Roadha Mihaaru
އަބްރަމޮވިޗް: ޔަތީމެއް، ފަހުން ބިލިއަނަރަކަށްވީ ގޮތް

އަބްރަމޮވިޗް: އުމުރުން ތިން އަހަރުގައި ޔަތީމެއް، ފަހުން ބިލިއަނަރަކަށްވީ ގޮތް

30 މާޗް 2022

"އަހަންނަށް ޔަގީން ދެތިން ހަތަރު ދުވަހަކު މީހުން އަހަންނަށް ފޯކަސް ކުރުމަށް ފަހު، އޭގެ ފަހުން އެކަން ނެތި ހިނގައިދާނެ،" ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އިނގިރޭސި ކްލަބު ޗެލްސީ ބައްލަވައިގަތް އިރު ވިދާޅުވެފައިވެ އެވެ. "އެ މީހުންނަށް އަހަރެން ހަނދާން ނެތޭނެ. އަހަންނަށް ވެސް ކަމުދަނީ އެ ގޮތް."

ހަސަން އާމިރު ހަސަން އާމިރު

"އަހަންނަށް ޔަގީން ދެތިން ހަތަރު ދުވަހަކު މީހުން އަހަންނަށް ފޯކަސް ކުރުމަށް ފަހު، އޭގެ ފަހުން އެކަން ނެތި ހިނގައިދާނެ،" ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އިނގިރޭސި ކްލަބު ޗެލްސީ ބައްލަވައިގަތް އިރު ވިދާޅުވެފައިވެ އެވެ. "އެ މީހުންނަށް އަހަރެން ހަނދާން ނެތޭނެ. އަހަންނަށް ވެސް ކަމުދަނީ އެ ގޮތް."

އެކަމަކު ވޭތުވެދިޔަ ހަފުތާތަކުގައި ހިނގައިދިޔަ ކަންކަމަށް ބަލާއިރު އަބްރަމޮވިޗުގެ މަތިން އެހާ ފަސޭހައިން ހަނދާން ނެތިގެން ނުދާނެ އެވެ. ރަޝިޔާ އިން ޔުކްރޭނަށް އަރައިގަތުމާ އެކު ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބޭފުޅަކީ، ރައީސް ލަޑިމިއާ ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށް ބެލެވޭ އަބްރަމޮވިޗެވެ. އިނގިރޭސި ވިލާތުގައި ހުރި އަބްރަމޮވިޗުގެ މުދާތައް ހިފަހައްޓައި، ޗެލްސީ ވިއްކާލުން ހުއްޓުވައި އަދި އިނގިރޭސި ވިލާތަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އެއްދުވަސްވަރެއްގައި އިނގިރޭސި ފުޓުބޯޅަ ޑޮމިނޭޓްކުރި ކްލްބެއްގެ ވެރިއަކަށް މިއީ ވަރަށް ބޮޑު ދެރައެކެވެ. އެކަމަކު އަބްރަމޮވިޗް ވަނީ އޭނާގެ ހަޔާތުގެ ވަރަށް ގިނަ ގޮންޖެހުންތަކުން އަރައިގެންފަ އެވެ. ޚާއްސަކޮށް އުމުރުގެ އެންމެ ޅަފަތުގަ އެވެ.

އަބްރަމޮވިޗް (ވ) ޒުވާން ދުވަސްވަރު ރައްޓެހިންނާ އެކު މޮސްކޯގައި. --ފޮޓޯ:އީސްޓްވެސްޓް ނިއުސް

އަބްރަމޮވިޗް (ވ) ޒުވާން ދުވަސްވަރު ރައްޓެހިންނާ އެކު މޮސްކޯގައި. --ފޮޓޯ:އީސްޓްވެސްޓް ނިއުސް

ޔަތީމް ކުއްޖަކުން ބިލިއަނަރަކަށް

ރޯމަން އާކާޑިޔެވިޗް އަބްރަމޮވިޗް އުފަންވީ، 1966 ވަނަ އަހަރު، ރަޝިޔާގެ ހުޅަނގު ދެކުނުގެ ސަރަޓޯވް އަށެވެ. އެއީ ޔުކްރޭންގެ ބޯޑަރާ މޭލުތަކެއް ދުރުގައި އޮންނަ ސަރަހައްދެކެވެ. އަބްރަމޮވިޗުގެ މަންމަ އިރިނާ މަރުވީ ލޭ ވިހަވުމުގެ ހާދިސާއެއްގަ އެވެ. އޭރު އަބްރަމޮވިޗުގެ އުމުރުން އެއް އަހަރެވެ. އޭގެ ދެ އަހަރު ފަހުން، އަބްރަމޮވިޗުގެ އުމުރުން ތިން އަހަރުގައި އޭނާގެ ބައްޕަ މަރުވީ ކޮންސްޓްރަކްޝަން ކްރޭނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. އޭގެ ފަހުން އަބްރަމޮވިޗް ގެންގުޅެ، ބޮޑުކުރީ އޭނާގެ ތިމާގެ މީހުންނެވެ. އެ ދުވަސްވަރު ގިނައިން އޭނާ ހޭދަކުރީ ރަޝިޔާގެ ހުޅަނގު އުތުރުގެ ހިސާބެއް ކަމަށްވާ ކޮމީގަ އެވެ. އެއީ ފައިސާ ލިބުން އަދި ފިނިގަދަ ހިސާބެކެވެ.

"ތެދަށް ބުނަންޏާ، އަޅުގަނޑުގެ ޅަފަތުގެ ދުވަސްތައް އެހާ ގޯހެއް ނޫން،" އިނގިރޭސި ވިލާތުގެ ގާޑިއަން އަށް ދެއްވި އިންޓަވިއުއެއްގައި އަބްރަމޮވިޗް ވިދާޅުވި އެވެ. "ޅަފަތުގެ ދުވަސްވަރު ކަންކަން އަޅައެއް ނުކިޔޭނެ. އެއް ކުއްޖަކު ކެރެޓް ކާނެ. އަނެއް ކުއްޖަކު ކެންޑީ ކާނެ. ދޭތީގެ ރަހަ ވެސް ރަނގަޅު. ކުޑަ ކުއްޖެއްގެ ގޮތުން މި ދޭތީގެ ތަފާތު ބުނެއެއް ނުދެވޭނެ."

އަބްރަމޮވިޗް ޒުވާން ދުވަސްވަރު. --ފޮޓޯ:އީސްޓްވެސްޓް ނިއުސް

އަބްރަމޮވިޗް ޒުވާން ދުވަސްވަރު. --ފޮޓޯ:އީސްޓްވެސްޓް ނިއުސް

އުމުރުން 16 އަހަރުގައި އަބްރަމޮވިޗް ސްކޫލުން ވަކިވެއްޖެ އެވެ. މެކޭނިކެއްގެ ގޮތުގައި މަސައްކަތްކޮށް، ރެޑް އާމީގައި ވެސް މަސައްކަތް ކުރި އެވެ. އޭގެ ފަހުން މޮސްކޯ އަށް ވަޑައިގެން ޕްލާސްޓިކް ކުޅޭ އެއްޗެހި ވިއްކަން ފެށި އެވެ. ކުރީގެ ސޯވިއެޓް ލީޑަރު މިޚައިލް ގަރްބަޗޯފްގެ ދުވަސްވަރު އަބްރަމޮވިޗް ވަނީ ވިޔަފާރީގައި ކުރިއަށް ވަޑައިގަންނަވަން ފައްޓަވައިފަ އެވެ. ސެންޓުގެ ވިޔަފާރި އަށް ވަންނަވައި އެކަން ކާމިޔާބު ކުރެއްވި އެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުމާއި މިނެރަލް އެސެޓްތަކުގެ ކޮންޓްރޯލް ސަރުކާރުން ދޫކޮށްލަން ފެށުމުން، އުމުރުން 20 ގެ އަހަރުތަކުގެ އަބްރަމޮވިޗަށް ވެސް ވިޔަފާރީގައި ކުރިއަށްދާން ފުރުސަތު ލިބުނެވެ. ރަޝިޔާ ސަރުކާރުން އޭނާ ވަނީ 1995 ވަނަ އަހަރު، ތެޔޮ ކުންފުނި ސިބްނެޓް ގަނެފަ އެވެ. ބައެއް މީހުން ތުހުމަތު ކުރަނީ އެ ކުންފުނި 250 މިލިއަން ޑޮލަރަށް އަބްރަމޮވިޗް ގަތީ އޮޅުވާލާފައިވާ ނީލަމަކުން ކަމަށެވެ. ނަމަވެސް ހަމަ އެ ކުންފުނި އޭނާ ވަނީ 2005 ވަނަ އަހަރު 13 ބިލިއަން ޑޮލަރަށް ސަރުކާރަށް ވިއްކާލައިފަ އެވެ.

އަބްރަމޮވިޗުގެ ވަކީލުން ވިދާޅުވެފައި ވަނީ އެހާ ބޮޑު މުއްސަނދިކަމެއް އޭނާ ހޯއްދަވާފައި ވަނީ އެއްވެސް ގޮތެއްގައި ނާޖާއިޒް އަމަލުތަކެއް ހިންގަވައިގެން ނޫން ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރު ޔޫކޭގެ ކޯޓެއްގައި އަބްރަމޮވިޗް ވަނީ ސިބްނެޓް ޑީލް ކުރިއަށް ގެންދަން "ކޮރަޕްޓް ޕޭމަންޓްތަކެއް" ހެއްދެވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް

ސޯވިއެޓް ޔޫނިއަން ރޫޅި ދިއުމާ އެކު ރަޝިޔާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިންގެ ގާތް މީހަކަށް އަބްރަމޮވިޗްވި އެވެ. ސިޔާސީ އެކިއެކި ކަންކަމުން ވެސް ފެންނަން ފެށި އެވެ. އެއް ދުވަސްވަރެއްގައި، ރަޝިޔާގެ ރިޔާސީގަނޑުވަރު، ކްރެމްލިން އިން އަބްރަމޮވިޗަށް އެޕާޓްމަންޓެއް ވެސް ޚާއްސަކޮށްފައި ބެހެއްޓި އެވެ.

ރައީސްގެ މަގާމުން 1999 ގައި ޔެލްސިން އިސްތިއުފާ ދެއްވުމާ އެކު، އޭރުގެ ކޭޖީބީގެ އިސް ޖާސޫސެއް ކަމަށްވާ ލަޑިމިއާ ޕުޓިން ބޮޑުވަޒީރު ކަމަށް ގެނައުމަށް ތާއީދުކުރި މީހުންގެ ތެރޭގައި އަބްރަމޮވިޗް ހިމެނެ އެވެ. ވެރިކަމަށް ވަޑައިގަތުމާ އެކު ޕުޓިން މަސައްކަތްކުރެއްވީ ގައުމުގެ ބާރުގަދަ ވިޔަފާރިވެރިން އޭނާގެ އަތްދޮށަށް ގެނައުމަށެވެ. މިކަމުގެ ތެރޭގައި ބައެއް މީހުން ޖަލަށް، އަނެއް ބަޔަކު ގައުމު ދޫކޮށްދާން ޖެހުނެވެ. އެކަމަކު މިއިން އެއްވެސް ކަމަކާ އަބްރަމޮވިޗަށް ކުރިމަތިލާކަށް ނުޖެހުނެވެ.

ޕުޓިންގެ ވެރިކަމުގެ ކުރީގެ ކޮޅު އަބްރަމޮވިޗް ވަނީ ޗުކޮޓްކާގެ ގަވަރުނަރުކަން ކުރައްވާފައި. --ފޮޓޯ:ރޮއިޓާސް

ޕުޓިންގެ ވެރިކަމުގެ ކުރީގެ ކޮޅު އަބްރަމޮވިޗް ވަނީ ޗުކޮޓްކާގެ ގަވަރުނަރުކަން ކުރައްވާފައި. --ފޮޓޯ:ރޮއިޓާސް

ރަޝިޔާގެ އިރު އުތުރުގެ ޗަކޮޓްކާ ސަރަހައްދުގެ ގަވަރުނަރުގެ މަގާމަށް 2000 ވަނަ އަހަރު އަބްރަމޮވިޗް ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ސަރަހައްދުގެ އިޖްތިމާއީ ކަންކަމަށް އަބްރަމޮވިޗްގެ އަމިއްލަ ފައިސާ އިންވެސްޓްކުރަން ފެށުމުން އޭނާ އަށް ވަރަށް ބޮޑު މަގްބޫލްކަމެއް ލިބުނެވެ. ނަމަވެސް 2008 ވަނަ އަހަރު ވަނީ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އޭނާގެ ވިޔަފާރިއާ ގުޅުންހުރި ކޮންމެ ކަމެއް ކުރިއަރުވަމުން ގެންދެވި އެވެ.

ފުޓުބޯޅައިގެ ދުނިޔެއަކަށް

ވަރަށް މަޑުމައިތިރި މީހެއްގެ ގޮތުގައި ބެލެވުނު އަބްރަމޮވިޗް 2003 ވަނަ އަހަރު ވަނީ ޗެލްސީ ބައްލަވައިގަނެ، ފުޓުބޯޅައިގެ ދުނިޔޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވައިފަ އެވެ. ހުޅަނގު ލަންޑަނުގެ އެންމެ ބޮޑު ކްލަބު އަބްރަމޮވިޗް ބައްލަވައިގަތީ 140 މިލިއަން ޕައުންޑަށެވެ.

"އަހަރެންގެ މުޅި ހަޔާތުގެ ފިލޯސަފީއަކީ ވެސް ޕްރޮފެޝަނަލް ޓީމުތައް ނެރުން. ޗުކޮޓްކާގައި ވެސް ޕްރޮފެޝަނަލް ޓީމުތައް އަހަރެން ގެންގުޅުނިން. މި ތަނުގައި ވެސް ކުރަން ބޭނުން ވަނީ އެކަން،" ފައިނޭންޝަލް ޓައިމްސް އަށް އޭނާ ވިދާޅުވި އެވެ.

އަބްރަމޮވިޗް ހަވާލުވުމަށް ފަހު ޗެލްސީ އަށް ވަނީ ކާމިޔާބު ހޯދާދީފައި. --ފޮޓޯ:ޕީއޭ މީޑިއާ

އަބްރަމޮވިޗް ހަވާލުވުމަށް ފަހު ޗެލްސީ އަށް ވަނީ ކާމިޔާބު ހޯދާދީފައި. --ފޮޓޯ:ޕީއޭ މީޑިއާ

ހޯސޭ މޮރީނިއޯ އާއި އެހެން ކޯޗުންގެ މެނޭޖްމަންޓުގެ ދަށުން އަބްރަމޮވިޗުގެ މުއްސަނދިކަމުގެ އެހީގައި ޗެލްސީ ވަނީ ޕްރިމިއާ ލީގު ފަސް އަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި އެފްއޭކަޕް ފަސް ފަހަރު ހޯދައިފަ އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އަބްރަމޮވިޗް ވަނީ ލަންޑަނުގައި ވަރަށް ބޮޑަށް އިންވެސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ވެސްޓް ލަންޑަނުގެ ކެންސިންޓަން ޕެލަސް ގާޑަންސްގައި ހުރި 15 ކޮޓަރީގެ އަގު ބޮޑު ގެ ހިމެނެ އެވެ. އެ ގޭގެ އަގަކީ 150 މިލިއަން ޕައުންޑް ކަމަށްވެ އެވެ. ހުޅަނގު ލަންޑަނުގެ ޗެލްސީގައި ފްލެޓެއް، ކޮލޮރާޑޯގައި ރޭންޗެއް އަދި ފްރެންޗް ރިވިއެރާގައި ހޮލިޑޭ ހޯމެއް ވެސް ހުރެ އެވެ.

އަބްރަމޮވިޗުގެ ޔޮޓްތައް ކަމަށްވާ ސޮލާރިސް އާއި އެކްލިޕްސް އަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ ބޮޑު ޔޮޓްތަކެވެ. އޭނާގެ އަމިއްލަ ޖެޓެއް ވެސް އޮވެ އެވެ.

މިލްކިއްޔާތުގައި 13 ބިލިއަން ޑޮލަރު

ފައިސާ އިން މީހަކަށް ކުރެވޭނީ ކޮން ކަމެއްތޯ 2006 ވަނަ އަހަރު ގާޑިއަން އިން އަބްރަމޮވިޗާ ސުވާލު ކުރުމުން އޭނާގެ ޖަވާބަކީ "ފައިސާ އިން އުފާވެރި ކަމެއް، މިނިވަން ކަމެއް ނުގަނެވޭނެ" ކަމަށެވެ.

ފައިނޭންޝަލް މީޑިއާ ބްލޫމްބާގުން ލަފާކުރާ ގޮތުގައި އަބްރަމޮވިޗުގެ މިލްކިއްޔާތު 13.7 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެ އަދަދަށް ބަލާއިރު އޭނާ އަކީ ދުނިޔޭގައި 128 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި އަބްރަމޮވިޗުގެ މިލްކިއްޔާތުގެ އަގަކީ 12.3 ބިލިއަން ޑޮލަރެވެ. އަދި އޭނާ އަކީ 142 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

އަބްރަމޮވިޗުގެ އަގު ބޮޑު ދެ ޔޮޓުގެ ތެރޭގައި ހިމެނޭ ސޮލާރިސް ބާސެލޯނާގެ ބަނދަރުގައި. --ފޮޓޯ:ރޮއިޓާސް

އަބްރަމޮވިޗުގެ އަގު ބޮޑު ދެ ޔޮޓުގެ ތެރޭގައި ހިމެނޭ ސޮލާރިސް ބާސެލޯނާގެ ބަނދަރުގައި. --ފޮޓޯ:ރޮއިޓާސް

ޕުޓިން އާއި އަބްރަމޮވިޗާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅުތަކާ ހަމައަށް ދިޔައީ ރަޝިޔާ އިން ޔުކްރޭނަށް އެރުމުންނެވެ. އަބްރަމޮވިޗާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަށް ދުވަސްކުރިން އޭނާ ވަނީ ޗެލްސީ ވިއްކާލަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޑީލް ވެސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ޗެލްސީ ވިއްކާލަން ހުށަހަޅާފައިވާ އަގަކީ ތިން ބިލިއަން ޑޮލަރެވެ.

"އުއްމީދަކީ އެންމެ ފަހު ފަހަރަށް ނަމަވެސް ސްޓެމްފޯޑް ބްރިޖަށް ގޮސް ސަޕޯޓަރުންނަށް އަލްވަދާއު ކިޔުން،" ޗެލްސީގެ ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި އަބްރަމޮވިޗް ވިދާޅުވި އެވެ.

އެކަމަކު ވެސްޓް ލަންޑަނަށް، ކައިރި ކުރިމަގެއްގައި އޭނާ އަށް ވަޑައިގަތުމަކީ ދުރު ކަމެކެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މިހާރު ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގައި ވެސް އަބްރަމޮވިޗް ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. ސުލްހައިގެ ވާހަކަތަކުގެ ތެރޭގައި އޭނާ އަށް ވިހަ ދިން މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

މި ހުރިހާ ކަމަކާ އެކު އަބްރަމޮވިޗުގެ ވާހަކަ ދެތިން ހަތަރު ދުވަހަށް ވުރެ ގިނައިން މީހުން ދައްކާނެ އެވެ. ޚާއްސަކޮށް ޗެލްސީގެ ސަޕޯޓަރުން އަބްރަމޮވިޗުގެ މަތިން ހަނދާން ނައްތައެއް ނުލާނެ އެވެ.