Roadha Mihaaru
ރާއްޖޭގެ އިންޖީނުތައް ހިންގުމުގައި ވިޖޭގެ 34 އަހަރު

ފޮޓޯ ސްޓޯރީ: ރާއްޖޭގެ އިންޖީނުތައް ހިންގުމުގައި ލަންކާ ވިޖޭގެ 34 އަހަރު

10 އޮކްޓޯބަރ 2024

ވޮލްވޯ ސާވިސް އަށް ވަތްއިރު، އަވަދިނެތި މަސައްކަތުގައި އުޅުނު އުމުރުން ދުވަސްވީ މީހާ، އެތަނުގައި އުޅުނު އެހެން މީހުންނާ ބަލާއިރު ޖެހުނު ކޮންމެ ކަމެއްގައި ފަރިތަ އެވެ. ކުދިކުދި ކަންކަމުން ފެށިގެން މާސިންގާ އިންޖީނުތައް މަރާމާތުކޮށް ނިންމާލުމުގައި ވެސް އޭނާ ކުޅަދާނަ އެވެ. އޭނާއާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން އުފެދީ އެ ހިސާބުންނެވެ.

ފަޔާޒް މޫސާ ފަޔާޒް މޫސާ

ވޮލްވޯ ސާވިސް އަށް ވަތްއިރު، އަވަދިނެތި މަސައްކަތުގައި އުޅުނު އުމުރުން ދުވަސްވީ މީހާ، އެތަނުގައި އުޅުނު އެހެން މީހުންނާ ބަލާއިރު ޖެހުނު ކޮންމެ ކަމެއްގައި ފަރިތަ އެވެ. ކުދިކުދި ކަންކަމުން ފެށިގެން މާސިންގާ އިންޖީނުތައް މަރާމާތުކޮށް ނިންމާލުމުގައި ވެސް އޭނާ ކުޅަދާނަ އެވެ. އޭނާއާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން އުފެދީ އެ ހިސާބުންނެވެ.

މިއީ، ސްރީ ލަންކާގެ ވިޖޭ ސިރީ، 72، އެވެ. އޭނާ ރާއްޖޭގެ އިންޖީނުތައް ހިންގައިދެމުން އަންނަތާ 34 އަހަރު ވެއްޖެ އެވެ. ކުދި ދޯނިފަހަރުން ފެށިގެން އެންމެ ބޮޑު ބޯޓުތަކުގެ އިންޖީނުގައި ދިމާވާ މައްސަލަތައް ވެސް ވިޖޭ ހައްލުކޮށްދެ އެވެ.

އޭނާއާ ވާހަކަ ދައްކަން ފެށުމުން، ކުރަން ހުރި މަސައްކަތް ހުއްޓާލައި އަތުގައި ހުރި ތެޔޮތައް ފޮހެމުން އައިސް ޖަވާބު ދޭން ފެށީ ދިވެހިންނެވެ. ވާހަކަ ދައްކާއިރު، ފަރިތަ ކަމުން އެއީ ބިދޭސީއެއް ހެން ހިއެއް ވެސް ނުވެ އެވެ.

އޭނާ އޯ ލެވެލް ނިންމައި އުމުރުން 15 އަހަރުގައި މަސައްކަތް ކުރަން ފެށީ ލަންކާގެ ވޯކްޝޮޕެއްގަ އެވެ. އެކަމަކު ލިބޭ އެއްޗަކުން އޭރު ކިރިޔާ ފުއްދާލެވެނީ އެވެ. ރާއްޖެ އަންނަން ނިންމީ، މުސާރަ ރަނގަޅުވީމަ އެވެ. ވިޖޭ މާލެ އައީ، އުމުރުން 36 އަހަރުގައި، 1990 ގަ އެވެ. އެހާ ގިނަ ދުވަހު މިތަނުގައި އުޅޭކަށް އޭރު ވިސްނުމެއް ނެތެވެ.

ލަންކާގައި ކުރަމުންދިޔަ މަސައްކަތް ރާއްޖޭގައި ފަށަން ފުރަތަމަ އޭނާ ގެނައީ "ރިލައިބްލް ވޯކްސް"ގެ ބޮޑުމީހާ ހަސަން މުހައްމަދު އެވެ. އެތަނުގައި ހުއްޓައި ޗަމްޕާ ކުންފުނިން އޭނާ އެތަނަށް ގެންދިޔައީ ވެސް އެ މަސައްކަތް ފެށުމަށެވެ. ނަމަވެސް 2006ވަނަ އަހަރު އެތަން ބަންދު ކުރުމުން އޭނާ ދެން ވަޒީފާ ދިނީ، މިހާރު މަސައްކަތް ކުރަމުން އަންނަ ވޮލްވޯ ކުންފުނީގެ ވެރިޔާ ވަސީމް އެވެ.

އޭނާ ރާއްޖެ އައިއިރު، އިންޖީނު މަރާމާތުކުރަން އެނގޭ މާ ގިނަ ބަޔަކު ނޫޅެ އެވެ. އެހެންވެ އޭނާއަށް ފުރަތަމަ ދުވަސްކޮޅު ވަރަށް ބާރުބޮޑުވި އެވެ. ވިޖޭ ބުނި ގޮތުގައި، އިންޖީނު އޯވަހޯލް ކުރުމާއި މަރާމާތު ކުރަނީ ވަރަށް ކުރާ ހިތުންނެވެ. އުމުރުގެ ބޮޑު ބައެއް އެކަމުގައި ހޭދަކުރީ ވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ އެތަނަށް މަސައްކަތް ކުރަން އައިއިރު އިންޖީނު ހެދުމަށް ބޭނުންކުރަމުން ދިޔައީ ކުޑަ މެޝިނެކެވެ. އެކަމަކު އޭނާ އެތަނަށް ވަނުމަށް ފަހު ކަނޑު އުޅަނދު ފަހަރުގެ ބޮޑެތި އިންޖީނު ހަދާ މެޝިންތައް ވެސް ގެނެސްގެން ބޭނުންކުރަން ފެށީ ކަމަށް ވިޖޭ ބުންޏެވެ.

އޭނާއަށް ވަރަށް މޮޅަށް އިންޖީނު ހަދަން އެނގޭތީ އެކަން ދިވެހިންނަށް ދަސްކޮށްދޭ ވެސް ބޭނުންވި އެވެ. އެކަމަކު އޭނާ އެކަން ކުރަން އެހިި ޒުވާނުންނަށް އެއީ މާގަޔާވާ މަސައްކަތަކަށް ނުވި އެވެ. އެހެންވެ ދަސްކުރަން އެ މީހުން ޝައުގުވެރި ނުވީ އެވެ. އެ މަސައްކަތް ދަސްކުރާ ހިތުން އައީ ވިޖޭ ބުނި ގޮތުގައި އެންމެ ދިވެއްސެކެވެ. އޭނާ މަސައްކަތް ކުރަނީ ވިޖޭއާ އެކު އެ ސާވިސް ސެންޓަރުގަ އެވެ. ފުރުސަތު އޮތް ނަމަވެސް ދެން އެތަނުގެ ވަޒީފާގައި ތިބީ ހުސް ބިދޭސީންނެވެ.

ދިވެހިން ބަހުން އެހާ ފަރިތަކޮށް ވިޖޭ ވާހަކަ ދައްކަން ދަސްކުރީ ސިންހަލަ ބަހާއި ދިވެހި ބަސް އެއްގޮތް ކަމުންނެވެ. ރާއްޖެ އޭނާ އައީ ވެސް ދިވެހި ބަސް ދަސްކުރަން ހިތުލައިގެން ކަމުން އަވަހަށް ދަސްކުރަން ފަސޭހަވީ އެވެ.

ލަންކާ މީހަކާ ކައިވެނިކޮށް ތިން ދަރިން ތިބޭ ވިޖޭ ބުނީ މިހާރު ވިސްނުން ހުރީ ރާއްޖޭގައި ދިރިއުޅޭތާ 35 އަހަރުވުމުން އެ މަސައްކަތް ދޫކޮށްލައި އެނބުރި ގައުމަށް ދާން ކަމަށެވެ. ނަމަވެސް ތަނުގެ ވެރިމީހާ ހުރީ އޭނާ ދޫކޮށްލާ ގޮތަކަށް ނޫން ކަމަށް ހެމުން ކިޔައިދިނެވެ.

ވިޖޭ ގަބޫލުކުރާ ގޮތުގައި، އޭނާއަށް 34 އަހަރު ރާއްޖޭގައި އެއްވެސް ދައްޗެއް ކުރިމަތި ނުވެ އުޅެވުނީ ދިވެހިންގެ ހިތްހެޔޮކަމާއި ލިބުނު އެހީތެރިކަމުން ކަމުންނެވެ. ރާއްޖޭގައި އޭނާގެ ވަރަށް ގިނަ ރައްޓެހިން އެބަތިއްބެވެ. ސްރީ ލަންކާއަށް ދިޔައަސް އެ މީހުންނާއި ރާއްޖެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށް ބުންޏެވެ. ކޮންމެވެސް ހިސާބަކުން މަސައްކަތުން އަތް ދޫކޮށްލައި އާއިލާ އެކު ހަމަޖެހިގެން ދިރިއުޅެން ޖެހޭ ކަމަށް ގަބޫލުކުރެ އެވެ.