Roadha Mihaaru
42 އަހަރު ވީ ޓީވީ އެންޓަނާ ނަގަނީ

42 އަހަރު ވީ ޓީވީ އެންޓަނާ ނަގަނީ

25 ފެބުރުއަރީ 2020

ޓީވީއެމްގެ ސިގްނަލް މުޅި ރާއްޖެ އަށް ފޮނުވުމަށް މީގެ 42 އަހަރު ކުރިން ޖަހާފައިވާ އެންޓަނާ ނެގުމަށް، އެ ސްޓޭޝަން ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޓީވީއެމްގެ ސިގްނަލް މުޅި ރާއްޖެ އަށް ފޮނުވުމަށް މީގެ 42 އަހަރު ކުރިން ޖަހާފައިވާ އެންޓަނާ ނެގުމަށް، އެ ސްޓޭޝަން ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.

ޓީވީއެމް ގޯތި ތެރޭގައި 1978 ވަނަ އަހަރު ޖަހާފައިވާ 60 މީޓަރު އުސް އެ އެންޓަނާއަކީ މާލޭގެ އެއް ލޭންޑް މާކެކެވެ. ގިނަ އަހަރުތަކެއް ވަންދެން މާލޭގެ މަލަމަތިން ފެންނަން ހުރި އެންމެ އުސް އެއްޗަކީ އެ އެންޓަނާ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ އެންޓަނާ ނެގުމަށް ނިންމާފައި ވަނީ އެ ސްޓޭޝަން ޑިޖިޓައިސް ކުރުމަށް ނިންމާފައިވާތީ ދެން އެ އެންޓަނާގެ ބޭނުމެއް ނެތުމުން ކަމަށެވެ. އެގޮތުން 2022 އަށް ޑިޖިޓައިސް ކުރުމުގެ މަސައްކަތް ނިންމާލެވޭއިރު އެހާތަނަށް އެންޓަނާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޓަނާ ނެގޭނެ ސީދާ ދުވަހެއް ނޭންގެ. މި ޕްރޮޖެކްޓް ނިމޭއިރު އެންޓަނާ ނަގާނެ. އަސްލު މިވާގޮތަކީ އެންޓަނާގެ ބޭނުން ކެނޑެނީ،" އަލީ ވިދާޅުވި އެވެ.

ޑިޖިޓަލް ކުރުމާ އެކު ޕީއެސްއެމްގެ ޗެނަލްތައް ދޫކުރުމަށް ނިންމާފައި ވަނީ ޑިކޯޑަރު މެދުވެރިކޮށެވެ. މިހާރު އެ ޗެނަލްތައް ދައްކަމުން ދަނީ ސެޓްލައިޓް ބޭނުންކޮށްގެންނެވެ.

ޓީވީއެމްގެ ގޯތިތެރޭގައި ހުންނަ އެންޓަނާގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގެ ގޯތި ތެރޭގައި ވެސް އުސް އެންޓަނާއެއް ހުރެ އެވެ. އެއީ ރޭޑިއޯގެ ޓްރާންސްމިޝަން ހިންގުމަށް ބޭނުން ކުރާ އެންޓަނާ އެކެވެ.