24 މާޗް 2022
މެދުއިރުމައްޗާއި ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ގެންނަ މުދަލުގެ ހަތަރު ހާހެއްހާ ކޮންޓެއިނަރު މެލޭޝިއާގެ ޓެންޖުން ޕަލަޕަސް ޕޯޓުގައި ތާށިވެފައިވާކަން އެނގިއްޖެ އެވެ.
މެދުއިރުމައްޗާއި ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ގެންނަ މުދަލުގެ ހަތަރު ހާހެއްހާ ކޮންޓެއިނަރު މެލޭޝިއާގެ ޓެންޖުން ޕަލަޕަސް ޕޯޓުގައި ތާށިވެފައިވާކަން އެނގިއްޖެ އެވެ.
ޝިޕިން ދާއިރާގެ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެ ޕޯޓުގައި މުދާ ތާށިވީ އެ ސަރަހައްދުން މުދާ ގެންނަ ފްރާންސްގެ ޝިޕިން ލައިން، ސީއެމްއޭ ސީޖީއެމް އިން މި ސަރަހައްދަށް ދަތުރުކުރާ ބޯޓު ކުޑަކުރުމުން ކަމަށެވެ. އެ ޝިޕިން ލައިންގެ ބޯޓު ކުރިން އިރުމަތީ އެފްރިކާއަށް ދަތުރު ކުރާއިރު ރާއްޖެއަށް މަޑުކުރި ނަމަވެސް މިހާރު ރޫޓު ބަދަލުކޮށް ރާއްޖެއަށް މަޑުނުކޮށް ރާއްޖެއަށް ގެންނަ މުދާ މެލޭޝިއާގެ ޕޯޓަށް ބާލަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގެ ޕޯޓަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކެވެ. އެ ޕޯޓުގައި ބަހައްޓާ މުދާ ދެން ރާއްޖެއަށް ގެންނަން ޖެހޭނީ އެހެން ޝިޕިން ލައިނެއް މެދުވެރިކޮށް ލަންކާގެ ޕޯޓަށް ގެންދިއުމަށް ފަހު ރާއްޖެއަށް ދަތުރުކުރާ ޝިޕިން ލައިނެއް މެދުވެރިކޮށެވެ. އެގޮތަށް ގެނައުމުގައި ވެސް ދަތިތަކެއް އުޅޭތީ ހަރަދު ވެސް ބޮޑުވާނެ ދާއިރާގެ ބޭފުޅުން ލަފާކުރައްވަ އެވެ.
"ކުރިން ސީއެމްއޭގެ ބޮޑު ބޯޓެއް ބޭނުންކުރީ. މެލޭޝިއާއިން އިރުމަތީ އެފްރިކާއަށް ދަތުރު ކުރާއިރު ރާއްޖެއަށް އައިސް މުދާ ބަލާފައި ދަނީ. އެކަމަކު ވަރަށް ފަހުން އެ މީހުން ވަނީ ބޮޑު ބޯޓު އެމެރިކާއަށް ދަތުރުކުރާ ގޮތަށް ހަދައި މިކޮޅަށް އަންނަ ބޯޓު ކުޑަކޮށްފައި. އެ ބޯޓު ރާއްޖެއަަކަށް ނާދޭ. އެ ބޯޓު މެލޭޝިއާއިން ސީދާ އެފްރިކާއަށް ދާތީ ރާއްޖެއަށް ގެނައި މުދާ ބަހައްޓަން ޖެހުނީ މެލޭޝިއާ ޕޯޓުގައި،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ދެން ޖެހޭނީ އެ ކޮންޓެއިނަރު ލަންކާއަށް ގެންގޮސް ކޮލަމްބޯއިން ރާއްޖެއަށް ގެންނަން. އެކަމަކު މަހެއްގެ ތެރޭގައި 4،000 ކޮންޓެއިނަރު ގެނެވޭނެ ކެޕޭސިޓީ ހުރި ބޯޓެއް ނެތް. ލަންކާއަށް ހަފުތާއަކު ދަތުރުކުރާ ބޯޓެއް އޮތަކަސް އެ ބޯޓުން މިހާރު ގެންނަ މުދަލުގެ އިތުރަށް ކޮންމެ ދަތުރަކު އެރުވޭނީ އެންމެ 150 ކޮންޓެއިނަރު."
އޭނާ ވިދާޅުވި ގޮތުގައި މިހާރު މެލޭޝިއާގައި ތާށިވެފައިވާ މުދަލުގެ ތެރޭގައި ރޯދަ މަހަށް ހާއްސަކޮށްގެން ގެންނަ ކާނާގެ ބާވަތްތަކުގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި މެޑިކަލް ސާމާނު ވެސް ހިމެނެ އެވެ. ބައެއް ކުންފުނިތަކުގެ ކޮންޓެއިނަރު ތާށިވެފައި ހުންނަތާ ދެ މަސް ވެއްޖެ އެވެ.
އެ 4،000 ކޮންޓެއިނަރު ލަންކާއަށް ގެންގޮސް ހުރިހާ ކޮންޓެއިނަރެއް ރާއްޖެ ގެންނަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ. އެހެންވެ، ކުރިއަށް އޮތް ރޯދަ މަހު ވެސް އެ މުދާ ލިބޭނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރޯދަ މަހު މުދާ އަގު ބޮޑުވެދާނެ ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭޕްރިލް މަހު ވެސް މިކަމަށް ހައްލެއް ލިބޭނެހެން ހިޔެއް ނުވޭ. މިއީ ރާއްޖޭން ޖެހިގެން އުޅޭ މައްސަލައެއް ވެސް ނޫން. އެކަމަކު އެހާ ގިނަ މުދާ ތާށިވެފައި ހުރީމާ ކޮންމެ ގޮތެއް ވިޔަސް މިހާރު ހުރި މުދަލުގެ އަގު އުފުލޭނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ ރޯދަ މަހު އެކި ސަބަބުތަކާ ހުރެ ތަކެތީގެ އަގު އުފުލޭނެ ކަމަށް މިހާރު ވެސް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައ ތަކެތީގެ އަގު އުފުލުމާއި ތެލުގެ އަގަށް އައި ބަދަލާއެކު މުދާ ގެންނަން ދާ ހަރަދު ބޮޑުވުން ހިމެނެ އެވެ.
މިއީ ޝިޕިން އެޖެންޓުންގެ "ލޫޓުވުމެއް"!
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި