Roadha Mihaaru
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ބަޔަކާ ހަވާލުކުރަނީ

09 ޖޫން 2021

އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލައިފައިވާ ޓެންޑަރަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހު 15 ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 70-75 މިލިއަން ޑޮލަރެވެ. އަދި މަޝްރޫއުގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ހަތަރު ޑްރެޖިން ކުންފުންޏަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށަހަޅާނެ ކަމަށާއި މަޝްރޫއު ހަވާލުކުރާ ކުންފުނި ހޮވުމުގެ ކުރިން ކުރަންޖެހޭ ބިޑްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ބިޑް ހުށަހެޅުމުގެ ފަހު ތާރީހަށް ފަހު، 4-5 ހަފްތާގެ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ އިން 38 ހެކްޓަރުގެ ބިމާއި، 5 ހެކްޓަރުގެ ބިމާއި (2 ރިސޯޓާއި ރަށާއި ލައިގެން) އަދި މަރަދޫ / މަރަދޫފޭދޫ އިން 75 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ހައި ކޮމިޝަނުން އިތުރަށް ފާހަގަކޮށްފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް މަޝްރޫއުތަކުގެ ކޮމްޕޮނެންޓްތަކުގެ ތެރެއިން 65-75 ޕަސެންޓް ސޯސްކުރެވޭނީ އިންޑިއާ އިން ކަމަށްވީ ނަމަވެސް މި މަޝްރޫއުގެ ޚާއްސަ ރިކުއަމެންޓްތަކުގެ ސަބަބުންނާއި ރައީސްގެ އެދިލެއްވުމުގެ މަތިން އިންޑިއާ އިން ސޯސްކުރެވޭ ކޮމްޕޮނެންޓްތަކުގެ ޕަސެންޓް 55 އަށް ކުޑަކޮށްދީފައިވާ ކަމަށެވެ.

އައްޑޫ ހިތަދޫ: އައްޑޫގެ ބިން ހިއްކުމުގެ މި މަޝްރޫއު އަށް 70-75 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވޭ.-

އައްޑޫ ހިތަދޫ: އައްޑޫގެ ބިން ހިއްކުމުގެ މި މަޝްރޫއު އަށް 70-75 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވޭ.-

ބިން ހިއްކުމުގެ މި މަޝްރޫއުގެ ޒޯނިން ޕްލޭންތަކުގެ ދަށުން މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތައް އަޕްގުރޭޑް ކުރެވި، ވިޔަފާރި އާއި މުޖުތަމައުގެ ބޭނުންތަކަށާއި އަދި އައްޑޫގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށް ވެސް ބިން ހަމަޖައްސައިދޭނެ އެވެ.

ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓް ތަރައްގީކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ފަޅު ހިއްކުމަށް ވެސް ނިންމާފައިވެ އެވެ. މިގޮތުން، ހަތަރު ސްޓާ 'ލެގޫން ރިސޯޓް' ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ ގޮތުން ގާތްގަނޑަކަށް 25 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

އައްޑޫގެ މަގުތައް ތަރައްގީކޮށް، ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ސިޓީގެ އިގްތިސާދު ކުރިއަރުވައި ޓޫރިޒަމާއި މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާ އިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫ އަށް ގެންގޮސްދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ.

މި މަޝްރޫއު ނިމޭއިރު، ރާއްޖޭގެ ދެކުނުގެ ޒަމާނީ އިގްތިސާދީ ހަބަކަށް އައްޑޫ ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.