Roadha Mihaaru
ފުލް ކެޕޭސިޓީގައި މިދަނީ މަސް ގަންނަމުން: އެންސިސް

ފުލް ކެޕޭސިޓީގައި މިދަނީ މަސް ގަންނަމުން: އެންސިސް

13 އެޕްރީލް 2022

ހުވަދުއަތޮޅުގެ މަސްވެރިކަން މި ދުވަސްވަރު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ގއ. ކޫއްޑު އަށް މަސް ކިރުވުމުގައި ދިމާވިތަކަކާ ގުޅިގެން، އެ ސަރަހައްދުން ގެންނަ މަސް ފުލް ކެޕޭސިޓީގައި ގަންނަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުވަދުއަތޮޅުގެ މަސްވެރިކަން މި ދުވަސްވަރު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ގއ. ކޫއްޑު އަށް މަސް ކިރުވުމުގައި ދިމާވިތަކަކާ ގުޅިގެން، އެ ސަރަހައްދުން ގެންނަ މަސް ފުލް ކެޕޭސިޓީގައި ގަންނަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މަސް ފެކްޓަރީ އަށް މަސް ނުކިރި ދިމާވި މައްސަލަތަކާ ހެދި، ބައެއް މަސްދޯނިތަކުން މިހާރު މިސްރާބު ޖަހާފައި ވަނީ ހުޅުމާލޭގައި ހިންގާ އެންސިސް ފެކްޓަރީއަށެވެ. މިހާރު ވެސް ތިން ދޯނި އެންސިސް ޖެޓީގައި އެބައޮތެވެ.

އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު "މިހާރު" އަށް ވިދާޅުވީ، ދޯނިފަހަރުތައް މަސް ކިރުވަން އަންނަނީ އެންސިސް އަށް ކުރީީބައިގައި ގުޅައި، ވަކި ތާވަލަކަށް ފައްތައިގެން ކަމަށެވެ. އެހެންވެ، އެ ކަމަށް ތައްޔާރުވެގެން، ކުންފުނީގެ ފުލް ކެޕޭސިޓީގައި މި ވަގުތު މަސް ގަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، މާ ގިނައިން ދޯނިފަހަރު އަންނަން ފަށައިފިއްޔާ އަޅުގަނޑުމެންނަށް ވެސް ދަތިވެދާނެ. ނަމަވެސް، މިހާރު ގެންނަ މަސް ބަރާބަރަށް މިދަނީ ގަންނަމުން،" ވާހިދު ވިދާޅުވި އެވެ.

"ކިއޫ ތަރުތީބުން، ޖާގަތައް އެލޮކޭޓް ކޮށްފައި އަޅުގަނޑުމެން މިދަނީ ޖާގަ ހަމަޖައްސައިދެމުން. ޖާގަ ހުސްވާ ވަރަކަށް ދޯނިތަކަށް ފުރުސަތު ދެމުން މި އަންނަނީ."

އެންސިސް މަސް ފެކްޓަރީ އަށް އައި ދޯންޏަކުން މަސް ކިރުވަން ތައްޔާރުވަނީ.---ފޮޓޯ: އެންސިސް

އެންސިސް މަސް ފެކްޓަރީ އަށް އައި ދޯންޏަކުން މަސް ކިރުވަން ތައްޔާރުވަނީ.---ފޮޓޯ: އެންސިސް

ވާހިދު ވިދާޅުވިގޮތުގައި، މަސްވެރިކަން ރަނގަޅުވި ފަހުން މިދިޔަ ހަފުތާއެއްހާ ދުވަހު 500 ޓަނު މަސް ވަނީ ގަނެފަ އެވެ. އަދި އެވްރެޖްކޮށް ދުވާލަކު މި ދުވަސްވަރު 100 ޓަނު އެންސިސް އަށް ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަށް 75 ޓަނުގެ ކަނޑުމަސް ގަންނަ ކަމަށް ވިދާޅުވި އެވެ.

އެ ކުންފުނީގެ ބްރައިން ކެޕޭސިޓީއަކީ މި ވަގުތު އެއްފަހަރާ 1،200 ޓަނު ކަމަށް ވާއިރު އަދި މައްސަލަތަކެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެންސިސް އަށް މިހާރު މަސް ކިލޯއެއް ގަންނަނީ 17-16ރ. ގެ ރޭޓުންނެވެ.

ކޫއްޑު އަށް މަސް ނުކިރިގެން އެންސިސް އަށް ކިރުވަން އައި ގއ. ގެނަމަފުށީ ދޮންދީދީ ދޯނީގެ ކެޔޮޅު އިސްމާއިލް ޔާމީން "މިހާރު" އަށް ބުނީ، އެ މީހުންނަށް މި ވަގުތު ފަސޭހައިން މަސް ކިރުވެން އޮތް ހަމައެކަނި ތަނަކީ އެންސިސް ކަމަށެވެ.

"މިދިޔަ ހަފުތާގައި 60 ޓަނާ އެކު ކޫއްޑޫ ބަނދަރުގައި ތިން ދުވަހު ކިއޫގައި އޮވެ، އެ މަސްތައް ކިރުވާލާފައި ދުވަހު އަނެއްކާ މަހަށް ނުކުތީ. މި ބުރުގައި 75 ޓަނު ބޭނުނު. މި މަސްކޮޅު ކޫއްޑު އަށް ކިރޭނެ އެއްވެސް ގޮތެއް ނެތީމާ މިހާ ދުރަށް އަންނަން ޖެހެނީ،" ގެމަނަފުށީގައި ތިބި އެންމެ ޒުވާން ކެޔޮޅުންގެ ތެރޭގައި ހިމެނޭ ޔާމީން، 30، ބުންޏެވެ.

ހުވަދުއަތޮޅުގެ މަސްވެރިކަން ރަނގަޅުވިއިރު، ކޫއްޑު އަށް މަސް ކިރުވުމުގައި ލިމިޓެއް ގެންގުޅެން ފެށުމުން، މަސްވެރިންގެ ހަޅުތާލާއި ފިއްތުންތަކާ ހެދި އެންމެ ފަހުން ރޭ ވަނީ، ކޫއްޑޫގެ ފަޅުތެރޭގައި އޮތް ހުރިހާ ދޯންޏަކުން ބޭނި މަސް ގަންނަން ނިންމައިފަ އެވެ.