Roadha Mihaaru
ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑުކުރީ ހިލަރީ

ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑު ކުރީ ހިލަރީ

22 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 22) - އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ނާކާމިޔާބުވި ކެނޑިޑޭޓުންގެ ތެރޭން މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުދީފައި ވަނީ ހިލަރީ ކްލިންޓަނަށް ކަމަށް އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާތަކުން ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 22) - އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ނާކާމިޔާބުވި ކެނޑިޑޭޓުންގެ ތެރޭން މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުދީފައި ވަނީ ހިލަރީ ކްލިންޓަނަށް ކަމަށް އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާތަކުން ދައްކައިފި އެވެ.

ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ވަނީ 2.9 މިލިއަން ވޯޓު ހޯއްދަވާފައި ކަމަށް ރަސްމީ ނަތީޖާތަކުން ދައްކަ އެވެ. އެމެރިކާގެ 50 ސްޓޭޓާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ހިލަރީ އަށް ވަނީ 65،844،954 ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ 48.2 ޕަސެންޓެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62،979،879 ވޯޓު ނުވަތަ 46.1 ޕަސެންޓެވެ.

އިންތިޚާބުގައި ވޯޓު ދެއްވުމަށް ފަހު ހިލަރީ އާއި ބިލް ކްލިންޓަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އިންތިޚާބުގައި ވޯޓު ދެއްވުމަށް ފަހު ހިލަރީ އާއި ބިލް ކްލިންޓަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ހިލަރީގެ 2.1 ޕަސެންޓުގެ ފަރަގަކީ ރިޔާސީ އިންތިހާބު ނާކާމިޔާބުވި ކެނޑިޑޭޓުންގެ ތެރޭން ތިން ވަނަ އަށް އެންމެ ބޮޑު ތަފާތު ކަމަށް އެމެރިކާގެ އިންތިހާބުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަތީޖާގެ ތަފާތު އެންމެ ބޮޑުކޮށްފައި ވަނީ 1824 ވަނަ އަހަރު އެންޑްރޫ ޖެކްސަން އެވެ. އެ ފަހަރު ޖެކްސަން 10 ޕަސެންޓުން ވޯޓުގެ ކުރި ހޯއްދެވި ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވީ ޖޯން ކުއިންސީ އެޑަމްސް އަށެވެ. ރައްޔިތުގެ ވޯޓުން ދެ ވަނަ އަށް އެންމެ ތަފާތު ބޮޑުކޮށް ހޮވިވަޑައިގެންނެވީ 1876 ވަނަ އަހަރުގެ އިންތިހާބުގައި ސެމިއުލް ޓިލްޑަން އެވެ. ރައްޔިތުންގެ ވޯޓުގެ ތިން ޕަސެންޓު އިތުރަށް ހޯއްދެވި ނަމަވެސް ޓިލްޑަން އަށް ވެރިކަން ގެއްލި ރުތަފޯޑް ހަޔެސް ރައީސް ކަމަށް ވަޑައިގެންނެވީ އެންމެ އިލެކްޓޯރަލް ވޯޓެއްގެ ތަފާތުންނެވެ.

ރައީސް ކަމަށް އިންތިހާބުވި ޓްރަމްޕް: ކެމްޕޭން ކުރެއްވީ އިލެކްޓޯރަލް ވޯޓަށް އަމާޒުކޮށް ކަމަށް ވިދާޅުވި.

ރައީސް ކަމަށް އިންތިހާބުވި ޓްރަމްޕް: ކެމްޕޭން ކުރެއްވީ އިލެކްޓޯރަލް ވޯޓަށް އަމާޒުކޮށް ކަމަށް ވިދާޅުވި.

އެކަމަކު ޓްރަމްޕް އަނެއްކާ ވެސް ވަނީ ރައްޔިތުންގެ ވޯޓު އިތުރަށް ހޯދުމަށް ކެމްޕޭން ކުރި ނަމަ އެކަން ކާމިޔާބުވާނެ ކަމަށް ވިދާޅު ޓްވީޓް ކުރައްވައިފަ އެވެ.

"އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް ނަމަ އަޅުގަނޑު ކެމްޕޭން ކުރާނީ އެގޮތަށް. އަދި އެކަން ކާމިޔާބު ވެސް ކުރީސް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރަން ކެމްޕޭން ކުރުމަކީ މާއުނދަގޫ ކަމެއް ކަމަށެވެ. އަދި ހިލަރީ ސަމާލުކަން ދެއްވީ ގޯސް ސްޓޭޓްތަކަށް ކަމަށް ވިދާޅުވި އެވެ.

އިލެކްޓޯރަލް ވޯޓު ސިސްޓަމަށް އެމެރިކާގެ ބައެއް މީހުން ހިތްހަމަނުޖެހިގެން ވަނީ އަޑު އުފުލާފައި.

އިލެކްޓޯރަލް ވޯޓު ސިސްޓަމަށް އެމެރިކާގެ ބައެއް މީހުން ހިތްހަމަނުޖެހިގެން ވަނީ އަޑު އުފުލާފައި.

ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީ ފްލޮރިޑާގައި ހުންނަ އަމިއްލަ ރިސޯޓުގައި ހޭދަކުރައްވާ ޓްރަމްޕް ވިދާޅުވީ ކެމްޕޭނަށް އޭނާ އަށް ވުރެ މާގައިން ހިލަރީ ފައިސާ ހޭދަކުރެއްވި ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށެވެ. ޓްރަމްޕް ކުރިން ވަނީ ބައެއް ސްޓޭޓްތަކުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އޮޅުވާލި ވޯޓު އުނިކޮށްފި ނަމަ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބޭނީ އޭނާ އަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެކި ސްޓޭޓްތަކުން ކަނޑައެޅި އިކެޓަރުންގެ ވޯޓުލުން ވެސް މި މަހު 19 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ. ޓްރަމްޕް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އަށް ވުރެ އިތުރަށް އިލެކްޓޯރަލް ވޯޓު ހޯއްދަވައިފަ އެވެ. އިލެކްޓޯރަލް ވޯޓު ގުނާ ނަތީޖާ އިއުލާން ކުރާނީ ޖެނުއަރީ 6 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގެ ޚާއްސަ ބައްދަލުވުމެއްގަ އެވެ. އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް ހުވާ ކުރައްވާނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.