Roadha Mihaaru

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ޖޯން އަބްރަހަމް ހުރީ ރަޝިއާ ކޮޅަށް!

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ސަޕޯޓްކުރަނީ ރަޝިއާއަށް ކަމަށް ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ބުނެފި އެވެ.

ހަނގުރާމާގައި ޖޯން އަބްރަހަމް ހުރީ ރަޝިއާ ކޮޅަށް!

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ސަޕޯޓްކުރަނީ ރަޝިއާއަށް ކަމަށް ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ބުނެފި އެވެ.

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޖޯންގެ އާ ފިލްމު "ދަ ޑިޕްލޮމެޓް"ގެ ޕްރޮމޯޝަނަށް އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖޯން ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ތައުރީފުކޮށްފަ އެވެ. އަދި އެ ހަނގުރާމާގައި އޭނާ ސަޕޯޓްކުރަނީ ރަޝިއާއަށް ކަމަށް ވެސް ބުންޏެވެ.

"އަހަންނަކީ ރަޝިއާގެ ވަރަށް ބޮޑު ފޭނެއް، އޮން ރެކޯޑުގައި މި ބުނަނީ،" އާޖް ތަކް އަށް ދިން އިންޓަވިއުގައި ޖޯން ބުންޏެވެ.

ޖޯން ގަބޫލުކުރާ ގޮތުގައި، އެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބަކީ ޔޫކްރެއިން އިން ނޭޓޯގައި ބައިވެރިވާން އުޅުމެވެ.

"އަހަރެން ހުންނާނީ ރަޝިއާ ކޮޅަށް... އާނ ޔަގީން ހަނގުރާމައެއް ކުރަން ބޭނުމެއް ނުވާނެ. އަހަރެން ވެސް ބޭނުމެއް ނޫން ޔޫކްރެއިންގެ މީހުން މަރުވާކަށް، ރަޝިއާގެ މީހުން ވެސް މަރުވާކަށް. އެކަމަކު ރަޝިއާ އިން މި ވާހަކަ ދައްކާތާ 30 އަހަރު ވެއްޖެ، ނޭޓޯ ބައިވެރިނުކުރަން. އެކަކު ވެސް އެ ވާހަކަ އަޑެއް ނޭހި. އެންމެފަހުން އެ މީހުން އައީ،" ޖޯން ބުންޏެވެ.

މި ހަނގުރާމަ ގުޅިގެން އިންޑިއާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތަށް ތައުރީފުކޮށް، ޖޯން ބުނީ އޭނާއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އަދި ޖައިޝަންކަރަކީ އެންމެ ރަނގަޅަށް އިންޑިއާގެ ޚާރިޖީ ކަންކަން ބަލަހައްޓަވާ މިނިސްޓަރު ކަމަށް އޭނާ ބުންޏެވެ.

އެމެރިކާ އިން މިހާރު އަންނަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ މި ދިގު ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއާ އެކު މަޝްވަރާކުރަމުންނެވެ. ޔޫކްރެއިން ވެސް މިހާރު ވަނީ ހަނގުރާމަ 30 ދުވަހަށް މެދުކަނޑާލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، ރަޝިއާ އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.