Roadha Mihaaru
ޕީއެސްއެމްގެ ދެ ވެރިއަކަށް އޮޅިގެން ބޮޑު އެލަވަންސެއް

ޕީއެސްއެމްގެ ދެ ވެރިއަކަށް އަހަރެއް ވަންދެން އޮޅިގެން 7،500ރ.ގެ އެލަވަންސެއް

05 އޮކްޓޯބަރ 2021

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމަށް އެއް އަހަރު ވަންދެން 7،500ރ. ގެ ބޮޑު އެލަވަންސެއް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމަށް އެއް އަހަރު ވަންދެން 7،500ރ. ގެ ބޮޑު އެލަވަންސެއް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ޕީސީބީން މިދިޔަ އޮގަސްޓް މަހު ހެދި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ "ގަވަނަންސް ރިވިއު" ގައި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީ އަށް އުސޫލާ ހިލާފަށް ބޯޑު އެލަވަންސް ދެމުން އައި ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަން އެހެން ވެފައި ވަނީ ޕީއެސްއެމަށް އެރި އިދާރީ އޮޅުމަކުން ކަމަށް ވާތީ، އިސްލާހުކޮށް އިތުރަށް އެ ދެ ބޭފުޅުންނަށް ދިން ފައިސާ އިޔާދަކުރަން އެ ކުންފުންޏަށް މިހާރު ޕީސީބީން އަންގާފައިވާ ކަމަށް ލަމްއާން ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެޗްއާރު ޑިރެކްޓަރު އިބްރާހިމް ރަމީޒް ވިދާޅުވީ، މިދިޔަ އަހަރުގެ މޭ މަހު ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބޯޑު ޑައިރެކްޓަރުންގެ އެލަވަންސް އުނިކުރަން އަންގާފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ އެޗުއާރު އޮފިސަރުގެ އިހުމާލުން އެކަން ފާހަގަނުވުމުން ކަމަށެވެ.

އެ ސާކިއުލާގެ ސުރުހީގައި އޮތީ "ކޮވިޑާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އަސާސީ މުސާރަ އާއި ފައިނޭންޝަލް އެލަވަންސްއާ ގުޅޭ" މިހެންނެވެ. ނަމަވެސް އެ ސާކިއުލާގެ ތަފުސީލުގައި ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުން ޕީއެސްއެމްގެ އެޗްއާރު އޮފިސަރު ރަނގަޅަށް ކިޔާފައި ނެތުމުން ބޯޑު އެލަވަންސް އަލުން ދޭން ޖެހޭތޯ ނުވަތަ ނޫންތޯ އޭނާ އަށް ސާފުނުވީ ކަމަށް ރަމީޒް ވިދާޅުވި އެވެ.

ބޯޑް އެލަވަންސްގެ ގޮތުގައި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީ އަށް މަހަކު 7،500ރ. ކަނޑައަޅާފައި އޮވެ އެވެ. ކޮވިޑާ ގުޅިގެން މި އެލަވަންސް ކަނޑައިލަން އަންގާފައި އޮތް ނަމަވެސް އެކަން އެގޮތަށް ޕީއެސްއެމުން ނުކޮށް، އެ އެލަވަންސް 15 މަސް ވަންދެން ޖަމާކުރުމުން 225،000ރ. މުސާރައިގެ އިތުރަށް އަލީ ހާލިދާއި ޝަމީމަށް ޖަމާކޮށްފައިވެ އެވެ.

އެ ދެ ބޭފުޅުންނަށް ކޮންމެ މަހަކު އިތުރަށް 7،500ރ. ޖަމާވަމުން ދިޔަ ކަން ޕީއެސްއެމަށް ފާހަގަކުރެވުނީ މިދިޔަ ޖުލައި މަހު ކަމަށް ރަމީޒް ވިދާޅުވި އެވެ. އަދި އިތުރަށް ޖަމާކުރި އެލަވަންސް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން އެމްޑީ އާއި ޑީއެމްޑީގެ މުސާރަ އިން މި މަހުން ފެށިގެން އުނިކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރަމީޒް ވިދާޅުވީ، އިތުރަށް ދިން އެލަވަންސް 12 މަސް ދުވަހަށް ބަހާލައިގެން ހޯދަން މަސައްކަތް ކުރާ ކަމަށެވެ.