29 މާޗް 2022
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ވައުދުވި އެއް ކަމަކީ އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ. ލިސްޓުގެ އެންމެ ކުރީގައި އެކަން ހިމަނައި އިންތިގާލީ އަދާލަތު ގާއިމްކޮށް، ސަރުކާރުތަކުގައި ހިންގި އަނިޔާވެރި އަމަލުތަކަށް އިންސާފު ހޯދައިދީ ވެރިން ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ވައުދުވި އެއް ކަމަކީ އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ. ލިސްޓުގެ އެންމެ ކުރީގައި އެކަން ހިމަނައި އިންތިގާލީ އަދާލަތު ގާއިމްކޮށް، ސަރުކާރުތަކުގައި ހިންގި އަނިޔާވެރި އަމަލުތަކަށް އިންސާފު ހޯދައިދީ ވެރިން ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ބ. ހިތާދޫގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު ކަންކަމަށް ފުރަތަމަ ދެ އަހަރުގެ ތެރޭގައި އިންތިގާލީ އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ. މި ވައުދުގެ މައްޗަށް ގާނޫނެއް އެކުލަވާލީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން ނުވަތަ ވެރިން ހިންގި ލާއިންސާނީ އަދި ހައްގުތަކާއި މިނިވަންކަމަށް އަރައިގަތް މައްސަލަތައް ބެލުމަށެވެ. އެ މައްސަލަތަކުގައި ހިމެނޭ މީހުން ޖަވާބުދާރީކުރުވައި ބަދަލު ނަގައިދީ އިންސާފު ހޯދައިދިނުމަކީ އެ ގާނޫނުގެ މަގްސަދެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.
މި ގާނޫނުގެ ދަށުން މައްސަލަތައް ހުށަހަޅަން ހުޅުވާލުމުން ގާތްގަނޑަކަށް 500 މައްސަލަ ހުށަހަޅައި, އޭގެތެރެއިން 449 އަށް ވުރެން ގިނަ މައްސަލަ ބެލޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.
މަޖިލީހުން ގާނޫނު ފާސްކުރީ ވޭތުވެދިޔަ 65 އަހަރުގެ ތެރޭގައި ސަރުކާރުތަކުން ހިންގި އަނިޔާތަކަށް އިންސާފު ހޯދައިދޭ ގޮތަށެވެ. އެހެންވެ މައްސަލަތައް ހުށަހަޅާފައި ވަނީ ވެސް އެ މުއްދަތަށް ފައްތައިގެންނެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މަޖިލީހުގައި.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއީ, ފުރަތަމަ ރައީސް މުހައްމަދު އަމީނާއި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ މައްސަލަތަކެވެ.
ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކުގެ ތަފްސީލެއް އޮމްބަޑްސްޕާސަންގެ އޮފީހުން އާއްމެއް ނުކުރެ އެވެ. އެކަމަކު ޒަމާންވީ މައްސަލަތަކުގެ ތަހުގީގު އަދި ކިރިޔާ ފަށައިގަތީ އެވެ. އިންސާނީ ހައްގުތަކާއި މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ ކަމަށް ހުށަހަޅާފައިވާ އެ މައްސަލަތަކުގައި ޝަރުއީ ދާއިރާގެ ތެރެއިންނާއި ބޭރުން ވެސް ހައްލު ހޯދައިދޭން ޖެހެ އެވެ. ޑިސެމްބަރު, ޑިސެމްބަރު 17, 2020 ގައި މި އޮފީސް ފަށައިގަތީ ދެ އަހަރުން ނިންމާށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މި ފަހުން ވަނީ އާއްމުކޮށް ހުޅުވާލައިގެން ގދ. ތިނަދޫން މީހުން ބޭލުވި މައްސަލައިގެ އަޑު އެހުން ކުރިއަށް ގެންގޮސްފަ އެވެ. އެ އަޑުއެހުން ދިޔަ ގޮތުން, މައްސަލަތަކުގެ ތަހުގީގުގައި ހެކި ހޯދައި އިންސާފަށް ވާސިލްވެވިދާނެތޯ ދަނީ ސުވާލު އުފައްދަމުންނެވެ.
އެ އަޑު އެހުމަށް ފަހު ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރާ މެދު ތިނަދޫގެ ރައްޔިތުން އުފެދިފައިވާ ރުޅި މައިތިރިކޮށް އަނިޔާއަށް އިންސާފު ހޯދައި ދެވިދާނެ ކަމާ މެދުގަ އެވެ.
ނާސިރު "ވަރަށް އަނިޔާވެރިވި" ކަމަށް ބަޔާން ދިން މީހުންގެ އުއްމީދަކީ އިންސާފާއި އެކަށީގެންވާ ބަދަލެއް އެ މައްސަލައިގައި ލިބުމެވެ. އެކަމަކު އެ މީހުންގެ ހަނދާންތަކާއި އެކި މީހުންގެ ތެރޭގައި ދެކެވި ވާރުތަވެފައި ހުރި ވާހަކަތަކުގެ އިތުރުން މައްސަލައިގައި މާ ބޮޑު ކިތާބީ ހެއްކެއް ނެތެވެ. މިހާތަނަށް ބަޔާން ދިން މީހުންގެ ވާހަކަތަކަށް ބަލާއިރު މި މައްސަލައިގެ ކޮޅެއް މެދެއް ނުފެނެ އެވެ.
މާބޮޑު އުއްމީދެއް ނެތް މި މައްސަލައާ އެކު ދެން ވެސް ހުށަހަޅާފައި ހުރީ މި ޒާތުގެ ބޮޑެތި މައްސަލަތެކެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދިފައިވެ އެވެ. ފެބުރުއަރީ, 7, 2012 ގައި ސިފައިންނާއި ފުލުހުން ނުކުމެ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުކުރުމާ ގުޅޭ މައްސަލަތައް ހުށަހެޅި އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ސަލާމަތީބާރުތަކުން ޓީވީއެމް އިމާރާތަށް ވަދެ ކޮންޓްރޯލް ނެގުމެވެ. ބައެއް ހުށަހަޅާފައި ވަނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނާ ވެސް ތުހުމަތުތައް ގުޅުވަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމުގައި ވެސް އަނިޔާގެ ބަދަލަށް އެދިފައިވެ އެވެ. އެއާއެކު, ބޯހިޔާވަހިކަން ފަދަ ހައްގުތައް ނިގުޅައިގަތުމާއި ވަޒީފާ ގެއްލުވާލުން ފަދަ ގިނަ މައްސަލަތަކެއް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައި ވެ އެވެ.
އެންމެ ގިނައިން ހުށަހެޅީ ބޯހިޔާވަހިކަމުގެ މައްސަލަތައް
ގާނޫނާ ހިލާފަށް ބަންދުކުރުމާއި ހައްޔަރުކުރުމުގެ މައްސަލަތައް
މުދާ ހޯދުމާއި ގެންގުޅުމުގެ މައްސަލަތައް
ހައްގުތައް ނިގުޅައިގަނެ އަނިޔާވެރިވި ކަމުގެ މައްސަލަތައް
އިންތިގާލީ އިންސާފުގެ އޮފީހަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ އިރު މި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް މީހުން ހާޒިރުކޮށް ކޯޓު މަރުހަލާއާ ހަމައަށް ފޮނުވުމުގެ އިހްތިޔާރު ވެސް ލިބެ އެވެ.
އެއްވުމަކަށް ބަޔަކު މަގުމަތީގައި: ހައްގުތައް ނިގުޅައިގަނެފައިވާ ގިނަ މައްސަލަތަކެއް އޮމްބަޑްސްޕާސަންގެ އޮފީހަށް ވަނީ ހުށަހަޅާފައި.
ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް "މިހާރު"އަށް އެންމެ ފަހުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ އެކި ދައުރުތަކުގެ ތެރޭގައި ހައްގުތައް ނިގުޅައިގަތުމާއި އަނިޔާވެރި އަމަލުތައް ހިންގާފައިވާތީ ދައުލަތުގެ މުއައްސަސާތައް ނުވަތަ އިސްވެރިންނާ ދެކޮޅަށް ހުށަހަޅާފައި ހުރި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މީގެ ތެރޭގައި ސީރިއަސް ތުހުމަތުތަކާއި އިންސާފު ލިބެން ޖެހޭ މައްސަލަތަކާއި ހިރަފުސް ފޮޅާލައި ކުރީގެ ފައިލްތައް ހުޅުވައިފި ނަމަ އާއްމު މަސްލަހަތު ގެއްލިދާނެ މައްސަލަތައް ވެސް ހިމެނެ އެވެ.
މީހުންގެ މުދާތައް ޝަރުއީ ނިޒާމުގެ ތެރެއިން ނިގުޅައިގަނެ އެހެން މީހުންނަށް ހިބަކޮށްދިނުމަކީ ވެސް ކުރިން ހިނގި ބޭއިންސާފެވެ. އެކަމުގައި ވެސް އިންސާފަށް އެދިފައި އެބަހުއްޓެވެ.
ޒަމާންވީ، އަދި އެކަށީގެންވާ މިންވަރަށް ހެކި ނެތް މި މައްސަލަތަކަށް ފަރުވާއެއް ހޯދުން ފަސޭހައެއް ނުވާނެ އެވެ.
ތަހުގީގު ނިމޭއިރު، ނިޒާމީ ސިފައެއްގައި އިންސާނީ ހައްގެއް ގެއްލުވާލާފައިވާ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހަށް ފެނިއްޖެ ނަމަ ހައްގު ގެއްލުނު މީހާއަށް ބަދަލު ދިނުމަށް ނިންމުމުގެ އިހްތިޔާރު އޮމްބަޑްސްމަންގެ އޮފީހަށް އެ ބިލުގެ ދަށުން ލިބިގެންވެ އެވެ. ގާނޫނު އޮތް ގޮތުން ދެ ބާވަތެއްގެ ބަދަލެއް އަނިޔާ ލިބުނު ފަރާތަށް ނަގައި ދެވިދާނެ އެވެ. އެއީ މާލީ ބަދަލާއި މާލީ ނޫން ބަދަލެވެ.
މާލީ ބަދަލެއް ނަގައި ދެވޭނީ އަނިޔާ ލިބުނު މީހާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އެކަމުގެ ސަބަބުން މާލީ ގެއްލުމެއް ލިބި ނުވަތަ މާލީ ޚަރަދެއް ކުރަން ޖެހިފައިވާ ނަމަ އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅި ގިނަ މީހުންގެ ވިސްނުމުގައި ހުރީ އިންސާފާ އެކު މާލީ ބަދަލެއް ހޯދުމެވެ. ބައެއް މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން މާލީ ބަދަލު ނަގައިދޭން އެދިފައި އެބަހުއްޓެވެ.
ތަހުގީގުތައް ކުރިއަށްދާ އިރު މި ބަދަލު ނަގައިދޭން ދައުލަތް ތައްޔާރު ހެއްޔެވެ؟ މައްސަލަތަކުގައި ބަދަލު ނަގައިދޭ އިރު ތަފާތުކުރުމެއް ނެތި އެއް އުސޫލަކުން އަމަލުކުރެވޭނެ މިންގަނޑެއް އެބައޮތް ހެއްޔެވެ؟
އޮމްބަޑްސްޕާސަން އަބްދުއްސަލާމް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުން ބަލާ މައްސަލަތަކުގެ ބޭނުމަކީ ބަޔަކު މީހުންނަށް އަދަބު ދިނުމެއް ނޫނެވެ. ހުރިހާ މައްސަލަތަކުގައި މާލީ ބަދަލެއް ވެސް ނޫން ކަމަށާއި ސުލްހަވެރި ހައްލެއް ހޯދައި ދިނުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވެސް ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ ދައުލަތުން އެކަމަށް އިއުތިރާފްވާން ޖެހެ އެވެ. އެކަން ދިޔައީ ރަނގަޅަށް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. އެ އޮފީހުން އެ މައްސަލައެއް ބަލައި ދެން ހޯދައި ދޭން ޖެހޭ ފަރުވާއަކީ އިންސާފު ކަމަށް ވިދާޅުވި އެވެ.
"ސުލްހަވެރި ހައްލެއް ހޯދައިދިނުމަކީ މުހިއްމު ކަމަކަށް ވާތީވެ އަޅުގަނޑުމެންގެ އިންވެސްޓިގޭޝަންގައި ނިންމާ މައްސަލަތަކުގައި ކިރިޔާވެސް ސުލްހަވެވެން އޮތް މައްސަލައެއް ވެއްޖިއްޔާ ގާނޫނުގައި ވަރަށް ބޮޑަށް ބާރު އަޅާފައި އެބައޮތް އެގޮތަށް މަސައްކަތް ކުރަން," ސަލާމް ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މެމްމަބަރުން ބައިވެރިވެވަޑައިގަންނަަވަނީ.
ކޮންމެ މައްސަލައެއްގައި މި ސުލްހަ ނުހޯދިދާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އެފަދަ ހާލަތުގައި އޮންނާނެ ގޮތަކީ މައްސަލަ ބަލައި ދައުވާކުރަން ފޮނުވުން ކަމަށް ވިދާޅުވި އެވެ.
"އެފަދަ ހާލަތްތަކުގައި އޮމްބަޑްސްޕާސަންގެ އޮފީހުން ޕީޖީއަށް އަދި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް ފޮނުވަން ގާނޫނު ބައްޓަންކޮށްފައި މިއޮތީ."
ބައެއް މައްސަލަތައް ސާބިތުކުރަން ބޭނުންވާނެ ހެއްކާއި ގަރީނާ ނުލިބިދާނެ ކަމީ ކަންބޮޑުވުން އޮތް ކަމެކެވެ. މިސާލަކަށް އެޓޯލް މިނިސްޓްރީ ޒަމާނުގައި ހިނގާފައި އޮތް ކަމަކާ ގުޅޭ ލިއުންތައް ހޯދުމެވެ. އެހެންކަމުން ޑޮކިއުމެންޓްރީ އެވިޑެންސަށް ވުރެން އޮމްބަޑްސްޕާސަންގެ އޮފީހުން ބުރަވާން ޖެހޭނީ މީހުންގެ ބަޔާންތަކަށެވެ.
ސަލާމް ވިދާޅުވި ގޮތުގައި މި މައްސަލަތަކުގައި އެ އޮފީހަށް އެހެން އިދާރާތަކުން އެއްބާރުލުން ލިބެ އެވެ. އެހެންކަމުން ކަނޑައަޅާފައި އޮތް މުއްދަތަށް ވެސް މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އޭނާއަށް އެބައޮތެވެ.
ހުށަހަޅާފައިވާ މައްސަލަތަކުގައި އިންސާފަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު އޮމްބަޑްސްޕާސަންގެ އޮފީހަށް އޮތް ކަމަށް ސަލާމް ވިދާޅުވި.
ސަރުކާރުތަކުން ހިންގާފައިވާ މި މައްސަލަތަކުގައި އިންސާފަށް ރައްޔިތުން އުއްމީދުކުރާކަން ސަލާމް ގަބޫލުކުރައްވަ އެވެ. އެކަން ނުވެއްޖެ ނަމަ އިތުބާރު ގެއްލޭނެ ކަމަށާއި އެކަމަކު އެހެން ވިޔަނުދީ ރަނގަޅު ހައްލުތަކަކަށް އެ އޮފީހުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ވެސް ގިނަ މައްސަލަތަކުގައި ހެކި ނެތް އިރު ހައްގު ގެއްލުނު ފަރާތުން އެދި ހުށަހެޅި އިންސާފު ލިބިދާނެ ހެއްޔެވެ؟ މި ސުވާލު އެބައޮތެވެ. އެހެންވެއްޖިއްޔާ އިންތިގާލީ އިންސާފުގެ ގާއިމްކުރުމުގެ ނަމުގައި ވެސް މިކުރެވެނީ ނަތީޖާއެއް ނެރެވިދާނެ މަސައްކަތެއް ހެއްޔެވެ؟ މިހާތަނށް ރާއްޖޭގައި އެކުލަވާލި އަދި މި ސަރުކާރުގެ ކޮމިޝަނަކަށް ވެސް ނެރެވުނު ނަތީޖާއެއް ނެތެވެ.
ބާކީ އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި 65 އަހަރުގެ އަނިޔާގެ އިންސާފު އޮމްބަޑްސްޕާސަންގެ އޮފީހަށް ހޯދައިދެވިދާނެތޯ ސުވާލު އުފެދެނީ އެހެންވެ އެވެ.
އިންތިގާލީ އޮފީސް އުވާލިއިރު އިންސާފެއް ނުލިބޭ!
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އިސްތިއުފާދީފި
އަަމީންދީދީއަށް ކުރި ހުކުމުގެ މައްސަަލަ ބަލަން ނިންމައިފި
ނ. އަތޮޅުގެ ރަށްތައް ވިއްކި ގޮތް ބަލަނީ
އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ތަހުގީގުކުރަނީ
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ހުއްދަ ނެތި ކޯޓުން ނުކުތުމުން ތިން ދުވަހަށް ޖަލަށް
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާނަމަ މަގާމުން ވަކިކުރާނެ