Roadha Mihaaru
ޔުކްރޭނުގައި އަބްރަމޮވިޗަށް ވިހަ ދިން ކަމަށް ބުނެފި

ޔުކްރޭނުގައި ބޭއްވި ބައްދަލުވުމެއްގައި އަބްރަމޮވިޗަށް ވިހަ ދިން ކަމަށް ބުނެފި

29 މާޗް 2022

ވޮޝިންޓަން (މާޗް 29) - ޔުކްރޭނުގެ ވެރިރަށް ކިޔޭވްގައި މި މަހު ކުރީކޮޅު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް ވިހައެއް ދީފައިވާ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 29) - ޔުކްރޭނުގެ ވެރިރަށް ކިޔޭވްގައި މި މަހު ކުރީކޮޅު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް ވިހައެއް ދީފައިވާ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެފި އެވެ.

އިނގިރޭސި ފުޓުބޯޅަ ކްލަބު ޗެލްސީގެ ވެރިޔާ އަށް ވިހައެއް ދިން ނަމަވެސް އެކަމުން އޭނާ މިހާރު ރަނގަޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ވިހަ ދިނުމުގެ ސަބަބުން އަބްރަމޮވިޗުގެ ގައިން ހަން ނެއްޓި، ލޯ ދުޅަވެފައިވާ ކަމަށް ޚަބަރުތަކުގައި ބުނެފައިވެ އެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ޔުކްރޭނުގެ ދެ އޮފިޝަލުންގެ ފަރާތުން ވެސް ވިހައިގެ އަލާމާތްތައް ފެނިފައިވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ އަބްރަމޮވިޗަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ސުލްހައިގެ ވާހަކަތަކަށް ހުރަސް އަޅަން ބޭނުންވާ ރަޝިޔާގެ ހަރުކަށި ފަރާތްތަކެއް ކަމަށެވެ.

ޖާނަލް އިން ބުނެފައި ވަނީ މާޗް 3 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޔުކްރޭނުގެ ފަރާތުން ބައިވެރިވި އެމްޕީއެއް ކަމަށްވާ ރަސްޓަމް ޔުމެރޯފްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަބްރަމޮވިޗާ ގާތް ފަރާތަކުން ބީބީސީ އަށް ބުނެފައި ވަނީ އަބްރަމޮވިޗް ވެސް މިހާރު ރަނގަޅުވެ ހަނގުރާމަ ހުއްޓާލާނެ ގޮތަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓާލާނެ ގޮތަކާ މެދު އެހީތެރިވެ ދިނުމަށް އަބްރަމޮވިޗް އޭނާ އަށް ހުށަހެޅި ކަމަށެވެ.

އިންވެސްޓިގޭޓަރަކު ބުނެފައި ވަނީ އަބްރަމޮވިޗަށް ވިހަ ދީފައި ވަނީ މަރާލަން ނޫން ކަމަށާއި އެއީ އިންޒާރެއް ކަމަށެވެ.

މަޝްވަރާގެ އެތައް ބައްދަލުވުމަކަށް އަބްރަމޮވިޗު މި މަހު ވަނީ ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ދަތުރުކޮށްފަ އެވެ. މި ދަތުރުތަކުގައި އަބްރަމޮވިޗު ވަނީ ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސި ވިލާތުން ވަނީ އަބްރަމޮވިޗާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ޗެލްސީ ވިއްކާލުން ވެސް ހުއްޓުވައިފަ އެވެ.