެސް ދޫކޮށްލާކަށް ބޭނުމެއް ނުވެ އެވެ.

ރާޔާގެ މަންމަ ބުނީ، ރާޔާގެ އަޑަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ރާފިޔަތު ރަމީޒާގެ ވެސް އެހީތެރިކަމާ އެކު ކަމަށެވެ. އެންމެ ކުޑައިރުން ފެށިގެން ރާޔާއަށް އެކި ޓްރެއިނިންތައް ރާފިޔަތު އައީ ދެމުންނެވެ. ޕްރެކްޓިސްތަކުން ފެށިގެން އޭނާގެ ސްޓޭޖް ޕާފޯމަންސް ނިންމާލަންދެން އެންމެ ގާތުގައި ހުންނަ އެކަކީ ރާފިޔަތު ކަމަށް އޭނާ ބުންޏެވެ.

"ހަމަ އާއިލާގެ މީހެއް ކަހަލަ ރާފިޔަތު ވެސް. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ ރާޔާއަށް އެހާ ބޮޑަށް ޓްރެއިނިން ދިނުމުން،" އޭނާގެ މަންމަ ބުނެލި އެވެ.

ރާޔާ އާއި ރާފިޔަތުގެ އަޑުން ކިޔާފައިވާ "އެންމެ ޝަރަފުވެރިޔާ" މަދަހަ.

އަފީފާ ބުނި ގޮތުގައި ރާޔާގެ ނަން ގިނަ ބަޔަކަށް އެނގިގެންދިޔައީ ވެސް ރާފިޔަތު ހޯދައިދިން ފުރުސަތެއްގަ އެވެ. އެއީ "މިނިވަން 51" އާ ގުޅުވައިގެން އެމްއެންޑީއެފުން ތައްޔާރުކުރި "ގައުމަށް މިއަދު އަލިކޮށްލި" ލަވަ އެވެ.

ރާފިޔަތު ރަމީޒާއާ އެކު ރާޔާ---

ރާފިޔަތު ރަމީޒާއާ އެކު ރާޔާ---

ސްކޫލު މަދަހަ މުބާރާތްތަކާއި ލަވަ މުބާރާތްތަކުން ދެން ރާޔާ ނުފެނުނަސް ސްކޫލު ނިންމާލިއިރު އެތައް ބަޔަކު ތިބީ އެ އަޑުގެ ޖާދޫގައި ޖެހިފަ އެވެ. އެހެންވެ، ގިނަ ފުރުސަތެއް މިހާރު ވެސް އޭނާއަށް ލިބެމުން އެބަދެ އެވެ.

ރާޔާގެ އަޑުން ކިޔާފައިވާ މަދަހައެއް.

މިހާރު ގެނެސްދެމުން އަންނަ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ "ލަފްޒު" ގެ ތީމް ލަވައަކީ ވެސް ރާޔާ އާއި ލަވަކިޔުންތެރިޔާ މުމްތާޒުގެ އަޑުން ކިޔާފައިވާ ލަވައެކެވެ. އަދި ޓީވީ ޑްރާމާ، "ޝަކުވާ" ގެ ތީމް ލަވަ ވެސް ކިޔާފައި ވަނީ ރާޔާ އެވެ. އިތުރަށް ވެސް ގިނަ ރިކޯޑިންތަކެއް އޭނާގެ އެބަ ހުއްޓެވެ. އަދި ރޯދަ މަހު، ޓީވީއެމުން ގެނެސްދޭ މަދަހަ ޕްރޮގްރާމެއްގައި ވެސް ރާޔާގެ އަޑު އިވިގެންދެ އެވެ.

ރާޔާ ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާ އެކު "އިހުސާސް" ނަމަކަށް ކިޔާ ލަވައެއް ކިޔައިފަ އެވެ. އޭނާގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާ އެކު ލަވައެއް ރިކޯޑްކޮށްލުމެވެ.

"ޝަކުވާ" ޑްރާމާގެ ތީމް ލަވަ ކިޔާފައި ވަނީ ރާޔާ.

ރާޔާ ވަނީ މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަމްވީލް (ބަރޯ) އާ އެކު ވެސް ލަވައެއް ކިޔައިފަ އެވެ. "ތި ލޯބި ހޫރު" މި ލަވައަކީ ރާޔާ މިހާތަނަށް ރިކޯޑްކުރި ފުރަތަމަ ލޯބީގެ ލަވަ އެވެ. މިއީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލުވި ލަވައެކެވެ.

ރާޔާއަށް އެ ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އޭނާގެ މަންމަ ބުނީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އޮތް މަދަހަ މުބާރާތަކަށް ރާޔާ ދިޔައީ ޝަލަބީގެ ކޯޗިންގެ ދަށުން މަދަހަ ކިޔަން ބޭނުންވެގެން ކަމަށެވެ. އެކަމަކު ސްކޫލުގެ މަސައްކަތްތަކާ ފުށޫ އަރާތީ ޝަލަބީގެ ކްލާސް އިންނަ ވަގުތުގެ ބަދަލުގައި އޭނާއަށް ފުރުސަތު ލިބުނީ ޝަމްވީލް ކްލާސް ނަގާ ގަޑިއާ އެވެ.

އެ ކްލާހުގެ ތެރެއިން ޝަމްވީލަށް ރާޔާގެ އަޑު ވަރަށް ބޮޑަށް ކަމުގޮސްގެން ބޭނުންވީ އޭނާ އެވަގުތު ރިކޯޑްކުރަން ތައްޔާރުވަމުން އައި ލަވައިގެ އަންހެން ބައި ކިޔުމުގެ ފުރުސަތު ރާޔާއަށް ދޭށެވެ.

"ޝަމްވީލް ބޭނުންވީ ރިކޯޑިން ހަދާ ލަވައަށް ރާޔާ ޗޫޒްކުރަން. މިދިޔަ އަހަރުގެ މާޗު 26 ގައި އެ ލަވަ ނެރުނީ ރާޔާގެ އުފަން ދުވަހު."

ރާޔާ ނޫނީ ލަވަޔާއި މަދަހަ ކިޔާ މީހަކު އެ އާއިލާގައި ނެތެވެ. އެކަމަކު އޭނާ ހުރީ ހޮބީއެއްގެ ގޮތުގައި މި މަސައްކަތްކުރިޔަސް ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމުގެ އަޒުމުގަ އެވެ. ހުރިހާ ޝުކުރެއް އާއިލާ އާއި މަންމައަށެވެ. ކޮންމެ ކަމެއްގައި ވެސް މަންމަ އެދޭ އެއްބާރުލުން އޭނާ ފާހަގަކުރަނީ ލޯތްބާއި އުފަލާ އެކު އެވެ.