Roadha Mihaaru
ވެލެންސިއާއިން މާޒިޔާ ފަހަތުގައި ވިއްދައިފި

ސަސް ބަލިކޮށް ވެލެންސިއާއިން މާޒިޔާ ފަހަތުގައި ވިއްދައިފި

08 މާޗް 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާއިން ތާވާލުގެ އެއްވަނައިގައި އޮތް މާޒިޔާގެ ފަހަތުގައި ވިއްދައިފި އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާއިން ތާވާލުގެ އެއްވަނައިގައި އޮތް މާޒިޔާގެ ފަހަތުގައި ވިއްދައިފި އެވެ.

ތާވަލުގެ ދެވަނައިގައި އޮވެ ވެލެންސިއާއިން މިހާރު ވަނީ މާޒިޔާ އާއި ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވި މާޒިޔާ އަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ވެލެންސިއާ އަށް ހޯދުނީ 12 ޕޮއިންޓެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާއިން ވަނީ ފުރަތަމަ ހާފަުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ދެވަނަ ހާފުގައި ވަރުގަދަކޮށް ފެނުނީ ސަސް އެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު ހަލީލް ޖަމާލް ޖެހީ ސަސްގެ ފަހަތަށް ހެދުނު މިސްޓޭކެއްގައި ހޯދި ބޯޅައިންނެވެ. ސަސް ފަހަތުން އެޓީމުގެ ޑިފެންޑަރު ދޭން އުޅުނު ޕާސް ހޯދީ ހަލީލް އެވެ. އޭނާ ވަނީ ބޯޅަ ހޯދައި އޭރިއާ ތެރެއަށް ވަދެ ގޯލްގެ ފޯޕޯސްޓް ކަނަށް ބޯޅަ ވައްދައިލައިފަ އެވެ. އޭގެ ކުރިން ވެސް ވެލެންސިއާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.

ވެލެންސިއާގެ ދެވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ޖެހީ އާދަމް އިޝާމް (ސަން) އެވެ. ސަސްގެ ހާފުގެ ތެރެއިން އަބްދުﷲ ޔާމީން (ޔާން) ދިން ބޯޅަ، ބޯހަސް މާޓިން އޭރިއާގެ އަރިމަތީގައި ހުރެފައި ބޯޅަ ދިނީ ސަން އޭރިއާގެ ތެރޭގައި ހުހަށް ހުރުމުންނެވެ. އޭނާ ވަނީ ބޯހަސް ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ވެލެންސިއާ އާއި ސަސް މިއަދު ކުޅުނު މެޗުގައި ވެލެންސިއާގެ ކުޅުންތެރިން ލީޑް ނެގުމަށް ފަހު އުފާފާލޫ ކުރަނީ: މިއީ ވެލެންސިއާއިން ވިދިވިދިގެން ހޯދި ދެވަނަ މޮޅު --- ފޮޓޯ: އެފްއޭއެމް

ވެލެންސިއާ އާއި ސަސް މިއަދު ކުޅުނު މެޗުގައި ވެލެންސިއާގެ ކުޅުންތެރިން ލީޑް ނެގުމަށް ފަހު އުފާފާލޫ ކުރަނީ: މިއީ ވެލެންސިއާއިން ވިދިވިދިގެން ހޯދި ދެވަނަ މޮޅު --- ފޮޓޯ: އެފްއޭއެމް

ފުރަތަމަ ހާފުގައި ސަސްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުހައްމަދު ޝަހާއު (ބޭލް) އަަށެވެ. ޔަޝްފާދު ހަބީބު (މުލަކޭ) ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ބޯޅަ ފޮނުވާލި އެވެ. ނަމަވެސް ކީޕަރު މުހައްމަދު ފައިސަލް ވަނީ އެބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީ ސަސް އެވެ. އެ ޓީމުގެ ލަނޑު ޝަހާއު ޖެހުމުގެ ކުރިން ވެސް ފުރުސަތު ތަކެއް ތަނަވަސް ކުރި އެވެ. އޭނާ ލަނޑު ޖެހީ 62 ވަނަ މިނެޓްގަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ވެލެންސިއާގެ އޭރިއާގެ ތެރެއަށް ވަން ގޮތަށް ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އޭނާ ފޮނުވައިލި ގޮތުން ކީޕަރު ފައިސަލް އަށް އެބޯޅަ ސަލާމަތް ކުރުމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ލަނޑު ޖެހިގެ ކުރިން ވެސް ސަސް އަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ޝަހާއު އެރިއާގެ ރޮނގުމަތިން މުލަކޭ އަށް ދިން ބޯޅަ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި އެވެ. ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ލަނޑު ޖެހި ފަހުން އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ އަހްމަދު އައިހަމް އެވެ.

ސަސް އަށް ލިބުނު ކޯނަރެއްގައި ޝަހާއު ފަހަތަށް ދިން ބޯޅަ ހިފައިގެން އޭރިއާގެ އަރިމަރިން ބޯޅަ ފޮނުވައިލައި އައިހަމް މަސައްކަތް ކުރީ ގޯލްގެ ތެރެއަށް ބޯޅަ އޮޅައި ލުމަށެވެ. ކީޕަރު ފައިސަލް އަށް ވެސް ބޯޅަ ސަލާމަތް ކުރުމުގައި އުނދަގޫވި އެވެ. އޭނާ ބޯޅަ ހިފީ ގޯލްގެ ނިއާޕޯސްޓް ކައިރިންނެވެ.