Roadha Mihaaru
ހަ ކިލޯގެ ޑްރަގް މައްސަލަ: އެކަކު ދޫކޮށްލީ ރަނގަޅަށް

ހަ ކިލޯގެ ޑްރަގްގެ މައްސަލާގައި އެކަކު ދޫކޮށްލީ ރަނގަޅަށް: ހައި ކޯޓް

02 މާޗް 2022

ހަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ މީހަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ މީހަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން 2020 ގައި ހުޅުމާލެ އިން ހަ ކިލޯގެ މަސްތުވާތަކެތި ހޯދައި، އެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ތެރެއިން ގއ. ކޮލަމާފުށީ ކަރަންކާވިލާ އަފްސަލް ރަޝީދު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ ބަންދު މުރާޖައާ ކުރުމަށް ފަހު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އަފްސަލް ދޫކޮށްލުމުން، އެ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ދެ ހެއްކަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުންޏަސް، އެ ދެ މީހުން މިހާރު ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އެ މީހުން ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަމެއް ނެތުމުން ބޭރުގައި އެ މީހުންގެ މައްޗަށް އޭނާ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

ހައި ކޯޓު އަމުރެއްގެ ދަށުން އަފްސަލް ބަންދުކޮށްފައި ވަނިކޮށް، ދަށު ކޯޓުން އޭނާ ދޫކޮށްލީ މަތީ ކޯޓުތަކުގެ ނިންމުމަކާ ޚިލާފަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ މަތީ ކޯޓެއްގެ އަމުރެއް އޮތަސް، ހާލަތަށް އަންނަ ބަދަލާ ގުޅިގެން އެގޮތަށް ބަންދުން ދޫކޮށްލުމަކީ ދަށު ކޯޓަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކުރިޔަސް، ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އަފްސަލް އަލުން ބަންދު ކުރުމަށެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ހެކިންގެ ގޮތުގައި ތިބި ދެ ބިދޭސީން ރާއްޖޭގައި ނެތުމަކީ އެ މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަންދުވީ ސަބަބެއް ނޫން ކަމަށެވެ. އަދި ޓެކްނޮލޮޖީގެ މި ޒަމާނުގައި ހެކިންނަށް ނުފޫޒު ފޯރުވުމަށްޓަކައި އެ މީހުންނާ ބައްދަލުވާން ނުޖެހޭ ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ. އެ މީހުން ރާއްޖެ އިން ބޭރަށް ދިޔައީ ނޫން ކަމާއި އެ މީހުން ފޮނުވާލީ ކަމަށް ބުރަވެވޭނެ ސަބަބުތަކެއް އެބަހުރި ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެ އެވެ. އެހެންވެ، އެއީ ވެސް ފޯރުވި ނުފޫޒެއް ކަމަށް އެ ރައުޔުގައި ވިދާޅުވި އެވެ.

ފަނޑިޔާރުގެ ނިޔާޒް ރައުޔުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި މިހާ ފުޅާކޮށް ހިންގޭ އެއް ސަބަބަކީ ގާނޫނު ތަންފީޒު ނުވުމުގެ އިތުރަށް އެކަމުގައި ބައިވެރިވާ މީހުން އެއްބާރުލުން ލިބޭތީ އެވެ. އަދި އެއީ ނުރައްކާތެރި ކުށްތަކަށް ވާތީ މުޖުތަމައަށް ލިބެމުންދާ ނުރައްކާތަކަށް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ފަނޑިޔާރު ނިޔާޒް ލިޔުއްވާފައިވެ އެވެ.