Roadha Mihaaru
ރަޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރަން ހުރަސްއަޅަނީ

ރަޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރަން ހުރަސްއަޅަނީ

27 ފެބުރުއަރީ 2022

ރަޝިއާ އިން ޔުކްރެއިންގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިއާގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެ ގައުމުގެ ސަރުކާރުން ހުރަސްއަޅަން ފަށައިފި އެވެ.

ރަޝިއާ އިން ޔުކްރެއިންގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިއާގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެ ގައުމުގެ ސަރުކާރުން ހުރަސްއަޅަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ސަރުކާރުން ވަނީ އެ ގައުމުގައި ފޭސްބުކް ބޭނުންކުރުމަށް ވެސް ދަތިކޮށްފަ އެވެ. ފޭސްބުކް ބޭނުންކުރަން ހުރަސްއަޅާފައި ވަނީ އެ ގައުމުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނަގާލަން އެ އެޕުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ.

ފޭސްބުކުން ބުނި ގޮތުގައި އެ ތުހުމަތުކުރީ، ރަޝިއާގެ ސަރުކާރުން ހިންގާ ބައެއް މީޑިއާތަކުގެ ޚަބަރުތަކުގެ ފެކްޓް ޗެކްކުރުމާއި ލޭބަލްކުރުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން އެދުނު ނަމަވެސް، އެ އެޕުން އެކަމާ ދެކޮޅު ހަދާފައި ވާތީ ކަމަށެވެ. އަދި އެ ގައުމުގައި ފޭސްބުކް ބޭނުންކުރުން މަނާކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ފޭސްބުކުން ބުންޏެވެ.

ރަޝިއާގައި ޓުވިޓާ ބޭނުންކުރުމަށް ވެސް ވަނީ ދަތިކޮށްފަ އެވެ. އެގޮތުން ޓުވިޓާ ލޯޑުވާ ސްޕީޑް އެ ގައުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދައްކޮށްފަ އެވެ.

ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ޔުކްރޭނުން މިހާތަނަށް 137 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އާއްމުން ވެސް ހިމެނެ އެވެ. އަދި 316 މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި ރަޝިއާގެ ހަމަލާތައް ވަރުގަދަކުރަމުން ދާތީ މިހާރު ޔުކްރެއިންގައި ވަނީ ކާފިއު ހިންގަން ފަށައިފަ އެވެ.