Roadha Mihaaru
އެންމެ ބިޔަ މަތިންދާބޯޓު ހަލާކުކޮށްލައިފި

އެންމެ ބިޔަ މަތިންދާބޯޓު ހަލާކުކޮށްލައިފި

28 ފެބުރުއަރީ 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގައި އޮންނަ ދުނިޔޭގެ އެންމެ ބިޔަ މަތިންދާބޯޓަށް ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްލައިފި ކަމަށް ޔޫކްރޭންގެ ދިފާއީ އުފެއްދުންތަކާ ބެހޭ ސަރުކާރުގެ ކުންފުނި އުކްރްއޮބޮރޮންޕްރޯމް އިން ބުނެފި އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގައި އޮންނަ ދުނިޔޭގެ އެންމެ ބިޔަ މަތިންދާބޯޓަށް ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްލައިފި ކަމަށް ޔޫކްރޭންގެ ދިފާއީ އުފެއްދުންތަކާ ބެހޭ ސަރުކާރުގެ ކުންފުނި އުކްރްއޮބޮރޮންޕްރޯމް އިން ބުނެފި އެވެ.

ޔޫކްރޭންގެ ކުންފުނިން ބުނި ގޮތުގައި ދުނިޔޭގައި މި ވަގުތު އޮތް މުދާ އުފުލާ އެންމެ ބިޔަ މަތިންދާބޯޓު، އެންޓޮނޯވް އޭން-225 "މުރިޔާ" އަށް ރަޝިޔާގެ ވައިގެ ސިފައިން އިއްޔެ ހަމަލާދީ ގޮއްވައިލީ، ވެރިރަށް ކިއޭވްގެ ރަށްބޭރުގައި އޮންނަ އެންޓޮނޯވް އެއާޕޯޓްގެ ގަރާޖު (ހޭންގަރު)ގައި އެ ބޯޓު އޮއްވަ އެވެ. ރަޝިޔާ ސިފައިން އެ ބޯޓު ގޮއްވައިލިކަން އާންމުކުރައްވައި ރަޝިޔާގެ ދިފާއީ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަޝިޔާ ސިފައިންނަށް ޔޫކްރޭނަށް މާއްދީ ގެއްލުންތައް ދެވިދާނެ ކަމަށެވެ.

"ރަޝިޔާ އިން އަހަރެމެންގެ 'މްރިޔާ' ސުންނާފަތި ކޮށްލީ ކަމަށް ވެދާނެ. ނަމަވެސް ޔޫރަޕްގެ ވަރުގަދަ، މިނިވަން އަދި ޑިމޮކްރެޓިކް ގައުމެއްގައި ގޮތުގައި ދެމިއޮތުމަށް އަހަރެމެން މިދެކޭ ހުވަފެން ސުންނާފަތި ކޮށްލުމުގެ ގާބިލުކަމެއް އެމީހުންގެ ކިބަޔަކު ނެތް. ނަސްރު ލިބޭނީ އަހަރެމެންނަށް،" ރަޝިޔާގެ ދިފާއީ ވަޒީރު ޑިމީޓްރޯ ކުލޭބާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޔޫކްރޭންގެ ދިފާއީ އުފެއްދުންތަކާ ބެހޭ ކުންފުނިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ބޯޓު ހަލާކުވެފައިވާތީ، ރަޝިޔާގެ ހަރަދުގައި އަލުން އެ ބޯޓު މަރާމާތު ކުރެވިދާނެ އެވެ. އެކަމަށްޓަކައި ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއްގެ ހިނގާނެ ކަމަށާއި، މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށް ފަސް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މްރިޔާ އަށް ރަޝިޔާ ސިފައިން ހަމަލާ ދިން އިރު އެ ބޯޓު ބާއްވާފައި އޮތީ އިންޖީނެއް މަރާމާތު ކުރުމަށެވެ. އެ ބޯޓު އޮތް ވައިގެ ބަނދަރަށް ރަޝިޔާ ސިފައިން އިއްޔެ ހަމަލާ ދިން އިރު އެ ބޯޓުގެ އެއް އިންޖީނު އޮތީ ބޯޓުން ވަކިކޮށްފައި ކަމަށްވާތީ، އިއްޔެ އެ ބޯޓުގެ އެއްވެސް ދަތުރެއް ނުކުރެ އެވެ.

މްރިޔާ އަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދައުލަތެއްގެ ގޮތުގައި ޔޫކްރޭން (ޔުކްރޭނިއަން ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކް) އޮތް އިރު، 1980ގެ އަހަރުތަކުގައި ބަނދެފައިވާ މަތިންދާބޯޓެކެވެ. ޔޫކްރޭނުން މި ބޯޓު ބަނީ، ރޫސީ ވިލާތުގެ ޖައްވީ ދަތުރުތަކުގައި އޭރު ބޭނުންކުރަމުން އައި ޖައްވީ އުޅަނދުތައް އެއް ތަނުން އަނެއް ތަނަށް އުފުލުމަށެވެ.

އޭގެ ފަހުން 1991 ގައި ސޮވިއެޓް ޔޫނިއަން ރޫޅި ދިއުމުން ޖައްވީ ދަތުރުތައް ހުއްޓުމަކަށް އައިސް، އެ މަތިންދާބޯޓުގެ އެއްވެސް ބޭނުމެއް ނުކޮށް އަށް އަހަރު ވަންދެން ބާއްވާފައި އޮތެވެ. އޭގެ ފަހުން އަލުން މަރާމާތުކޮށް ބައެއް ބަދަލުތައް ގެނައުމަށް ފަހު، ވިޔަފާރި އުސޫލުން ވައިގެ މަގުން ބަރު މުދާ އުފުލުމުގައި، އެންޓޮނޯވް އެއާލައިންގެ ފަރާތުން އެ ބޯޓު ބޭނުންކުރަން ފެށީ ޖެނުއަރީ 3، 2002 ގަ އެވެ.