Roadha Mihaaru
ނާޒިމް ކިޔައިދެނީ ކިއްސަރު ހެޔޮ ދިވެހި ލަފުޒުތައް

ނާޒިމް ކިޔައިދެނީ ކިއްސަރު ހެޔޮ ދިވެހި ލަފުޒުތައް

10 އެޕްރީލް 2022

އަހުމަދު ނާޒިމަކީ ބަހުގެ އަދީބެއް ނޫނެވެ؛ އަދި ބަލާޣާތްތެރިކޮށް ވާހަކަ ދައްކަވާ ބޭފުޅެއް ވެސް ނޫނެވެ. އެކަމަކު އޭނާ އަކީ، ބަހުގެ ވަރަށް "އަގުބޮޑު" ދިރާސާތައް ހައްދަވާ ބޭފުޅެކެވެ. އޭނާގެ މި ފޮތް، "ދިވެހި ލަފުޒުގެ ކިއްސަރު" އަކީ އޭގެ ތެރެއިން އެއް މިސާލެވެ.-- ދިވެހި ބަހަށް އަގު ނުކުރެވޭ ވަރުގެ ބޮޑު ހިދުމަތެކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އަހުމަދު ނާޒިމަކީ ބަހުގެ އަދީބެއް ނޫނެވެ؛ އަދި ބަލާޣާތްތެރިކޮށް ވާހަކަ ދައްކަވާ ބޭފުޅެއް ވެސް ނޫނެވެ. އެކަމަކު އޭނާ އަކީ، ބަހުގެ ވަރަށް "އަގުބޮޑު" ދިރާސާތައް ހައްދަވާ ބޭފުޅެކެވެ. އޭނާގެ މި ފޮތް، "ދިވެހި ލަފުޒުގެ ކިއްސަރު" އަކީ އޭގެ ތެރެއިން އެއް މިސާލެވެ.-- ދިވެހި ބަހަށް އަގު ނުކުރެވޭ ވަރުގެ ބޮޑު ހިދުމަތެކެވެ.

"މިއީ ގާތްގަނޑަކަށް 10 އަހަރުގެ މަސައްކަތް. އެ މުއްދަތުގައި އަޅުގަނޑުގެ ނޯޓްތައް،" ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި މިހާރު ވެސް ކިޔަވައިދެއްވާ ނާޒިމް ވިދާޅުވި އެވެ.

"ކިޔަވައިދިން ކުދިން ވަރަށް ބޭނުންކުރި މީގެ ޑްރާފްޓްތައް. އެމްއެންޔޫގައި ޕާޓްޓައިމްކޮށް މޯފޮލޮޖީ ކިޔަވައިދިން އިރު، އަޅުގަނޑު ހެދި ނޯޓްސްތަކުން ހެދުނު ފޮތެއް މިއީ."

ސަތޭކަ އަށްޑިހަ ފަސް ސޮފްހާގެ "ދިވެހި ލަފްޒުގެ ކިއްސަރު"ގައި ނާޒިމް ވިދާޅުވެދެއްވާފައި ހުރީ، މޯފޮލޮޖީގެ ޝަރަހަ އެވެ؛ އެއީ އެއްޗެއް އުފެދޭ ގޮތެވެ.

"މައިގަނޑު ގޮތެއްގައި މީގައި މި ދައްކަނީ މޯފޮލޮޖީގެ ވާހަކަ. މޯފޮލިޖީއަކީ ލަފްޒުތަކުގެ ފަޅިވަޅުތަކުގެ އިލްމޭ.

[ދިވެހި ލަފްޒުތަކުގެ ކިއްސަރު] އޭގެ މާނައަކީ ލަފްޒު ވަކިން އޮންނައިރު އޭގެ ކިއްސަރު ނުވަތަ ބައްޓަންތައް. އެ ލަފްޒު ބަދަލުވަމުން ދަނީ ކިހިނެއްކަން [މި ފޮތުން] މި ބުނެދެނީ."

މި ފޮތުގައި 10 ޗެޕްޓަރު ހިމެނެ އެވެ. އޭގައި ހިމެނެނީ ބަހާއި ލަފުޒު އުފެދޭ ގޮތާއި އޭގެ ހަމަތަކާއި އޭގެ އުފެއްދުންތެރިކަމާއި ބަސް ހެދިދާނެ ގޮތްތަކާއި ބަސް ނުވަތަ ލަފުޒުތައް ނުބައިވާ ގޮތްތަކާއި ބަދަލުވެގެން އަންނަ ގޮތްތަކެވެ.

"...ފޮތުގައި ބަޔާން ކޮށްދޭން މި އުޅެނީ ލަފްޒެއް ފެނުނީމަ އޭގެ ތެރެއިން އަކުރެއް ގުޅިފައި އޮތީ ކޮން ލަފްޒަކަށްތޯ، ނުވަތަ ފުނައެއް ގުޅިފައި އޮތީ ކޮން ލަފްޒަކަށްތޯ. މި ދެބައިގެ މައްޗަށް."

"މި ފޮތުގައި މި ދައްކަނީ މައިގަނޑު ގޮތެއްގައި ދެ ވައްތަރެއްގެ ލަފްޒު ދިވެހި ބަހުގެ ތެރޭގައި އެބަހުއްޓޭ. އެއީ އަކުރު ގުޅޭ ލަފްޒާއި ފުނަ ގުޅޭ ލަފްޒު. ފޮތުގައި ބަޔާން ކޮށްދޭން މި އުޅެނީ ލަފްޒެއް ފެނުނީމަ އޭގެ ތެރެއިން އަކުރެއް ގުޅިފައި އޮތީ ކޮން ލަފްޒަކަށްތޯ، ނުވަތަ ފުނައެއް ގުޅިފައި އޮތީ ކޮން ލަފްޒަކަށްތޯ. މި ދެބައިގެ މައްޗަށް،" ނާޒިމް ވިދާޅުވި އެވެ.

"ބަސް ބުނާ އިރު، ދިވެހި ބަހުގައި ވަރަށް ގިނަ މާނަތައް އެބަ ހިމެނޭ. ފުޅާ މާނައަކީ ބަހަކީ ލޭންގުއޭޖް. އޭގެ އިތުރުން 'ބަސް' ބޭނުންކުރަން އެބަ ލަފްޒަށް ވެސް. މިސާލަކަށް، ބަސްތައް ތަރުތީބުކޮށްފައި ހުރީ ރަނގަޅަކަށް ނޫނޭ. މީގައި 'ބަސް' އެ ބުނަނީ ލަފްޒަކަށް ވަކިން. ދެން ރައިވަރުގައި ހަބަސް ރައިވަރާއި ތިން ބަސް ރައިވަރު. މިތަނުގައި 'ބަސް' މި ކިޔަނީ ކޮންމެ ލައިނަކަށް.

"[އެހެންވީމަ] 'ބަސް' ކިޔާއިރު ވަރަށް ގިނަ މާނަތައް އެބައުޅޭ. އަޅުގަނޑުމެން މި ނަގާ މާނައަކީ، 'ބަސް' ބުނީމަ އެ ލަފްޒުގެ. ދިވެހިން މި ކިޔަނީ ކަލިމަ."

ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، ޓީޗަރުންނާއި ޔުނިވާސިޓީގައި ކިޔަވާ ކުދިންނާއި ދިވެހި ބަހުގެ އިލްމުގެ ތެރޭގައި އުޅުއްވާ ޓީޗަރުންނަށް މި ފޮތް މުހިންމު ފޮތަކަށް ވާނެ އެވެ. އޭނާ ވިދާޅުވީ އާންމުންނަށް މީގެ ބޭނުން އެހާ ބޮޑަށް ނުހިފުނަސް، އާހިރުގައި ބަސް ގޮސް ގުޅެނީ އާންމުންނާ ކަމަށެވެ.

"އާންމުންނަކަށް ކޮންމެހެން އެނގުން މުހިންމު އެއްޗެއް ނޫން މިއީ. އެކަމަކު ބަސް އުފައްދާއިރު އަކުރަކާއި ފުނައާ އެއްޗެހި އެނގެންޏާ ތަންކޮޅެއް ފަސޭހަ ވާނެ. އަދި ވާ ގޮތް އެނގޭނެ."

"އާންމުންނަކަށް ކޮންމެހެން އެނގުން މުހިންމު އެއްޗެއް ނޫން މިއީ. އެކަމަކު ބަސް އުފައްދާއިރު އަކުރަކާއި ފުނައާ އެއްޗެހި އެނގެންޏާ ތަންކޮޅެއް ފަސޭހަ ވާނެ. އަދި ވާ ގޮތް އެނގޭނެ."

ދިވެހި ބަހުގެ ފޮތްތައް އަދިވެސް ބޭނުންތެރި

ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ މި ފޮތަކީ ދިވެހި ބަހުގެ މިވަރުގެ ދިރާސާއެއް އޮތް ފުރަތަމަ ފޮތެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ލަފުޒާއި ބަހުގެ އުފެދުމަށް މީގެ ކުރިން ވެސް ވަރަށް މުހިންމު ދިރާސާތަކެއް އެކި ބޭފުޅުން ވަނީ ކުރައްވައިފަ އެވެ.

"ނައިބު ތުއްތުގެ ތަގުވީމުއްލިސާން، އެއީ ބަހުގެ ހަމަތަކާ ބެހޭ ރައިވަރު ފޮތެއް. އެއީ ވަރަށް މުހިންމު ފޮތެއް. މި ފޮތުގައި ވެސް ހުންނާނެ [އެ ފޮތުން] ވަރަށް މުހިންމު މިސާލުތައް ނަގާފައި. އޭގެ ތަރުޖަމާ ހެއްދެވީ ޝެއިހު ހުސެއިން ރަޝީދު. އޭނާގެ ޝަރަހައެއް އޮންނާނެ ދިވެހި ބަހުގެ މަސްމަގު ކިޔާ،" ތާރީހު ވެސް ދިރާސާ ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

"ނައިބު ތުއްތުގެ ހަމަތަކަކީ އަރަބި ބަހާ ގުޅުވައިގެން ދިވެހި ބަހުގައި ހުރި ކަންކަން ކިޔައިދެއްވުން. ހުސެއިން ރަޝީދު އޭތި ވަރަށް ތަފުސީލުކޮށް ވަނީ ޝަރަހަކޮށްްދެއްވާފައި."

އޭނާ ވިދާޅުވީ މި ފޮތަކީ، މި އިލްމުގެ ހުރިހާ ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުންވޭ އިތުރަށް ބައެއް ބައިތައް ތަފުސީލުކޮށްދޭން ވެސް. އަޅުގަނޑުގެ މި ފޮތަކީ ވަރަށް ހުލާސާކޮށް ޗެޕްޓަރުތަކަށް ލިޔެފައި އޮތް ފޮތެއް."

"އަޅުގަނޑު ބޭނުންވޭ އިތުރަށް ބައެއް ބައިތައް ތަފުސީލުކޮށްދޭން ވެސް. އަޅުގަނޑުގެ މި ފޮތަކީ ވަރަށް ހުލާސާކޮށް ޗެޕްޓަރުތަކަށް ލިޔެފައި އޮތް ފޮތެއް."

އެކަމަކު ދިވެހި ބަހާ ބެހޭ ގޮތުން އިތުރު ދިރާސާތަކާއި ފޮތްތައް ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދިވެހި ބަހުގެ އަޑުތަކާ ބެހޭ ގޮތުންނާއި ޖުމްލަތައް ތަރުތީބުވާ ގޮތްތަކާ ބެހޭ ގޮތުންނާއި ތާރީހުތަކާ ބެހޭ ދިރާސާތައް މުހިންމު ކަން އޭނާ ފާހަގަަކުރެއްވި އެވެ.

މި ފޮތް ލިޔުއްވި އިރު، އޭނާ އަށް ވަރަށް މުހިންމު ކަންކަން ވެސް ފާހަގަކުރެއްވުނެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެންމެ މުހިންމު އެއް ކަމަކީ، ދެ ވައްތަރެއްގެ ލަފުޒު ދިވެހި ބަހުގައި ހުރިކަން ކޮންމެވެސް ބަޔަކަށް މާ ކުރިން އެނގިފައި އޮތުން ކަމަށެވެ.

"އެއީ އަކުރު ބަސް، ދެން ފުނަ ހިމެނޭ ބަސްތައް. އެހެންވެ، ވަރަށް ކުރިއްސުރެ ވެސް މީހުންނަށް އެނގިފައި ހުރީ ވަކި ވައްތަރެއްގެ އެއްޗެއް ގުޅުވާލީމަ، ފަޅިވަރެއް ގުޅުވާލީމަ ލަފުޒުގެ މާނަ ބަދަލުވާކަން. އެއީ އެހެން ލަފުޒެއްކަން."

ނާޒިމަކީ ކޮން ބޭފުޅެއް؟

ގ. ކެނެރީގޭ ނާޒިމަކީ ގާނޫނީ ވަކީލެކެވެ. ތިން ކުދިންގެ ބައްޕަ، ނާޒިމަކީ ތާރީހަށް ވެސް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ދިވެހި ބަހަށް އޭނާގެ އޮންނަނީ ހާއްސަ ލޯތްބެކެވެ.

މި ފޮތް އޭނާ ހަދިޔާ ކުރައްވަނީ، އޭނާގެ ބޭބެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށެވެ. ނަޝީދަކީ ވެސް ތާރީހާއި ސަގާފަތް، އަދި ދިވެހި ބަހަށް ވެސް ހާއްސަ ލޯތްބެއް ގެންގުޅުއްވާ ބޭފުޅެކެވެ.

މި ފޮތުގެ ބޭރުގަނޑު ކުރައްސަވާފައި ވަނީ ނާޒިމްގެ ދައްތަ، އައިމިނަތު ނާޝިދާ އެވެ. އަތިރިމައްޗެއްގައި އޮތް ކާއްޓެއް ދައްކުވައިދޭ މި ކުރެހުމުގައި ބުނެދީފައި ވަނީ، ނާޒިމް ވިދާޅުވި ގޮތުގައި، ދިވެހި ބަހުގެ މުއްސަނދިކަމެވެ.

"މި ފޮތް ކިޔައިފައި ކޮންމެ މީހަކު ވެސް ބުނަނީ ކޯއްޗެއްހޭ ކާއްޓަކީ... އޭގެން އެ ބުނެދެނީ ގިނަ މީހުންނަށް ކާއްޓެއް ކަމަށް ހީކުރިޔަސް އޭގެ އެތެރޭއި ބައިވަރު އެއްޗެހި އެބަހުއްޓޭ."

ނާޒިމް ވަނީ "ކަލާފާނު ފަތްކޮޅުތައް" ނަމުގައި ވެސް ފޮތެއް ލިޔުއްވައިފަ އެވެ. އެ ފޮތް ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ވަނީ 2010 ގައި ޗާޕްކޮށްފަ އެވެ.