27 މާޗް 2022
ފާޑުކިޔުން ބޮޑުވި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ފާޑުކިޔުން ބޮޑުވި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކޮށްދިން ޕޮލިސް އެކަޑެމީ ހުޅުުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ ވެން އޫޑްއާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުންޏެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. ވެން އޫޑޫގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޑްރެޖިން، ކޮނީލިއަސް އެޑްރިއާން ޑި ބްރުއިން އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ވެން ޑޫ ކުންފުންޏަކާ ހަވާލުކުރުން: ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވި ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އާއި ވެން ޑޫގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ ޑިރެކްޓާ ޑްރެޖިން، ކޮނީލިއަސް އެޑްރިއާން ޑި ބްރުއިން.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އައްޑޫގަ އެވެ. ރައީސްގެ އެ ދަތުރުފުޅުގައި އައްޑޫގައި ބައެއް މަޝްރޫއުތައް ފެށުމާއި މަސައްކަތް ނިމިފައިވާ ތަންތަން ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެ މަޝްރޫއު ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ. ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.
އެ ޕްރޮޖެކްޓް ޕްލޭންކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނައިގެން ބިން ހިއްކައިފި ނަމަ، އެކަމުގެ ސަބަބުން އިޔާދަ ވެސް ނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކެއް މީހުންނަށާއި ތިމާވެއްޓާއި އަދި އަންނަ އޮތް ޖީލުތަކަށް ކުރާނެ ކަމަށް އީޕީއޭގެ ރިޕޯޓުން ވެސް ހާމާވެފައިވެ އެވެ. އެކަމަކު، ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މި މަހު ވިދާޅުވީ ސަރުކާރުން އެ މަޝްރޫއު ނުހުއްޓުވާނެ ކަމަށެވެ.
އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
މަރަދޫގައި ހިއްކާ ބިމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
އައްޑޫގެ ބިން ހިއްކުން ލަހެއް ނޫން: އަސްލަމް
ރައީސްގެ އައްޑޫ ދަތުރުގައި ބިން ހިއްކާ މަޝްރޫއު ފަށަނީ
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
ބޮސްކާލިސް، އިހުތިޔާރުކުރީ ނެދަލެންޑްސްގެ ލޯނެއް ނަގާތީ
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި