01 މާޗް 2022
ރަޝިޔާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ފަތިހު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު ވެސް، މުޅި ދުނިޔެ އަށް އެ ހަނގުރާމައިގެ ގެއްލުން ކުރިމަތިވާނެ ކަމަށް، ދުނިޔޭގެ ގައުމުތަކުން ދިޔައީ ބުނެ އިންޒާރު ކުރަމުންނެވެ.
ރަޝިޔާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ފަތިހު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު ވެސް، މުޅި ދުނިޔެ އަށް އެ ހަނގުރާމައިގެ ގެއްލުން ކުރިމަތިވާނެ ކަމަށް، ދުނިޔޭގެ ގައުމުތަކުން ދިޔައީ ބުނެ އިންޒާރު ކުރަމުންނެވެ.
ހަނގުރާމަ އަށް ފަސް ދުވަސް ފާއިތުވެ ހަ ވަނަ ދުވަސް ފެށިގެން ދިޔައިރު، ރަޝިޔާ ސިފައިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލެއް ނުވެ އެވެ. ދެ ފަރާތަށް ލިބޭ ގެއްލުންތައް މުޅިން ސާފު ނުވިޔަސް، ސޯޝަލް މީޑިއާގައި މަދުން ނަމަވެސް އާންމުވަމުންދާ މަންޒަރުތަކާއި ވާހަކަތަކަށް ބަލާއިރު، ރަޝިޔާ ސިފައިންނަށް ލިބޭ ގެއްލުން ވެސް ވަކި ކުޑައެއް ނޫނެވެ.
ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޔޫކްރޭންގެ ބޮޑެތި ސަހަރުތަކުގެ މީހުން މިހާރު ދަނީ ގައުމު ދޫކޮށް އަވައްޓެރި ބައެއް ގައުމުތަކަށް ވަންނަމުންނެވެ. އެ ގޮތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ނުކުތީ ވެރިރަށް ކިޔޭވް އިން ކަމަށްވެ އެވެ.
ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ އިން ބުނި ގޮތުގައި ހަނގުރާމަ ފެށުނު ފަހުން އިއްޔެއާ ހަމައަށް، 520 ހާހަށް ވުރެ ގިނަ މީހުން ޔޫކްރޭން ދޫކޮށް އަވައްޓެރި ގައުމުތަކަށް ދަތުރުކޮށްފި އެވެ. އެންމެ ގިނަ މީހުން ދިޔައީ ޔޫކްރޭންގެ ހުޅަނގުން އޮތް ޕޮލެންޑަށެވެ. އަދި މިހާރު ވެސް އެތައް ހާސް ބަޔަކު، އަވައްޓެރި ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ކައިރީގައި، އެ ގައުމުތަކަށް އެތެރެ ވެވޭނެ ވަގުތެއްގެ އިންތިޒާރުގައި އެބަ ތިއްބެވެ.
މި އަދަދުތައް މުޅިން ކަށަވަރު ނުވިޔަސް، ޕޮލެންޑަށް މިހާތަނަށް 281،000 މީހުން އެތެރެވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި ހަންގެރީ އަށް 84،500 މީހުންނާއި މޮލްޑޯވާ އަށް 36،400 މީހުން އަދި ރޮމޭނިއާ އަށް 32،500 މީހުންނާއި ސްލޮވާކިއާ އަށް 30،000 މީހުން އެތެރެވެފައިވާ ކަމަށް، އދ. އިން ބުނެ އެވެ.
އދ. އިން ބުނާ ގޮތުގައި ޕޮލެންޑަށް އެތެރިވުމަށްޓަކައި ބައެއް މީހުން 40 ގަޑިއިރަށް ވުރެ ގިނަ ވަގުތު ޕޮލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި މަޑުކޮށްގެން ތިބެން ޖެހުނެވެ. ޕޮލެންޑަށް މިހާތަނަށް އެތެރެވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަނގުރާމައިން ސަލާމަތްވުމަށް އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިން ގައުމު ދޫކޮށް ދިއުމަށް ޔޫކްރޭން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް 18-60 އަހަރުގެ ފިރިހެނުން ގައުމު ދޫކޮށް ދިއުން ވަނީ މަނާކޮށްފަ އެވެ. އެއީ ގައުމު ދިފާއުކުރުމުގެ ހަނގުރާމައިގައި ބައިވެރިވުމަށްޓަކަ އެވެ.
ޔޫކްރޭން ހަނގުރާމަ ފެށުނުތާ ހަ ދުވަސްވީ އިރު، އެންމެ ކުޑަކޮށް އެނގެނީ ހަނގުރާމައިން ލިބުނު ގެއްލުންތަކެވެ. މަރުވި މީހުންގެ އަދަދުތައް ވެސް މުޅިން ކަށަވަރެއް ނުވެ އެވެ. ނަމަވެސް ޔޫކްރޭންގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހަނގުރާމަ ފެށުނު ފަހުން އިއްޔެއާ ހަމައަށް، ރަޝިޔާގެ ހަމަލާތަކުގައި އާންމުންގެ 352 މީހަކު މަރުވެއްޖެ އެވެ.
އޭގެ ތެރޭގައި 14 ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން 1،684 މީހަކާއި 116 ކުޑަކުދިން ޒަހަމްވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އދ.ގެ ހިސާބުތައް ދައްކާ ގޮތުން މި ހަނގުރާމައިގައި އިއްޔެގެ ނިޔަލަށް ޔޫކްރޭނުން މަރުވި އާންމުންގެ އަދަދަކީ 102 އެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެ އެވެ.
މި ހަނގުރާމައިގައި އެއްގޮތަކަށް ވެސް މިހާތަނަށް ނުލިބޭ މައުލޫމާތަކީ ދެ ފަރާތުގެ ސިފައިންނަށް ލިބުނު ގެއްލުންތަކެވެ. ރަޝިޔާ ސިފައިންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް އަދި ޒަހަމްވީ ކިތައް މީހުން ކަމެއް ރަޝިޔާ ސަރުކާރުން ނުބުނެ އެވެ. ޔޫކްރޭން ސަރުކާރުން ވެސް ވަނީ އެ ގައުމުގެ ސިފައިންނަށް ލިބުނު ގެއްލުންތައް ސިއްރުކޮށްފަ އެވެ.
ރަޝިޔާ ސިފައިންގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް، ވިލާތުގެ ގައުމުތަކުންނާއި ނޭޓޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާއާ ދެކޮޅަށް އަމަލީ ގޮތުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ބަދަލުގައި އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ނިންމީ އަސްކަރީ ސާމާނާއި މާލީ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދިނުމަށެވެ.
އެ ގޮތުން މިހާތަނަށް 13 ގައުމަކުން ވަނީ ޔޫކްރޭނަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ވަކި ފަރާތަކަށް ނުޖެހި އޮތް ސްވިޑްން ވެސް ހިމެނެ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔަންސް ސްޓޯލްޓެންބާގް ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ ފަރާތުން ޔޫކްރޭނަށް އެހީތެރިކަމުގެ އިތުރުން، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ވެސް ފޮނުވައިދޭނެ އެވެ.
ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، ނޭޓޯގެ 12 ގައުމަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، ބެލްޖިއަމް، ކެނެޑާ، ޗެކް ރިޕަބްލިކް، ގްރީސް، ޕޯޗުގަލް، ރޮމޭނިއާ، ސްޕެއިން އަދި ނެދަލޭންޑް އެވެ. ނޭޓޯގެ ބޭރުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ ސްވިޑްން އެވެ.
ނޭޓޯގައި ޖުމްލަ 30 ގައުމު ހިމެނޭ އިރު، ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު 18 ގައުމަކުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ރަޝިޔާގެ ކުލީ ސިފައިން ބަޚްމުތު ހިފައިފި
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ރަޝިޔާ އިން ވަރުގަދަ ހަމަލާއެއް އެބަ ރާވާ: ޔޫކްރޭން
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ނޭޓޯ އިން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަނީ
އެމެރިކާގެ މިސައިލްތަކެއް ރަޝިޔާގެ މަތިން ވައްޓާލައިފި
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް