Roadha Mihaaru
ހިޔާ ފްލެޓެއް ފާސްކުރި އިރު ޑްރަގާއި ބައިލައްކަ ރުފިޔާ

ޑްރަގް ވިޔަފާރިކުރާ ހިޔާ ފްލެޓަކުން ފަސް މީހަކު ހައްޔަރުކޮށްފި؛ ބައި ލައްކަ ރުފިޔާ ފެނުނު

30 އެޕްރީލް 2022

ޑްރަގް ވިޔަފާރިކުރާ ބަޔަކު އުޅޭ ކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓެއް ބަލައި ފާސްކުރި އިރު އެތަނުން ޑްރަގްސް އާއި ގިނަ އަދަދެއްގެ ފައިސާ ފެނުމުން އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑްރަގް ވިޔަފާރިކުރާ ބަޔަކު އުޅޭ ކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓެއް ބަލައި ފާސްކުރި އިރު އެތަނުން ޑްރަގްސް އާއި ގިނަ އަދަދެއްގެ ފައިސާ ފެނުމުން އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ފަސް މީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފަ އެވެ. އުމުރުން 19-26 އަހަރާ ދެމެދުގެ އެ ދިވެހި ފަސް ފިރިހެނުންނަށް ތުހުމަތުކުރަނީ މަސްތުވާތަކެތިި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީ ވިޔަފާރިކުރުމެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކީގައި ބުނީ އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެ ކަބަޑާއި ސޯފާމަތިންނާއި އެ ފްލެޓްގެ ދެ ކޮޓަރި ބަލައި ފާސްކުރުމުން "ހާމަކަން ބޮޑު ގޮތެއްގައި" ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ވެސް ބުންޏެވެ.

އެ ފްލެޓުން 50،300ރ. ފެނިފައިވެ އެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލަތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނީ އޭނާގެ އަތުން ފެނުނު ފައިސާ އަކީ ވަޒީފާ އަދާކުރާ ތަނުން ލިބުނު ފައިސާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނަސް، އޭނާއަކީ އެ ތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށް ބުންޏެވެ.

އެ މީހުންގެ ތެރޭގައި މީގެ ކުރިން މަސްތުވާތަކެތި ބޭނުންކޮށް، ރިހެބަށް ގޮސް ފަރުވާ ފުރިހަމަ ކުރި މީހަކު ވެސް ހިމެނެ އެވެ. އަދި އެތަނުން އެކަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އެ ފްލެޓަށް ދިޔައީ އެ ތަކެތި ބޭނުންކުރަން ކަމަށް ވެސް ކޯޓުގައި އެއްބަސްވި އެވެ. އަދި އޭނާ ވަނީ ރިހެބަށް ފޮނުވައިދިނުމަށް ވެސް އެދިފަ އެވެ.