Roadha Mihaaru
އާ ލީގް ފޯމެޓް އިންސާފުވެރިއެއް ނޫން، ހަރަދު ބޮޑު!

އާ ލީގް ފޯމެޓް އިންސާފުވެރިއެއް ނޫން، ހަރަދު ބޮޑު، ބުރަހެލި!

09 ފެބުރުއަރީ 2022

ދިވެހި ލީގްގެ އާ ފޯމެޓަކީ އޮޅުވައިލުމެކެވެ! ލީގް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ބުނި ނަމަވެސް، ހުރިހާ ކޮލިފައިން މެޗުތައް ކުޅެނީ ސެންޓްރަލައިޒްޑް އުސޫލުންނެވެ. އެއީ، ކުރިއެކޭ އެއްގޮތަށް ރަށްރަށަށް ކްލަބްތައް ޖަމާކޮށް، "ކޭމްޕް ޖެހުން" އެވެ. އަމިއްލަ ރަށުގައި ތިބެ، ހޯމް އެންޑް އަވޭ އުސޫލަށް ކުޅެން ކަނޑައަޅާފައި ވަނީ ހަމައެކަނި ޕްރެމިއަ ލީގްގެ މެޗްތަކެވެ. މިކަން ވެސް ތާވަލް ކޮށްފައި ވަނީ، ނަހަމަ ގޮތްތަކަކަށެވެ. ފާޑަކަށެވެ! ރަށު ޓީމަށް 11 ދަތުރު ކުރަން ޖެހޭއިރު، މާލޭގެ ކްލަބަކަށް ކުރަން ޖެހެނީ އެންމެ ތިން ދަތުރެވެ. މިއީ އިންސާފުވެރި ގޮތެއް ތޯ އެވެ؟ މިއީ ފުޓުބޯޅަ ދިރުވޭނެ ގޮތެއް ނޫނެވެ! އެހެން ގޮތެއް ހޯދަންޖެހެ އެވެ. އެހެން ގޮތްތައް އެބަހުއްޓެވެ!

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

ދިވެހި ލީގްގެ އާ ފޯމެޓަކީ އޮޅުވައިލުމެކެވެ! ލީގް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ބުނި ނަމަވެސް، ހުރިހާ ކޮލިފައިން މެޗުތައް ކުޅެނީ ސެންޓްރަލައިޒްޑް އުސޫލުންނެވެ. އެއީ، ކުރިއެކޭ އެއްގޮތަށް ރަށްރަށަށް ކްލަބްތައް ޖަމާކޮށް، "ކޭމްޕް ޖެހުން" އެވެ. އަމިއްލަ ރަށުގައި ތިބެ، ހޯމް އެންޑް އަވޭ އުސޫލަށް ކުޅެން ކަނޑައަޅާފައި ވަނީ ހަމައެކަނި ޕްރެމިއަ ލީގްގެ މެޗްތަކެވެ. މިކަން ވެސް ތާވަލް ކޮށްފައި ވަނީ، ނަހަމަ ގޮތްތަކަކަށެވެ. ފާޑަކަށެވެ! ރަށު ޓީމަށް 11 ދަތުރު ކުރަން ޖެހޭއިރު، މާލޭގެ ކްލަބަކަށް ކުރަން ޖެހެނީ އެންމެ ތިން ދަތުރެވެ. މިއީ އިންސާފުވެރި ގޮތެއް ތޯ އެވެ؟ މިއީ ފުޓުބޯޅަ ދިރުވޭނެ ގޮތެއް ނޫނެވެ! އެހެން ގޮތެއް ހޯދަންޖެހެ އެވެ. އެހެން ގޮތްތައް އެބަހުއްޓެވެ!

އާ ފޯމެޓްގެ ދަށުން ޒޯން ކޮލިފައިންގައި ބައިވެރިވުމުގެ މުއްދަތު ފެބްރުއަރީ 7، 2022 ގެ ނިޔަލަށް ހަމަވިއިރު، ބައިވެރިވެފައިވަނީ 55 ކްލަބެވެ. ދެހާސް ސާދަ އިން ދެހާސް ސަތާރަ ވަނަ އަހަރަށް އެވްރެޖްކޮށް 70 ކްލަބް ބައިވެރިވި ނަމަވެސް 2018 ވަނަ އަހަރު ކްލަބްތައް މަދެވެ. އެންމެ ފަހުގެ އިލެކްޝަނަށް ފަހު 2019 ވަނަ އަހަރު، ޖަޒީރާ ލީގޭ ކިޔާތީވެ، މުބާރާތް ކެންސަލް ކޮށްލީ އެވެ! ދެހާސް ވިއްސާއި ދެހާސް އެކާވީހުގައި ކޯވިޑް ޕެންޑެމިކްގައި މަޑުޖެހުނީ އެވެ. ޕެންޑެމިކަށް ދެ އަހަރު ގެއްލުމާ ގުޅިގެން، މި އަހަރު ބައިވެރިވި ކްލަބްތައް މަދުވުން އެކަށީގެންވެ އެވެ. މި ވަގުތުގެ ބޭނުމަކީ، އާ ފޯމެޓްގެ ސަބަބުން ބައިވެރިވި ކްލަބްތަކަށް ދިމާވާނެ މައްސަލަތައް ދެނެގަތުމެވެ. ދަނޑު ފުރައިލެވޭ ފުޓުބޯޅަ، ހުއްޓުން އަރާފައި މި އޮންނަނީ ކީއްވެތޯ ދެނެގަތުމެވެ.

އާ ފުޓުބޯޅަ ލީގް ސިސްޓަމް

ސެންޓްރަލައިޒްޑްކޮށް ކުޅުމަކީ، މި ޒަމާނުގައި "އޮޕްޝަނެއް" ނޫން!

އެފްއޭއެމްގެ އާ ފޯމެޓު ބުނާގޮތުން، މާލެ ފިޔަވައި އެހެން ރަށްރަށުން ލީގް ކޮލިފައިންގައި މި އަހަރު ބައިވެރިވި 55 ކްލަބް ކުޅޭނީ ބޮޑު ތިން ޒޯނަށް ބަހާލައިގެނެވެ. އެއީ އުތުރުގެ ފަސް އަތޮޅާއި މެދުރާއްޖެތެރޭގެ ނުވަ އަތޮޅާއި ދެކުނުގެ ހަ އަތޮޅު ހިމަނައިގެނެވެ. ގްރޭޓަ މާލެއަކީ ހަތަރުވަނަ ޒޯނެވެ.

އާ ފޯމެޓްގައި ރާވައިފައި ވަނީ، އެއްފަސްކޮށް އޮތް ގްރޭޓަ މާލޭގައި ވެސް ކުޅޭ އުސޫލުން ރަށު ޓީމުތައް ވެސް ސެންޓްރަލައިޒްޑްކޮށް ކުޅޭށެވެ. މާނައަކީ ކޮންމެ ޒޯނެއްގެ ތެރޭގައި ވެސް ކްލަބްތައް ގްރޫޕްކޮށް، ކަނޑައަޅާ ރަށަކަށް ޖަމާވެ، ކޭމްޕް ޖަހައިގެން ތިބުމެވެ. މި ގޮތަށް ކުޅެ، އެންމެ މޮޅު ތިން ކްލަބް 2022-2023 ގެ ސީޒަނަށް، ޕްރެމިއާ ލީގަށް ކޮލިފައި ކުރުމެވެ. ނަމަވެސް ގްރޭޓަ މާލެ އިން ނުވަ ކްލަބް ކޮލިފައި ކުރެ އެވެ!

އާ ފޯމެޓްގެ ދަށުން، ސެންޓްރަލައިޒްޑްކޮށް ކުޅެން ޖެހުމުން މާލެ ފިޔަވައި އެހެން ރަށްރަށުގެ ޓީމުތަކަށް ދިމާވާ އެންމެ ބޮޑު ބުރައަކީ، އެހެން ރަށަކަށް ގޮސް ކޭމްޕް ޖަހައިގެން ތިބެން ޖެހުމެވެ! ކައިރި ރަށްތަކުގައި އޯޕަން ޑިވިޝަން، ސެންޓްރަލައިޒްޑްކޮށް ކުޅެން ރަނގަޅެވެ. އެކަމަކު، މައްސަލަ ދިމާވަނީ ދެވަނަ ޑިވިޝަންގެ މަރުހަލާގަ އެވެ. ދެވަނަަ ޑިވިޝަން ކުޅެން ރާވާފައިވަނީ، ދަތުރުފަތުރަށް ބުރަވާ ގޮތަށް، ހައެއްކަ އަތޮޅު އެކުލެވޭ އާދަޔާ ހިލާފު ބޮޑު ޒޯނެއްގެ ތެރޭގަ އެވެ. ކޮންމެ ޒޯނަކުން 18 ކްލަބް ދެވަނަ ޑިވިޝަނަށް ކޮލިފައިކޮށް، ގްރޫޕަކަށް ނުވަ ކްލަބް ވާ ގޮތަށް ދެ ގްރޫޕަކަށް ބަހައިލައިގެނެވެ. މިއީ ރަށެއްގައި 36 މެޗު ކުޅެން ޖެހުމެވެ. މި ކަމަށް މަސް ދުވަސް ނަގާނެ އެވެ. ދެވަނަ ޑިވިޝަންގެ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ހަތަރު ޓީމު ހޮވައި، އެ ޒޯނެއްގެ އެއްވަނަ ޑިވިޝަން އަށް ޓީމު ގޮތުގައި ކޮލިފައި ކުރަނީ އެވެ. އެއްވަނަ ޑިވިޝަން ވެސް ކުޅެން ޖެހެނީ ސެންޓްރަލައިޒްޑް ކޮށެވެ، އެއީ ރަށެއްގައި 28 މެޗެވެ. އަނެއްކާ އަނެއް މަސް ދުވަހެވެ.

މި ގޮތަށް، މަސް ދެމަސް ވަންދެން ބޯޅަ ކުޅެން ހުސްކޮށްލައިގެން މިއަދުގެ ޒުވާނުންނަށް ތިބެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ވަޒީފާގައި އުޅެން ޖެހޭ ޒުވާން އުމުރުގެ ކުޅުންތެރިން، މަސް ދެ މަހަށް "ލީވް" ނަގައިގެން ބޯޅަ ކުޅެން ތިބުމަކީ މިއަދު ކުރެވޭނެ ކަމެއް ހެއްޔެވެ؟ މައްސަލައަކަށް ވާނީ ތިބުމާއި ކެއުމުގެ ހަރަދު އެކަންޏެއް ނޫނެވެ. ވަޒީފާތަކުގައި އުޅޭ "އެމެޗަ" ކުޅުންތެރިންގެ ވަޒީފާގެ ވަގުތު ވެސް ގެއްލޭނީ އެވެ. ވަޒީފާތަކުން ވެސް، މަސް ދެ މަހަށް ކުޅުންތެރިން ވީއްލައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންނަށް އެނގެން ވާނެ އެވެ.

ފުޓުބޯޅަ ކުޅުމަކީ ޒުވާނެއްގެ ލައިފްސްޓައިލްގެ ތެރެއަށް ފަސޭހަ އިން ހިމަނައިލެވޭ ހަރަކާތަކަށް ހަދަން ޖެހެ އެވެ. އާ ފޯމެޓް އެކުލަވައިލުމުގައި ކަން ކޮށްފައި މި އޮތީ މިފަދަ އެއްވެސް ވިސްނުމެއް ނެތި އެވެ. ކުރީ އަހަރު އެ ކަން ކުރި ގޮތަށް މި އަހަރު ވެސް އެންމެ ހައްޓަށް ލުއިކޮށް މިކަން ކޮށްލުމުގެ ނިޔަތުގައި ކަމަށް ފެނެ އެވެ. ފޮނި ވާހަކައެއް ދައްކައިލައިފައިި، އަނެއްކާވެސް އޮޅުވައިލީތާ އެވެ! މާލެ ފިޔަވައި އެހެން ރަށްރަށުގެ ކްލަބަކަށް ވޯޓެއް ވެސް ނުލެވެ އެވެ. އެސޯސިއޭޝަން މި އޮތީ ފިކުރު ހުސްވެފައި ބާވަ އެވެ!

ޖަޒީރާ ގައުމެއްގެ މަފްހޫމްގެ ތެރެއިން އާ ގޮތްތައް ހޯދުން

އެއްފަސްކޮށް އޮންނަ ގްރޭޓަ މާލެއާ ހިލާފަށް، ރާއްޖޭގެ އެހެން ރަށްތަކުގެ އާބާދީ ބެހިފައި ވަނީ ކުދި ޖަޒީރާ ރަށްތަކަކަށެވެ. ވީމާ، އެއްފަސްކޮށް އޮތް މާލޭގައި ކުޅޭ ގޮތަށް ޖަޒީރާ ރަށްތަކެއްގެ މެދުގައި ކުޅެން ރޭވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އެ ރަށްރަށުގައި ވެސް ފަށައިގަންނާނީ އެމެޗާ ކުޅުންތެރިންގެ ގޮތުގައި ކަން ދެނެގަންނަންޖެހެ އެވެ. ކުޅުންތެރިންގެ ވަޒީފާ އަށް ޖާގަ ދޭންޖެހެ އެވެ. މި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ނޫނީ ވާދަކުރުމުގެ ފޯމެޓެއް އެކުލަވައިލުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ އެވެ. އެފްއޭއެމްގެ އާ ފޯމެޓްގައި ވާދަކުރަން ރާވައިފައި އޮތީ ރަށްރަށަށް ޖަމާވެގެން ކަމަށް ވާތީވެ، މިއީ ކްލަބްތަކަށް ވެސް އަދި "ހޯސްޓް" ކުރާ ރަށަށް ވެސް ބުރަ ކަމެކެވެ. ހަރަދު ބޮޑު ކަމެކެވެ. އެފްއޭއެމުން ދޭ އެއްޗެއް ނެތެވެ! އެކަމަކު، ގްރޭޓަ މާލޭގެ ދެވަނަ ޑިވިޝަންގެ ކްލަބަކަށް ވެސް 500،000ރ. ދެ އެވެ. އާ ފޯމެޓް އެކުލަވައިލުމުގައި ރަށްތަކާއި އަތޮޅުތައް އެތުރިފައިވާ ގޮތާއި [ޓޮޕޮގްރަފީ] ދަތުރުފަތުރުގެ މިންވަރާއި ކުޅުންތެރިންގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް ރިއާޔަތް ކޮށްފައެއް ނުވެ އެވެ.

• އޯޕަން ޑިވިޝަން

ޖަޒީރާ ރާއްޖެއަކަށް އެންމެ ލުއި އަދި ހަރަދު ކުޑަ ފޯމެޓަކަށް ވާނީ އޯޕަން ޑިވިޝަން މިހާރު ވެސް ރާވައިފައި އޮތް ގޮތަށް ސެންޓްރަލައިޒްޑްކޮށް ކުރިއަށް ގެންދާށެވެ. ނަމަވެސް އޯޕަން ޑިވިޝަންގެ މެޗުތައް ބޮޑު ޒޯނެއްގެ ތެރޭގައި ކުޅުމުގެ ބަދަލުގައި އަތޮޅަށް ހަނިކުރާށެވެ. އަތޮޅުތެރޭގެ ކައިރި ރަށްރަށުން 3-4 ޓީމުގެ ގްރޫޕްތަކަށް ވުރެ އިތުރު ނުކުރުމެވެ.

އެ އަށް ފަހު ދެވަނަ ޑިވިޝަނާއި އެއްވަނަ ޑިވިޝަންގެ ހުރިހާ މެޗެއް ހޯމްއެންޑް އަވޭ އުސޫލަށް ކުޅުމަކީ މިއަދު ދަތި ކަމަކަށް ނުވާނެ އެވެ. އަދި މިއީ އެންމެ ލުއި، ފޯރިގަދަ ގޮތް ކަމަށް ވާނެ އެވެ. ދަނޑު ފުރައިލާނެ އެވެ. ދަނޑުފޯރި އޮންނާނެ އެވެ. އަލިފުށި އެއްޗަކަށް ނުވާނެ އެވެ!

• ދެ ވަނަ ޑިވިޝަން

ދެވަނަ ޑިވިޝަން ކުޅޭނީ އަތޮޅު ފެންވަރުގަ އެވެ. ޒޯންތައް ދެ ތިން އަތޮޅަށް ކުޑަކުރުމުން، ކޮންމެ އަތޮޅު ލީގަކީ ދެވަނަ ޑިވިޝަން ކަމަށް ހަމަޖައްސާނީ އެވެ. އަދި އަތޮޅު ލީގްގެ އަދަދަކީ ގިނަވެގެން ހަ ކްލަބް އަދި މަދުވެގެން ހަތަރު ކްލަބް ކަމަށް ވީ ނަމަވެސް ރަނގަޅެވެ. މިއަދު ރާއްޖޭގެ އަތޮޅެއްގެ ތެރޭގައި ދެ ތިން ގަޑިއިރުން ނުދެވޭ ރަށެއް ނެތެވެ. ވީމާ ހޯމް އެންޑް އަވޭ އުސޫލަށް އަތޮޅުތެރޭގައި ކުޅުމަކީ އެންމެ ލުއި އަދި އެންމެ ފޯރިގަދަ ގޮތް ކަމަށް ވާނެ އެވެ.

• އެއްވަނަ ޑިވިޝަން

އެފްއޭއެމުން މިހާރު އެކުލަވައިލައިފައިވާ ބޮޑު، ބިޔަ ޒޯންތައް ދެ ތިންް އަތޮޅަށް ކުޑަކުރަން ޖެހެ އެވެ. އެންމެ ގާތް ދެ ތިން އަތޮޅު، ޒޯނެއްގެ ގޮތުގައި ގްރޫޕް ކުރާނީ އެވެ. ތިން އަތޮޅު އެކުލެވޭ ޒޯނެއްގައި ހަ ކްލަބްގެ އެއްވަނަ ޑިވިޝަނެއް ހޯމްއެންޑް އަވޭ އުސޫލުން ކުޅެން ފަސޭހަވާނެ އެވެ. ދެ އަތޮޅު ނަމަ ހަތަރު ކްލަބްގެ އެއްވަނަ ޑިވިޝަނެއް ވެސް ރަނގަޅެވެ. މިއީ ކޮންމެ އަތޮޅަކުން ދެ ކްލަބް، އެއްވަނަ ޑިވިޝަނަށް ކޮލިފައި ކުރުމެވެ. އެއީ، އަތޮޅު ލީގް ޗެމްޕިއަނާއި ރަނަ އަޕް، އެއްވަނަ ޑިވިޝަނަށް ކޮލިފައި ކުރުމެވެ.

• ޕްރެމިއަ ޑިވިޝަން

ޕްރެމިއަ ޑިވިޝަނަކީ ގައުމީ ލީގެވެ. ޖަޒީރާ ލީގެވެ! އިސްވެ ދެންނެވި ގޮތަށް ޒޯންތައް ދެ ތިން އަތޮޅަށް ގްރޫޕްކޮށް، މިފަދަ އަށް ޒޯން އެކުލަވައިލެވޭނެ އެވެ. ގްރޭޓަ މާލެއަކީ ވެސް ޒޯނެކެވެ. އެފްއޭއެމްގެ އާ ފޯމެޓްގައި މުޅި ރާއްޖެތެރެ އެއްކޮށްލައި ނެރެނީ އެންމެ ތިން ޒޯނެވެ. އެއީ ތިން ކްލަބެވެ. އެކަމަކު، މާލެ އިން ނުވަ ކްލަބް ކޮލިފައި ކުރެ އެވެ. މިއީ ހަމަހަމަ އުސޫލެއް ނޫނެވެ. ޖަޒީރާ ލީގް ތަފާތު ވާނެ އެވެ. މި މަފްހޫމް ބިނާވެފައި އޮންނަނީ މާލެ އާއި އެހެން ރަށްތައް ހަމަހަމަ ކުރުމަށެވެ. ޖަޒީރާ ލީގްގެ މަފްހޫމްގައި ފަށައިގަންނަނީ ވެސް ގްރޭޓަ މާލެ އަށް ތިން ޖާގަ، މާލެ ފިޔަވައި އެހެން ރަށްރަށަށް ފަސް ޖާގަ ދީގެންނެވެ.

އާ ފޯމެޓާއި އެފްއޭއެމްގެ ވޯޓާ ސީދާ ގުޅުން އެބައޮތް

އެފްއޭއެމް އިންތިހާބު ކޮށްފައި އޮތީ، ހަމައެކަނި މާލޭގެ ކްލަބްތަކެއްގެ މައްޗަށެވެ. ވީމާ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ދެކެނީ، ޕްރެމިއަ ލީގްގެ ނުވަ ޖާގައަކީ މާލޭގެ ކްލަބްތަކަށް ލިބެން ޖެހޭނެ ޖާގަތަކެއް ކަމުގަ އެވެ. އާ ފޯމެޓަކީ، މާލެ ފިޔަވައި އެހެން ރަށްރަށުގެ ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ނުދީ، އަނެއްކާވެސް އޮޅުވައިލުމެއްގެ ތެރޭގައި އެކުލަވައިލައިފައިވާ ހީލަތްތެރި ފޯމެޓެއްކަން މިހާރު ޔަގީން ވެއްޖެ އެވެ.

ރަނގަޅު ފޯމެޓެއްގެ ތެރެއިން ގްރޭޓަ މާލެއާ އެހެން ރަށްރަށް ހަމަހަމަ ކުރަން ޖެހެ އެވެ. ގްރޭޓަ މާލެ އަށް ނުވަ ޖާގައާ އެކު 27 މިލިއަން ރުފިޔާގެ ފަންޑިން ލިބޭއިރު، މާލެ ފިޔަވައި އެހެން ރަށްރަށަށް ތިން ޖާގައާ އެކު ނުވަ މިލިއަން ރުފިޔާގެ ފަންޑިން ލިބޭ ގޮތަށް ފޯމެޓް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

ޖަޒީރާ ލީގްގެ މަފްހޫމްގައި މި ނިސްބަތް ބަދަލުކުރާނެ އެވެ. އެއީ، އަށް ޓީމުގެ ލީގެއްގައި ގްރޭޓަ މާލެ އަށް ތިން ޖާގަ ނުވަތަ ނުވަ މިލިއަން ރުފިޔާ އަދި މާލެ ފިޔަވައި އެހެން ރަށްރަށުގެ ހަތް ޒޯނަށް ފަސް ޖާގަ ނުވަތަ 15 މިލިއަން ރުފިޔާ އަކީ ފަށައިގަތުމަށް އިންސާފުވެރި ނިސްބަތަކަށް ވާނެ އެވެ. މި ބަދަލު ގެނެވޭނީ ރަށު ކްލަބަށް ވޯޓުލުމުގެ ހައްގު ލިބިގެންނެވެ. އެފްއޭއެމް ޑިމޮކްރަޓައިޒް ކޮށްގެންނެވެ. މިއީ ޑިމޮކްރެޓިކް ސަރުކާރެއްގެ އަސާސީ ސިޔާސަތަކެވެ. ނަމަވެސް، މިކަން ނުވެގެން އުޅޭ ސަބަބުތައް ވަރަށް ވެސް ސާފެވެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެފްއޭމްގެ ރައީސް ބައްސާމް އަދި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ވަޒީރު މަހްލޫފާއި ކުރީގެ ރައީސް ނަޝީދާއި ނައިބު ރައީސް ފައިސަލް، ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ދިވެހި ޓީމަށް ސަޕޯޓް ކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެފްއޭމްގެ ރައީސް ބައްސާމް އަދި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ވަޒީރު މަހްލޫފާއި ކުރީގެ ރައީސް ނަޝީދާއި ނައިބު ރައީސް ފައިސަލް، ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ދިވެހި ޓީމަށް ސަޕޯޓް ކުރައްވަނީ.

ހެޔޮ ބަދަލެއް ގެނެވޭނީ ރަށު ކްލަބަށް ވޯޓު ލިބިގެން

މިހާރު އެ އޮތް އެފްއޭއެމަކަށް މާލެއާ އެހެން ރަށްރަށް ހަމަހަމައެއް ނުކުރެވޭނެ އެވެ. ސަބަބަކީ އެސޯސިއޭޝަންގެ ހުރިހާ ވޯޓެއް އޮތީ މާލޭގެ ކްލަބްތަކަށް އެކަނި ކަމަށް ވާތީ އެވެ. މާލެ ފިޔަވައި އެހެން ރަށެއްގެ ކްލަބަކަށް ވޯޓެއް ނުލިބެ އެވެ. އާ ފޯމެޓް ފާސްކުރާނީ މާލޭގެ ވޯޓުގެ ބާރުގަ އެވެ. އެހެންވީމާ، މާލެ އަށް ނުވަ ޖާގަ އާއި 27 މިލިއަން ރުފިޔާ އެވެ. މާލެ ފިޔަވައި އެހެން ރަށްރަށަށް ތިން ޖާގަ އާއި ނުވަ މިލިއަން ރުފިޔާ އެވެ. މި ނިސްބަތް ބަދަލުކުރެވޭނީ ރަށު ކްލަބަށް ވޯޓު ލިބިގެނެވެ. މިކަން ކަށަވަރު ކުރެވޭނީ ފީފާ އަކަށް ނޫނެވެ. ޑިމޮކްރެޓިކް ސަރުކާރަކަށެވެ. ނުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހަށެވެ. މަޖިލިސްގެ އިޖުތިމާއީ ކޮމިޓީ، ޓާގެޓަށް އަރަ އެވެ!