Roadha Mihaaru
ޕީއެސްއެމްގެ މަސައްކަތު ވަގުތަށް ބޮޑު ބަދަލުތަކެއް

ޕީއެސްއެމް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ލިމިޓްކޮށް، މަސައްކަތް ކުރާ ވަގުތު އިތުރުކޮށްފި

04 އޮކްޓޯބަރ 2017

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ލިމިޓްކޮށް، އެ މީހުން މަސައްކަތް ކުރާ ވަގުތު އިތުރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ލިމިޓްކޮށް، އެ މީހުން މަސައްކަތް ކުރާ ވަގުތު އިތުރުކޮށްފި އެވެ.

ޑިރެކްޓަ، ހިއުމަން ރިސޯސަސް އިބްރާހީމް ރަމީޒު ސޮއިކުރައްވައި މިއަދު ނެރުނުނު އިދާރީ މެމޯއެއްގައި ވާ ގޮތުން، ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށް، އަދި ކުރިއާ ޚިލާފަށް ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް މަސައްކަތް ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

މީގެ ކުރިން ޕީއެސްއެމްގެ ނިއުސްރޫމާއި ޓެކްނިކަލް ޓީމު ފިޔަވައި އިތުރު ޑިޕާޓްމަންޓްތަކުން މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު ފަސް ދުވަހެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރަ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭ މަސްތައް ދިމާވާ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުނެ އެވެ.

ނަަމަވެސް ޕީއެސްއެމުން މިހާރު ގެނައި ބަދަލުގައިވާ ގޮތުން އެ ކުންފުނީގެ ރަސްމީ ގަޑިއަކީ ހަފުތާގެ ހަ ދުވަހު އަށް ގަޑިއިރެވެ. އެގޮތުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދުގެ ކޮންމެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 ކަމަށް މެމޯގައި ވެ އެވެ. އެގޮތަށް ނިންމާފައި ވަނީ މެމޯގައި ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ގަވަނިން ބޯޑުންނެވެ.

އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އެ ޑިޕާޓްމެންޓެއްގެ ވެރިއެއްގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ ގޮތަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ. އަދި ރަށުން ބޭރުގައި އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ، އޮފީހަށް ނުކުންނަތާ 24 ގަޑިއިރު ތެރޭގައި، އިތުރުގަޑީގައި ކުރި މަސައްކަތް ލިޔެ ވެެރިއެއްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިތުރު ގަޑީގެ އުޖޫރަ އަސާސީ އެ މުވައްޒަފެއްގެ މުސާރަ އަށް ވުރެ 25 ޕަސެންޓް އިތުރުވާނަމަ، އެ ޑިޕާޓްމެންޓެއްގެ ވެރިއަކު އެކަން އިތުރަށް ބަލަން އަންގާފައިވާއިރު، އެ މިންވަރު 40 ޕަސެންޓަށް ވުރެ އިތުރުވެއްޖެ ނަމަ ޗީފް އޮޕަރޭޓިން އޮފިސަރު ނުވަތަ ޗީފް ކޮންޓެންޓް އޮފިސަރު އިތުރަށް އެކަން ބަލައި ސާފުކުރުމަށް ވެސް މެމޯގައި ވަނީ އަންގައިފަ އެވެ.

އިތުރު ގަޑީގައި ކުރާ މަސައްކަތް ސާފުކޮށް ލިޔެފައިވޭތޯ ބެލުމަށް ފަހު ނޫނީ އިތުރުގަޑީގެ ފައިސާ ދިނުމުގެ ހުއްދަ ނުދިނުމަށް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ވަނީ އަންގައިފަ އެވެ.

ޕީއެސްއެމްގެ މި އާ އުސޫލަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފަ އެވެ.

ޕީއެސްއެމްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވެފައިވާ މުވައްޒަފަކު މިރޭ ބުނީ، އަލަށް ގެނައި ބަދަލާއެކު އެ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށެވެ. މިހާރު މަހެއްގެ މައްޗަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އާންމު ގޮތެއްގައި މުސާރައަށް ވުރެ 75-100 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް ޕްރޮގްރާމެއް ޝޫޓް ކުރާ ނަމަ ރަސްމީ ގަޑީގައި ކޮންޓެންޓް ލިޔެ ކަންކަން ހަމަޖައްސާނީ. ޝޫޓިން މި އޮންނަނީ ރަސްމީގަޑި ނިމުނީމަ. އެހެންވީމަ އެ ގަޑި އަކީ އޯޓީ ގަޑި. ހަމަ އެގޮތަށް އެޑިޓިން ވަގުތު ވެސް އެއީ އޯޓީ. ރޯދަ މަސް ކަހަލަ މަސްމަހު މުސާރަ އަށް ވުރެ ބޮޑު އެއްޗެއް ލިބޭ. މިހާރު މިވީ ގޮތުން އެ މަގު ބަންދުވީ،" އޭނާ ބުންޏެވެ.

ޕީއެސްއެމްގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މިހާރުގެ ބޯޑު ހަވާލުވިއިރު، އެތަނުގެ މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 300 އެވެ. އެކަމަކު މިހާރު އެ އަދަދު ވެސް 500 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޚަރަދު ބޮޑުވަނީ ބޭކާރު ހޭދަތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް މުވައްޒަފުންނެއް އަލަށް ވައްދައި ބޭކާރު އެތައް ޗެނަލެއް މިހުރީ އުފައްދާފައި. އެކަން ކަމަށް ދާ ޚަރަދު ބޮޑުވީމަ މިކުޅެނީ މުވައްޒަފުންގެ މުސާރައާ،" ޕީއެސްއެމްގެ އާ އުސޫލާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމް އިން ބުނީ އަލަށް ގެނައި ބަދަލާއެކު، އެ ކުންފުނީގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.