Roadha Mihaaru
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ

20 އެޕްރީލް 2022

ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ބީލަން ހުށަހަޅަން މިއަދު ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އަޅަން ބީލަން ހުށަހަޅަން މިއަދު ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީން އެދިގެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސުގެ އިއުލާނުގައިވާ ގޮތުން، ބީލަން ހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 150,000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 2 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޯޓަލް (ބަނޑޭރި ޕޭ) މެދުވެރިކޮށެވެ.

ނުވަ ހެކްޓަރު ހުންނަ ކޮމަންޑޫގެ 1،800 އަށް ވުރެ ބޮޑު އާބާދީއަށް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑެވެ. މިދިޔަ ފެބްރުއަރީ މަހުގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް ކޮމަންޑުއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގެ ހިއްކި ސަރަހައްދުގައި ހައުސިން ޔުނިޓު އަޅާނެކަން އިއުލާނު ކުރައްވައިފަ އެވެ.

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށްދާއިރު މި މަޝްރޫއު ނިމުމުން ކޮމަންޑުއަށް ހުރިހާ ގޮތަކުން ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.