Roadha Mihaaru
ދިވެހި ލީގް ކޮލިފިކޭޝަން ފަށަނީ ކަތިފިޔަވަޅަކުން!

57 ކްލަބާއެކު ދިވެހި ލީގް ކޮލިފިކޭޝަން ފަށަން ވެސް ރާވައިފައި ވަނީ ކަތި ފިޔަވަޅަކުން!

23 ފެބުރުއަރީ 2022

ދިވެހި ޕްރެމިއަލީގް (ޑީޕީއެލް) ކޮލިފިކޭޝަންގައި މިހާތަނަށް 57 ކްލަބް ބައިވެރިވެފައިވާ ކަމަށް ފޭސްބުކް ޕޯސްޓެއްގައި މީގެ ދެ ދުވަސް ކުރިން އިއުލާނު ކޮށްފައިވެ އެވެ. މި އަދަދަށް އަދިވެސް ބަދަލު އައިސްފާނެ އެވެ. އެއް ސަބަބަކީ ޓީމުތަކުގެ ރަޖިސްޓްރޭޝަން ކަށަވަރު ކުރަން ޖެހޭތީ އެވެ. މި ކަމެއް ކުރަނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކަމަށް ވެ އެވެ. ރަޖިސްޓްރީ ގޯސްވެއްޖެ ނަމަ ނުކުޅެވިދާނެ އެވެ.

ހާމިދު އަބްދުލް ޣަފޫރު ހާމިދު އަބްދުލް ޣަފޫރު

ދިވެހި ޕްރެމިއަލީގް (ޑީޕީއެލް) ކޮލިފިކޭޝަންގައި މިހާތަނަށް 57 ކްލަބް ބައިވެރިވެފައިވާ ކަމަށް ފޭސްބުކް ޕޯސްޓެއްގައި މީގެ ދެ ދުވަސް ކުރިން އިއުލާނު ކޮށްފައިވެ އެވެ. މި އަދަދަށް އަދިވެސް ބަދަލު އައިސްފާނެ އެވެ. އެއް ސަބަބަކީ ޓީމުތަކުގެ ރަޖިސްޓްރޭޝަން ކަށަވަރު ކުރަން ޖެހޭތީ އެވެ. މި ކަމެއް ކުރަނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކަމަށް ވެ އެވެ. ރަޖިސްޓްރީ ގޯސްވެއްޖެ ނަމަ ނުކުޅެވިދާނެ އެވެ.

ރަޖިސްޓްރޭޝަނާއެކު ކްލަބްގެ އިންތިހާބީ އަދި ގާނޫނީ އޮނިގަނޑުގެ ސައްހަކަން ޔަގީން ކޮށްދޭ ކަމުގެ ގެރެންޓީއެއް ނެތެވެ. ކްލަބްތަކުގެ އަދަދަށް ބަދަލު އަންނާނެކަން އެނގޭ އަނެއް ސަބަބަކީ އެފްއޭއެމުން ގެންގުޅޭ، ދުނިޔެ އަށް މުޅިން އާ އުސޫލެއްގެ ދަށުން މާލެ ފިޔަވައި ކޮންމެ ރަށަކަށް އެއް ކްލަބް ހަމަޖައްސަންޖެހޭތީ އެވެ. މި އުސޫލަށް އަމަލުކުރަން ފެށުމުން ކްލަބްތަކުގެ އަދަދު 49 އަށް ތިރިވާނެ ކަމަށް ލަފާކުރެވެ އެވެ.

ބޮޑު ތިން ޒޯން:

އާ ފޯމެޓްގައި ބުނާ ބޮޑު ތިން ޒޯނުގެ ތެރެއަށް ކްލަބްތައް ބެހިގެންދާ ގޮތް ތިރީގައި އެ ވަނީ އެވެ. އެންމެ ގިނައިން ބައިވެރިވެފައިވާ ލ. އަތޮޅުން ނުވަ ކްލަބެވެ. ތ. އަތޮޅާއި އައްޑު އަށް ބަލާއިރު ކޮންމެ ތަނަކު ހަ ކްލަބް، ނ. އަތޮޅުން ފަހެއް އަދި ށ. އަތޮޅާއި މ. އަތޮޅުން ކޮންމެ ރަށަކުން ހަތަރު ކްލަބް ބައިވެރިވެފައިވެ އެވެ. ދެން އޮތް 11 އަތޮޅުން ބައިވެރިވީ 1-3 އާ ދެމެދުގެ އަދަދަކަށެވެ.

ޒޯން-1:

ހއ، ހދ، ށ، ނ، ރ (17 ކްލަބް)

ޒޯން-2:

ބ، ޅ، އއ، އދ، މ، ފ، ދ (15 ކްލަބްް)

ޒޯން-3:

ތ، ލ، ގއ، ގދ، ސ (25 ކްލަބް)

އާ ފޯމެޓްގެ ދަށުން އެކުލަވައިލި ބިޔަ ތިން ޒޯނުގެ ތެރެއިން އުތުރު ޒޯނުން 17 ކްލަބް، މެދު ޒޯނުން 15 ކްލަބް، އަދި ދެކުނު ޒޯނުން 25 ކްލަބް ހިމެނެ އެވެ. މިހާރުގެ ސުވާލަކީ ސެންޓްރަލައިޒްޑް ގްރޫޕްތައް އެކުލަވައިލަނީ ކޮން ގޮތަކަށް ހެއްޔެވެ؟ ގްރޫޕް ކުރުމުގެ ކުރިން އެފްއޭއެމުން ތަންފީޒު ކުރަން ވިސްނާ ރަށަކަށް އެއް ކްލަބްގެ އުސޫލަށް ބަލާލަމާތޯ އެވެ.

ރަށަކަށް އެއްކްލަބްގެ އުސޫލް

އާ ފޯމެޓްގެ ދަށުން ގެންގުޅޭ އުސޫލުތަކަކީ ދުނިޔެ އަށް ވެސް އާ ކަންކަމެވެ. މިސާލަކަށް ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާ ނަމަ އެފްއޭއެމްގެ ވިސްނުމަކީ މުބާރާތް ފެށުމުގެ ކުރިން، ރަށަކުން އެއް ޓީމަށް ތިރިކުރުމެވެ. މިއީ އައްޑިހައިގެ އަހަރުތަކުގެ ތެރޭގައި އެޓޯލްސް މިނިސްޓްރީން ވެސް ގެންގުޅުނު ވިސްނުމެކެވެ. އެއިރު އެކަން ކުރަނީ އަދި މާ ރަނގަޅަށެވެ. ރަށަކަށް އެއް ކްލަބަށް ވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކުރުން މަނާ ކުރަނީ އެވެ. އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަތިވެރި މަގްސަދުގަ އެވެ! ކޮލިފައިންގައި ބައިވެރިވި 57 ކްލަބް ފުރަތަމަ ވެސް 49 ކްލަބަށް މަދުކޮށްލުމަށްޓަކައި އަށް ކްލަބް އޯޕަން ޑިވިޝަނަށް ބޭރުކޮށްލަން ރާވާފައިވެ އެވެ. ހަތަރު އަތޮޅާއި އެއް ސިޓީގައި އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާ ބައިބޯ ރަށްްތައް އެބަހުއްޓެވެ. އެ ރަށްތައް ތިރީގައި އެ ވަނީ އެވެ.

- ލ. ގަމުން ހަތަރު ކްލަބް

- ލ. ކުނަހަންދޫން ދެ ކްލަބް

- ސ. ހިތަދޫން ދެ ކްލަބް

- ސ. ފޭދޫން ދެ ކްލަބް

- ށ. ނަރުދޫން ދެ ކްލަބް

- ބ. އޭދަފުށިން ދެ ކްލަބް

މިސާލަކަށް އައްޑޫ ހިތަދު އާއި ފޭދު އަށް ބަލާއިރު، ކޮންމެ ރަށަކުން ދެ ކްލަބް ބައިވެރިވެފައިވާތީވެ، އެފްއޭއެމުން ދެކެނީ މިއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ރަށަކަށް އެއް ކްލަބް ހަމަޖެއްސުމަށް ހިތަދޫ އެފްސީ އާއި މެދުވަލު އެފްސީ ކުޅެ ދެރަވާ ޓީމު މުބާރާތުން ބޭރުކޮށްލަނީ ކަމަށް ފެނެ އެވެ. ފޭދޫން ދެ ކްލަބް ބައިވެރިކޮށްފައިވާތީވެ، އެ ރަށަށް ވެސް މި ހަމަ އަޅަ އެވެ. ހަމަ މި މޭރުމުން ލ. ގަމުން ބައިވެރިވެފައިވާ ހަތަރު ކްލަބް އެއް ކްލަބަށް ތިރިކޮށްލަން ބުރެއް ކުޅެނީ އެވެ. ކުނަހަންދު އާއި ނަރުދު އާއި އޭދަފުއްޓަށް ވެސް ޖެހެނީ މި ދަތުރެވެ. ތިރީގައި އެވަނީ އެފްއޭއެމުން ރަށަކަށް އެއް ކްލަބަށް ތިރިކުރާ މެޗްތަކުގެ ތާވަލެވެ.

ކުރިން ބުނި އެޓޯލްސް މިނިސްޓްރީގެ އުސޫލަކީ މާލެ އަށް ހިންގާ އުސޫލެއް ނޫނެވެ! މާލެ އާއި މާލޭގެ އަވަށްތަކަށް ވެސްް އެއް ކްލަބަށް ވުރެ ގިނަ ކްލަބް ހުއްދަ އެވެ. އާ ފޯމެޓްގެ ދަށުން ގައުމީ ލީގްގެ ނުވަ ކްލަބަކީ މާލޭގެ ކްލަބްތަކެވެ.

އޯޕަން ޑިވިޝަން

ރަށަކަށް އެއް ކްލަބް ހަމަކޮށް ނިމޭއިރު، ސިޓީއަކުން އެކުލަވައިލާ ދެ ރަށާއި ހަތަރު އަތޮޅުން ހަ ރަށް، އެއް ކްލަބަށް ތިރިވާނެ އެވެ. މުޅި އައްޑު އަށް ދެ ކްލަބް މަދުވާނެ އެވެ. ލ. ގަމަށް ތިން ކްލަބް ގެއްލޭނެ އެވެ. ކުނަހަންދު އާއި ނަރުދު އާއި އޭދަފުއްޓަށް ބަލައިފި ނަމަ ކޮންމެ ރަށަކަށް އެއް ކަލަބް ގެއްލޭނެ އެވެ. މިސާލަކަށް ހިތަދޫގެ އެއް ކްލަބަށް މަދުކޮށްލާއިރު އެ ރަށުގެ އާބާދީއަށް ބެލުމެއް ނެތެވެ. މަރަދޫފޭދު އަށް ވެސް އެއް ކްލަބެވެ. އެއް ކްލަބަށް ވުރެ ގިނަ ކްލަބް ބައިވެރިވެފައިވާ ރަށްތައް، އެއް ކްލަބަށް މަދުކޮށް ނިމޭއިރު، ޒޯންތަކުން ބައިވެރިވި ކްލަބްތަކުގެ އަދަދު 49 ކްލަބަށް މަދުވާނެ އެވެ.

ޒޯން-1:

ހއ، ހދ، ށ، ނ، ރ (16 ކްލަބް)

ޒޯން-2:

ބ، ޅ، އއ، އދ، މ، ފ، ދ (14 ކްލަބްް)

ޒޯން-3:

ތ، ލ، ގއ، ގދ، ސ (19 ކްލަބް)

ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބް ވާދަކުރަން ނުކުތުމަށް އެފްއޭއެމުން ހުރަސް އަޅަންޖެހޭ ސަބަބެއް ސާފެއް ނުވެ އެވެ. އެފްއޭއެމް މިފަދަ ވިސްނުމެއްގައި ތާށިވެގެން މި އުޅެނީ، ކަތީބުގެ މަސްއޫލުވެރިކަމުގެ ދަށުގައި ހިންގި "ސަރުކާރު ކްލަބް" ލޯކަލް ކައުންސިލް ޒަމާނުގައި "ކައުންސިލް ކްލަބް" އަކަށް ބަދަލުކުރަން ބޭނުންވެގެން އުޅޭތީ ކަމަށް ވެސް ވެދާނެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފާސްކުރި ކުޅިވަރުގެ ގާނޫނުން ކުރީ މި ކަމެވެ. ނަމަވެސް މިއަދު ދަނެގަންނަން ޖެހޭ ހަގީގަތަކީ ފުޓުބޯޅަ ކްލަބަކީ ސަރުކާރުންނާއި ކައުންސިލުން އުފައްދަން ޖެހޭ އެއްޗެއް ނޫން ކަމެވެ.

ދެވަނަ ޑިވިޝަން

އާ ފޯމެޓްގެ ދަށުން ހަމަޖައްސާފައި ވަނީ އޯޕަން ޑިވިޝަނުން ކޮންމެ ޒޯނެއްގެ ދެވަނަަ ޑިވިޝަނަށް 18 ކްލަބް ކޮލިފައި ކުރާށެވެ. ވީމާ ޒޯނަކުން 18 ކްލަބް ހަމަނުވެއްޖެ ނަމަ ބަލަން ޖެހޭނީ އޯޕަން ޑިވިޝަން ކުޅެން ނުޖެހި، ދެ ވަނަ ޑިވިޝަނަށް އޮޓަމެޓިކުން ކޮލިފައިވީ ކަމަށެވެ. ޒޯން1 އާއި ޒޯން2 ގައި މިހާރު އެ ތިބީ ދެ ވަނަ ޑިވިޝަނަށް އޮޓަމެޓިކުން ކޮލިފައި ވެފައިވާ ކްލަބްތަކެވެ. މިހާރު ޖެހެނީ ޒޯން3 އިން އޮނަވިހިވަނަ ކްލަބް ބާކީކޮށް، ދެވަނަ ޑިވިޝަނަށް 18 ކްލަބް ކޮލިފައި ކުރާށެވެ. މި ކަން ކުރާ ގޮތް އެނގޭނީ ހަމައެކަނި އެފްއޭއެމަށެވެ!

ދަނޑު ފުރައިލާނެތަ؟

އާ ފޯމެޓަކީ ސަޕޯޓަރުންނާއި ބެލުންތެރިންގެ ޝައުގުވެރިކަމަށް ރިއާޔަތް ކޮށްގެން އެކުލަވައިލާފައިވާ ފޯމެޓެއް ނޫންކަން އެނގެ އެވެ. ފަލަ އަކުރުން "ނޯތުލީގް"، "ސެންޓްރަލް ލީގް"، "ސައުތު ލީގް" ކިޔަސް މި ނަމާއި ކަން ކުރާ ގޮތާ އެއްވެސް ގުޅުމެއް ނެތެވެ. މިއިން ޒޯނެއްގައި ހޯމް އެންޑް އަވޭ ލީގެއްގެ ސިފަ ޖެހޭނެ އެއްކަމެއް ވެސް ކޮށްފައެއް ނުވެ އެވެ. މަހަކު 1.3 މިލިއަން ރުފިޔާ ހަރަދުކުރާ 70 މުވައްޒަފުން ތިބެ އެވެ. އެފްއޭއެމްގެ އާ ފޯމެޓަކީ ފޯމެޓެއް ނޫނެވެ. ކްލަބްތަކާއި ކުޅުންތެރިންގެ ވަގުތު ބޭކާރު ނުވެ، ދަނޑު ފުރައިލާ ލީގް ފޯމެޓެއްގެ ސިފަޖެހޭ ތަނެއް ނުފެނެ އެވެ. މުބާރާތް ފަށަނީ ކަމަށް ބުނެ އެވެ. މުބާރާތުގެ ގަވާއިދެއް ނެތެވެ. ކްލަބްތަކާއި ކުޅުންތެރިން ފެންނަނީ ވާނުވާ ނޭނގިގެން އެނބުރޭ ތަނެވެ.