Roadha Mihaaru
ރައީސްގެ އައްޑޫ ދަތުރުގައި ބިން ހިއްކާ މަޝްރޫއު ފަށަނީ

ރައީސްގެ އައްޑޫ ދަތުރުގައި ބިން ހިއްކުމުގެ މަޝްރޫއު ފަށަނީ

24 މާޗް 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑު އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑު އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އައްޑު އަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ އަވަށްތަކަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅުގައި ފުވައްމުލަކަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ އައްޑޫ ދަތުރަކީ 2019ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފަހު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ބައެއް ތަންތަން ރަސްމީކޮށް ހުޅުވަން ވެސް ނިންމާފައިވެ އެވެ. އެއީ؛

- އައްޑޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން.

- ޕޮލިސް އެކަޑަމީ ހުޅުވައިދެއްވުން.

- މަރަދު އާއި މީދޫ ބަނދަރު ހުޅުވައިދެއްވުން.

- ހިތަދޫ މަސްޖިދުލް އިބްރާހިމް ހުޅުވައިދެއްވުން.

- ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވުން.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ނިންމެވިއިރު، އެއީ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އެއީ އައްޑޫގެ ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ މަޝްރޫއުއަކަށް ވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.

އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކަނީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ، ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

އެ ޕްރޮޖެކްޓް ޕްލޭންކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނައިގެން ބިން ހިއްކައިފި ނަމަ، އެކަމުގެ ސަބަބުން އިޔާދަ ވެސް ނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކެއް އާންމުން ރައްޔިތުންނާއި ތިމާވެއްޓާއި އަދި އަންނަ އޮތް ޖީލުތަކަށް ކުރާނެ ކަމަށް އީޕީއޭގެ ރިޕޯޓުން ވަނި ހާމާވެފަ އެވެ. އެކަމަކު، ތިމާވެށީގެ މިނިސްޓަރު އައިމިނަތު ޝައުނާ މި މަހު ވިދާޅުވެފައި ވަނީ ސަރުކާރުން އެ މަޝްރޫއު ނުހުއްޓުވާނެ ކަމަށެވެ.

އެ މަޝްރޫއަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، އެކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ދިރާސާއިން އެނގެ އެވެ.

އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.