Roadha Mihaaru
އެފްއޭއެމްގެ ސިއްރު ގަވާއިދު ފެނިއްޖެ!

ސިއްރު ކޮށްފައިވާ، އެފްއޭއެމްގެ ހިންގާ ގަވާއިދު ފެނިއްޖެ!

30 މާޗް 2022

އެފްއޭއެމްގެ ހިންގާ ގަވާއިދަކީ މިހާތަނަށް ސިއްރު ކޮށްފައި އޮތް ގަވާއިދެކެވެ. ފީފާގެ ހިންގާ ގަވާއިދު ނުވަތަ "ފީފާ ސްޓެޗިއުޓްސް" އަކީ އެ ޖަމިއްޔާގެ ވެބްސައިޓްގައި ފެންނަ ގޮތަށް ޝާއިއުކޮށްފައި އޮންނަ ގަވާއިދެކެވެ. ނަމަވެސް، އެފްއޭއެމްގެ ސްޓެޗިއުޓްސް ނުވަތަ އަސާސީ ގަވާއިދަކީ ވެބްސައިޓުން ވެސް އަދި ފޭސްބުކް ޕޭޖުން ވެސް ފެންނަން އޮތް އެއްޗެއް ނޫނެވެ. މި ގަވާއިދަކީ މެމްބަރު ކްލަބްތަކަށް ވެސް ފޮރުވައި، ސިއްރު ކޮށްގެން ގެންގުޅޭ ގަވާއިދެއްކަން އެނގުނީ ކްލަބްތަކަށް މި ގަވާއިދުގެ ކޮޕީއެއް ދިނުމުން އެކަމާ ހައިރާންވެ، މިއީ ނުވެސްދެނަހުރި ކަމެއް ކަމުގައި ބުނާތީ އެވެ!

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

އެފްއޭއެމްގެ ހިންގާ ގަވާއިދަކީ މިހާތަނަށް ސިއްރު ކޮށްފައި އޮތް ގަވާއިދެކެވެ. ފީފާގެ ހިންގާ ގަވާއިދު ނުވަތަ "ފީފާ ސްޓެޗިއުޓްސް" އަކީ އެ ޖަމިއްޔާގެ ވެބްސައިޓްގައި ފެންނަ ގޮތަށް ޝާއިއުކޮށްފައި އޮންނަ ގަވާއިދެކެވެ. ނަމަވެސް، އެފްއޭއެމްގެ ސްޓެޗިއުޓްސް ނުވަތަ އަސާސީ ގަވާއިދަކީ ވެބްސައިޓުން ވެސް އަދި ފޭސްބުކް ޕޭޖުން ވެސް ފެންނަން އޮތް އެއްޗެއް ނޫނެވެ. މި ގަވާއިދަކީ މެމްބަރު ކްލަބްތަކަށް ވެސް ފޮރުވައި، ސިއްރު ކޮށްގެން ގެންގުޅޭ ގަވާއިދެއްކަން އެނގުނީ ކްލަބްތަކަށް މި ގަވާއިދުގެ ކޮޕީއެއް ދިނުމުން އެކަމާ ހައިރާންވެ، މިއީ ނުވެސްދެނަހުރި ކަމެއް ކަމުގައި ބުނާތީ އެވެ!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ހިންގާ ގަވާއިދު

އަތޮޅު ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭތޯ އެހުމުން ބުނީ އެފަދަ ހައްގެއް ލިބިފައިވާކަން ނުދެނަހުރި ކަމަށެވެ. ހިންގާ ގަވާއިދުގެ 10 ވަނަ މާއްދާގައި 9 ޒޯން އޮންނަންޖެހޭ ކަމަށާއި އަދި ކޮންމެ ޒޯނަކަށް އެއް ވޯޓު އޮންނަ ވާހަކަ އެހުމުން ބުނީ މިއީ ވެސް ނުދެނަހުރި ކަމެއް ކަމަށެވެ. އަތޮޅުތަކުން 61 ކްލަބް ބައިވެރިވިއިރު، ޒޯނުން ކްލަބްތަކުގެ ނަމުގައި ވޯޓްލަނީ ކާކުތޯ އެހުމުން، މިއީ ދުވަހަކު އަޑު އެހި ވާހަކައެއް ވެސް ނޫން ކަމަށް ބުނެ އެވެ. މި ހިސާބަށް ވާހަކަ ދިއުމުން ބައެއް ކްލަބްތަކުން ބުނީ މި ގަވާއިދު ހިފައިގެން ކޯޓަށް ދާންވީ ކަމަށެވެ.

ރުޅި މަޑެވެ! އަސާސީ ގަވާއިދުގެ ދަށުން މާލޭގެ 18 ކްލަބަށް 26 ވޯޓް އޮންނައިރު އެހެން ރަށްރަށުގެ 61 ކްލަބަށް އޮތީީ އެންމެ 9 ވޯޓެވެ. އަދި ވޯޓުލަނީ ކާކު ކަމެއް ވެސް ނޭނގެ އެވެ. ކަންބޮޑުވާންވީ ސަބަބު މަދެއް ނޫނެވެ. ހިންގާ ގަވާއިދުން މާލެ އާއި ރާއްޖެތެރެ ތަފާތު ކޮށްފައިވާ ވަރަކީ، މާލޭގެ އެއްވަނަ ޑިވިޝަންގެ ކްލަބަކަށް ދެ ވޯޓް ލިބޭއިރު، ދެވަނަ ޑިވިޝަން ކްލަބަކަށް އެއް ވޯޓު ލިބެ އެވެ. ރާއްޖެތެރޭގެ 61 ކްލަބަށް ޖުމްލަ ނުވަ ވޯޓުގެ މަގުން ހިސާބު ހެދުމުން، ކްލަބަކަށް ލިބެނީ ވޯޓެއްގެ ސަތޭކަބައިކުޅަ ސާދަ ބައެވެ. އެއީ ވޯޓެއްގެ 0.14 އެވެ!

އެފްއޭއެމަށާއި ސްޕޯޓްސް ކޮމިޝަނަރަށާއި މިނިސްޓަރަށް އައްސަރިބަހުން ސާބަހެވެ! ޑިމޮކްރެޓިކް ގައުމެއްގެ ކެބިނެޓާއި ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއީ ކޮމިޓީން މިކަން ދެކޭގޮތަކީ ހަމަ މިއީ ބާވައެވެ؟

އެކްސްކޯ އިން އަމަލުކުރަނީ ހިންގާ ގަވާއިދާ ހިލާފަށް

ހިންގާ ގަވާއިދު ކިޔައިލުމުން އެނގުނީ ޕްރެމިއާލީގް ކޮލިފިކޭޝަނަކީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާ މުބާރާތެއް ކަމެވެ. އެއީ، އަސާސީ ގަވާއިދުގެ 10 ވަނަ ވަނަ މާއްދާގައި ބުނަނީ މުބާރާތްތައް ހިންގާނީ ނުވަ ޒޯނަށް ބަހާލައިގެން ކަމަށެވެ. އެކަމަކު ޕްރެމިއާލީގް ކޮލިފިކޭޝަން ހިންގަނީ ތިން ޒޯނަށް ބަހާލައިގެނެވެ. އޮޅުންފިލި ހަގީގަތަކީ، އެފްއޭއެމްގެ އެކްސްކޯގައި ތިއްބެވި ބޭބޭފުޅުންނަކީ ލިޔެކިޔުމަށް މާ ޝައުގުވެރި ބޭފުޅުންކޮޅެއް ނޫން ކަމެވެ. އަސާސީ ގަވާއިދެއް އޮތްކަން ވެސް ނުދެނަ ހުރީ ކަމަށް ވެދާނެ އެވެ.

އެފްއޭމްގެ ހިންގާ ގަވާއިދު

ޖަމިއްޔާތަކުގެ ގާނޫނު ބުނާގޮތުން ހިންގާ ގަވާއިދަކީ، އަސާސީ ގަވާއިދެވެ. އަސާސީ ގަވާއިދަކީ އެ ޖަމިއްޔާގެ ގާނޫނުއަސާސީ އެވެ. ފީފާގެ އިބާރާތުން ނަމަ "ކްލަބް ލައިސެންސިންގް" ފުރިހަމަ ކުރެވޭނީ މެމްބަރަކަށް ވެގެންނެވެ. މުބާރާތެއްގައި ބައިވެރިވެވޭނީ މެމްބަރަކަށް ވެގެންނެވެ. މެމްބަރަކަށް ވެވެނީ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެ ގަވާއިދު ބުނާ ޝަރުތުތައް ފުރިހަމަ ކޮށްގެނެވެ. ވީމާ އަސާސީ ގަވާއިދަކީ އެއްވެސް ހާލެއްގައި ސިއްރު ކުރެވޭނެ ގަވާއިދެއް ނޫނެވެ. އެއީ ކުރެވިގެން ވާނެ ކަމެއް ވެސް ނޫނެވެ.

އަސާސީ ގަވާއިދު ވެބްސައިޓުން ފެންނަ ގޮތަށް ޝާއިއުކުރަން އެންގުމަކީ ސަރުކާރުގެ ގާނޫނީ ވާޖިބެކެވެ!

ހުދުމުހުތާރު މަފްހޫމަކުން، ޑިމޮކްރެޓިކް މަފްހޫމަށް ބަދަލު ނުވެ އޮތް އެފްއޭއެމް

އެފްއޭއެމަކީ 1982 ވަނަ އަހަރު ސަރުކާރުން ރަޖިސްޓަރީކުރި "އެންޖީއޯ" އެކެވެ. ނުވަތަ "ނޮން ގަވަންމަންޓް އޮގަނައިޒޭޝަން" އެެކެވެ. ސަރުކާރުން، ސަރުކާރު ނޫން ޖަމިއްޔާއެއް ރަޖިސްޓަރީ ކުރުމަކީ މިއަދު ދިވެހިންގެ ހިތްތަކުގައި ވެސް އަރަތެކެވެ! ވީމާ އެފްއޭއެމްގެ ގާނޫނީ ސައްހަ ކަމުގެ ވާހަކަ ދެއްކެވެން އަންނަނީ ހުދުމުހުތާރު ވެރިކަމެއްގެ މަފްހޫމާއި ޑިމޮކްރެޓިކް ވެރިކަމެއްގެ މަފްހޫމްގެ ތަފާތުގެ ތެރެއިންނެވެ.

ހުދުމުހުތާރު ނިޒާމަކުން އުފަން ކޮށްފައިވާ އެފްއޭއެމްގެ ބޯދާ މުސްކުޅި ވިސްނުން މިއަދު މި އޮތީ ބަދަލުކުރަން ޖެހިފަ އެވެ. އަސާސީ ގަވާއިދު ސިއްރުކުރުމާއި މާލެ އާއި އެހެން ރަށްރަށުގެ ކްލަބްތަކުގެ މެދުގައި ތަފާތުކުރުން އިންތިހާ އެވެ. އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އެ އޮތީ ފީފާގެ ގަވާއިދާ ވެސް އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފަށެވެ. މި މާއްދާތައް ބަދަލުކޮށްގެން ނޫނީ އެފްއޭއެމަކަށް ކުރިއަކަށް ނުދެވޭނެ އެވެ.

އެފްއޭއެމްގެ ގަވައިދުގެ 22 ވަނަ މާއްދާގައި ބުނާ ވާހަކަ

އެފްއޭއެމްގެ ގަވައިދުގެ 22 ވަނަ މާއްދާގައި ބުނާ ވާހަކަ

ޑިމޮކްރެޓިކް ބަދަލަށް އެފްއޭއެމް ބީރައްޓެހި

އަސާސީ ގަވާއިދެއް އެކުލަވައިލައި 2008 ވަނަ އަހަރު އެފްއޭއެމް އިންތިހާބު ކުރަން ފީފާ އިން މަޖުބޫރު ކުރިއިރު، ފީފާ އަށް އެނގުނީ، ރާއްޖޭގެ ކުޅިވަރު ކްލަބްތަކަކީ ރެގިއުލޭޓް ކުރެވިފައިވާ ކްލަބްތަކެއް ނޫން ކަމަށާއި ކްލަބްތައް ހިންގަމުން ގެންދަނީ ގާނޫނެއް އޮތް ނަމަވެސް ގާނޫނާ އެއްގޮތަށް ނޫން ކަމުގަ އެވެ. ވީމާ ކްލަބަކީ ކްލަބެއް ވެސް ނޫނެވެ. ފީފާގެ ސަސްޕެންޝަންގެ ބިރަށް، ކްލަބްތަކަށް ކިޔާ ނަންތަކެއް ބޭނުންކޮށްގެން އިންތިހާބެއް ބޭއްވީ އެވެ. ވީމާ އެފްއޭއެމް ޑިމޮކްރަޓައިޒް ކުރެވިފައި މި ވަނީ ހަމަ ނަމެއްގަ އެވެ. އެ ޖަމިއްޔާގެ އެކްސްކޯ ވެސް ހަމަ އެފަދަ އެވެ!

މިސާލަކަށް ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދެވިގެންނެވެ. މިއަދު އެ އުޅުއްވަނީ އެސޯސިއޭޝަންގެ ރައީސްގެ ކްލަބަށް ވެސްް މުސާރަ ނުދެވިގެންނެވެ. ދަރައިގެން ސަސްޕެންޑް ކޮށްފައި އޮތް ވިކްޓަރީގެ ހިންގާ ކޮމިޓީއެއް އޮތް ކަމެއް ވެސް ނެތް ކަމެއް ވެސް ކޮމިޝަނަރަކަށް ނޭނގެ އެވެ. ދަރައިގެން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓް ރަމްޒުކުރާ ކްލަބެއް ހަދައިގެން އަލުން ފަށަން މަސައްކަތް ކުރަނީ އެވެ. ރާއްޖޭގެ ކްލަބްގެ ގޮތުގައި މަޝްހޫރުވީ ހަމައެކަނި ނަންތަކެކެވެ. އެ ނަންތައް ފަހަތުގައި ގާނޫނީ ސައްހަކަމެއް ވެސް، އަދި ދެމެހެއްޓެނިވި މެނޭޖްމަންޓެއް ވެސް ނެތްކަން މިއަދު އެ ދަނީ ޔަގީން ވަމުންނެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަށް ވެސް ޒިންމާދާރު އެސޯސިއޭޝަނެއް ބޭނުންވެ އެވެ. ފުޓުބޯޅަ އަށް ކުރިއެރުމެއް ލިބެން އޮތީ ސަރުކާރާއި ކްލަބްތަކުން ވެސް މިހާރު މި ގެންގުޅޭ "ކަންމަތީ" ވިސްނުން ދޫކޮށްލައި، ގާނޫނަށް އިހްތިރާމް ކޮށްގެނެވެ. ބޯޅައެއްގައި ފައި ޖައްސާލުމަކީ ކުޅިވަރު ހިންގުމުގެ ހަމައެކަނި ޝަރުތު ކަމުގައި ބެލުން ހުއްޓާލަން ވެއްޖެ އެވެ. ގޮތް ދައްކައިގެން ނަތީޖާއެއް ނުނެރެވޭނެކަން އެނގެން ވެއްޖެ އެވެ. އިހަކަށް ދުވަހު ބޭއްވި ސަރުކާރުގެ ސްޕޯޓްސް އެވޯޑުން އިބްރަތް ހާސިލްކުރުން ކީއްތޯ އެވެ!